ދުނިޔެ

ލިޒް އިސްތިއުފާ ދެއްވުމަށް ނިންމަވައިފި

Oct 20, 2022

އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފި އެވެ.

އޭނާ އިސްތިއުފާ އިއުލާންކުރައްވާފައި މިވަނީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ 45 ދުވަސް ފަހުންނެވެ. ލިޒް މަގާމާ ހަވާލުވެވަޑައިގަތީ މިއަހަރުގެ ސެޕްޓެމްބަރު ހަވަނަ ދުވަހު އެވެ.

ލިޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާގެ ކޮންޒަވޭޓިވް ޕާޓީން ބޮޑުވަޒީރު ކަމަށް ބޭފުޅަކު ކަނޑައަޅަންދެން ހަފްތާއެއް ވަންދެން މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.

ލިޒް އިސްތިއުފާ ދެއްވުމަށް ނިންމަވާފައި މިވަނީ އޭނާ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގެންނަވަން މަސައްކަތް ކުރެެއްވި އިގްތިސާދީ ބަދަލުތަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކާއި އާންމު ރައްޔިތުންނާއި އަދި އަމިއްލަފުޅު ޕާޓީން ވެސް ގޮންޖެހުންތަކެއް ކުރިމަތިވުމުން ކުރިއަށް ވަޑައިގެންނެވޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ.

އިނގިރޭސި ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުން ދެން އެންމެ ކައިރީ ލިޒްގެ ކުރިން އެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން (ބޯޖޯ) އެވެ.

ބޮޑުވަޒީރުގެ މަގާމަށް ބޯޖޯ ގެންނެވުމަށް ކޮންޒަވޭޓިވް ޕާޓީގެ އަގުލަބިއްޔަތު މެމްބަރުން ބޭނުންވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ބޯޖޯއަށް ވެސް ބޮޑުވަޒީރުގެ މަގާމު ގެއްލި ވަޑައިގަތީ ހެއްދެވުނު ގޯސްތަކެއްގެ ސަބަބުންނެވެ. ދުނިޔެއަށް ކޮވިޑް ފެތުރިގަތް ވަގުތު އެ މަނިކުފާން އުޅުއްވީ ޕާޓީކުރެއްވުމުގަ އެވެ.