އެންޑީއޭ

އެންޑީއޭގެ އާ ސީއީއޯގެ މަގާމަށް އިމާދު

Oct 20, 2022
1

ހިންގުން ބޮއްސުންލާފައިވާ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމު ހުސްކޮށް އޮންނަތާ 17 މަސް ދުވަަސް ފަހުން އެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެންޑީއޭގެ ސީއީއޯ މަގާމަށް އައްޔަންކުރީ ސ. މަރަދޫފޭދޫ، އެވަރެސްޓް، އިމާދު ސޯލިހް އެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް މީގެކުރިން ހުޅުވާލި ފުރުސަތުތަކުގައި އެ މަގާމަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ. އެހެންވީ އޭރު އެ މަގާމުގެ މުސާރައަކީ ގާތްގަނޑަކަށް 12،500 ރުފިޔާ ކަމަށްވުމުން މުސާރަ ކުޑަވެގެން ކަމަށް އެންޑީއޭ އިން ބުނެފައިވެ އެވެ.

ފަހުން ޓީއޯއާރް އިސްލާހުކުރުމަށްފަހު ސީއީއޯގެ މުސާރައާއި އިނާޔާތްތަކަށް ޕޭކޮމިޝަން މެދުވެރިކޮށް ބަދަލުތަކެއް ގެނެސް އާ ސީއީއޯ ހޯދަން އެންޑީއޭ އިން އިއުލާންކުރީ މިދިޔަ އޮގަސްޓް އެއްވަނަ ދުވަހު އެވެ. ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ދިން މުއްދަތު ހަމަވިއިރު 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. ސީއީއޯގެ މަގާމަށް އިމާދު އައްޔަންކުރަން ނިންމީ ކުރިމަތިލެއްވި ހުރިހާ ބޭފުޅުންނާ ވަކިން އިންޓަވިއުކޮށް އެންމެ މަތިން މާކްސް ހޯއްދެވީ އޭނާ ކަމަށްވާތީ އެވެ.

އިމާދު ސޯލިހްގެ ތައާރަފް
އިމާދު ސޯލިހަކީ ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ އެންޑް ލޯ، މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޔުނިވަސިޓީ އޮފް ނޮޓިންހަމް އިން މާސްޓާޒް އިން އެޑިޔުކޭޝަނަލް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އިމާދަކީ ތައުލީމީ ދާއިރާގައި ޓީޗަރެއްގެ ވަޒީފާ އިން މަސައްކަތް ފައްޓަވައިގެން އެ ދާއިރާގެ ހިންގުމުގެ އެންމެ މަތީ މަގާމުތައް ވެސް ފުރުއްވި ބޭފުޅެކެވެ. އެގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވެވި އެވެ. އިމާދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

އެންޑީއޭގެ އާ ސީއީއޯ އަށް މުސާރައާއި އެލަވަންސްތަކާ އެކު ޖުމްލަ 48،450 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެ އެވެ. ސީއީއޯގެ މަގާމަށް އައްޔަންކުރާނީ ތިން އަހަރުގެ މުއްދަތަކަށެވެ.

އެންޑީއޭގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ހަބީބް، މިދިޔަ އަހަރުގެ މެއި 16 ވަނަ ދުވަހު މަގާމުން ވަކިކުރި ފަހުން އެ މަގާމު އޮތީ ހުސްކޮށެެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ދިޔަ އެންޑީއޭ މިދިޔަ މެއި މަހުގެ ފަސްވަނަ ދުވަހު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެސް ކޮށްފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެންޑީއޭ އުފައްދާފައިވީ ނަމަވެސް އެތަނުގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެ ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެންޑީއޭގެ މައްސަލަތަކެއް ބަލާފަ އެވެ.

އެންޑީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތް ކުރުމެވެ. އެކަމަކު އެ މަސައްކަތުގައި އެންޑީއޭ ފެއިލްވެފައިވާ ކަމަށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އާއިލާތަކުން ދަނީ ބުނަމުންނެވެ.