ބޮލީވުޑް

މީހުން އަދިވެސް ގޮވަނީ ސަލްމާނުގެ ޅިޔަނޭ ކިޔާފަ: އަޔޫޝް

އަޔޫޝް ޝަރުމާ އަކީ ފިލްމީ ތަރިއަކަށް ވިޔަސް ގިނަ މީހުންނަށް އަދިވެސް އޭނާ އެނގެނީ ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އަދި ސަލްމާންގެ ޅިޔަނުގެ ގޮތުގަ އެވެ. އަދި މިއީ ސޯޝަލް މީޑީއާގައި ގިނަ ބަޔަކު އޭނާއަށް މަލާމާތްކުރާ ވެސް ކަމެކެވެ.

ދާދިފަހުން އަޔޫޝް ބައިވެރިވި އިވެންޓެއްގައި ވާހަކަ ދައްކަމުން އޭނާ ބުނި ގޮތުގައި މީހުން އޭނާއަށް އަދިވެސް ގޮވަނީ "ސަލްމާނުގެ ޅިޔަނޭ" ކިޔާފަ އެވެ. އަދި އޭނާ އަރްޕިތާއާ ކައިވެނި ކުރީ ފައިސާ އަށޭ އެއް ބަޔަކު ކިޔާއިރު އަނެއް ބަޔަކު ކިޔަނީ އެއީ ސަލްމާން މެދުވެރިވެގެން ފިލްމު ކުޅުމުގެ ފުރުސަތު ހޯދުމަށް ކުރި ކައިވެންޏެއް ކަމަށެވެ.

ފިލްމީ ތަރިންގެ ދަރިއަކަށް އޭނާ ނުވިޔަސް ހިންދީ ފިލްމު އިންޑަސްޓްރީއާ ގުޅުން ނެތް ބޭރުން އަންނަ މީހުން ފިލްމީ މަސައްކަތް ހޯދަން ކުރަން ޖެހޭ ވަރަށް އަޔޫޝް އަކަށް ފިލްމުކުޅުމުގެ ފުރުސަތު ހޯދަން މަސައްކަތް ކުރަން ނުޖެހުނުކަން ޚުދް އަޔޫޝް ވެސް ގަބޫލު ކުރެ އެވެ.

އަޔޫޝް ލޯންޗުކުރީ ވެސް ސަލްމާނެވެ. އަދި މިހާރު އޭނާ ކުޅެނީ ވެސް ސަލްމާން ޕްރޮޑިއުސްކުރާ ނުވަތަ ކޮންމެވެސް ގޮތަކުން އެ ފިލްމަކަށް ނުފޫޒު ފޯރުވާ ފިލްމުތަކެވެ.

އަޔޫޝް ބުނި ގޮތުގައި ގިނަ މީހުން ގަބޫލުކުރަނީ އޭނާ ސަލްމާންގެ ކޮއްކޮއާ ކައިވެނިކުރީ ޑައުރީގެ ގޮތުގައި ސަލްމާނު ގިނަ އަދަދެއްގެ ފައިސާ ދީގެންނެވެ. މިފަދަ ވާހަކަތަކުން އޭނާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުދިކުދިވެގެންދާ ކަމަށް އަޔޫޝް ބުންޏެވެ.

އަޔޫޝް އަތުގައި މިހާރު އޮތީ "އަންތިމް:ދަ ފައިނަލް ޓްރުތު" އެވެ. މިއީ ވެސް ސަލްމާން ލީޑް ރޯލް ކުޅޭ ފިލްމެކެވެ.

އަރްޕިތާ އާއި އަޔޫޝް ކައިވެނިކުރީ 2014 ގައެވެ. މި ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ.