ލައިފްސްޓައިލް

އުފަންވީއިރު ރަހިމު ނެތް އަންހެނަކު ދަރިއަކު ވިހައިފި

އަމަންޑާ ގްރޫނެލް އަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ އަދި އަމިއްލަ ދަރިން ހޯދުމުގެ ހުވަފެން ވަރަށް ކުޑައިރުއްސުރެ ދެކެމުން އައި އަންހެނެކެވެ. ނަމަވެސް ފުރާވަރު އުމުރުގައި އެއްގޮތަކަށް ވެސް އޭނާ ޕީރިއަޑެއް ނުވި އެވެ. އަދި އުމުރުން 13 އަހަރުގައި ޑޮކްޓަރަށް ދެއްކުމުން ލިބުނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. އަދި އޭނާއަށް ދުވަހަކުވެސް ދަރިއަކު ނުލިބޭނެކަން އަމަންޑާ އަށް މުޅިން ޔަގީން ކުރެވުނެވެ.

އަމަންޑާ އުފަންވީ ރަހިމު ނެތި އެވެ. މީގެ މާނައަކީ ދަރިއަކު ގަރުބަގަނެ ވިހެއުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ނެތުމެވެ. ނުވަތަ އޭރު އެންމެން ވެސް ގަބޫލުކުރީ އެގޮތަށެވެ.

އަމަންޑާ ކައިވެނި ކޮށްގެން ގިނަ ދުވަސްތަކަކު އުޅެފައި އުމުރުން 32 އަހަރުގައި ފިރިމީހާ ކައިރިން ވަރިވީ އެވެ. އެހިސާބުން އޭނާގެ ގާތް އެކުވެރިޔަކު ވަރަށް ރަނގަޅު މަޝްވަރާއެއް އޭނާއަށް ދިނެވެ. ޔޫޓެރީން ޓްރާންސްޕްލާންޓް ކޮށްގެން ދަރިއަކު ހޯދުމަށް މަސައްކަތް ކުރުމުގެ ޚިޔާލެވެ.
މިފަދަ މީހުން ބައިވެރިކޮށްގެން ކުރިޔަށް ގެންދިޔަ ޓްރައަލް އެއްގައި އަމަންޑާ އެންމެ ފަހުން ބައިވެރިވި އެވެ. އަދި މަރުވެފައިވާ މީހެއްގެ ރަހިމު ނަގައި އޭނާގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓްކުރަން އެއްބަސްވި އެވެ.

އެ ދުވަސްވަރަކީ އޭނާގެ މަންމަ އޯވޭރިއަން ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ ދުވަސްވަރެވެ. އަދި ކޮވިޑް ޕެންޑެމިކްގެ ކަޅު ވިލާތައް މުޅި ދުނިޔެ ބައްދަމުން ދިޔަ ދުވަސްވަރެވެ. ނަމަވެސް މީގެން އެއްވެސް ކަމަކުން ދަރިއަކު ލިބޭތޯ އަމަންޑާ ކުރަން ގަސްތުކުރާ ކަމަކަށް ހުރަހެއް އެޅުނަކަ އޭނާ ނުދިނެވެ.

ރަހިމު ޓްރާންސްޕްލާންޓްކޮށް އައިވީއެފް ހަދައިގެން ކުއްޖަކު ހޯދަން އޭނާ ހުރީ ކަމަރު ބަނދެގެންނެވެ. މިކަމުގައި އޭނާގެ މަންމަ އާއި ލޯބިވެރިޔާ ޖޯންގެ ފުރިހަމަ އެއްބާރުލުން އަމަންޑާއަށް ލިބުނެވެ.

އަމަންޑާގެ ރަހިމު ޓްރާންސްޕްލާންޓް ކާމިޔާބުވެ އައިވީއެފް ހަދައިގެން މާޗް 2021ގައި އޭނާ ވަނީ މަންމައަކަށް ވެފަ އެވެ. އަމަންޑާ ވިހެއީ ސިއްހަތު ރަނގަޅު އަންހެން ކުއްޖެކެވެ. އެ ކުއްޖާއަށް އޭނާ ކީ ގްރޭސް އެވެ.

އަމަންޑާގެ ވާހަކައަކީ ވަރަށް އާދައިގެ ވާހަކައެއް ކަމަށް ހީވިޔަސް ހަގީތުގައި މިއީ އެހާ އާދައިގެ ވާހަކައެއް ނޫނެވެ. ރަހިމު ނެތްކަން އެނގުނު ދުވަހުން ފެށިގެން ރަހިމު ޓްރާންސްޕްލާންޓްކޮށްގެން ދަރިއަކު ލިބުމާ ހަމައަށް އަމަންޑާ ވަނީ ގިނަ ގުނަ ވޭންތަކާއި ހިތްދަތި އެތައް ކަމެއް އަދި ބޮޑެތި އިމްތިހާނުތަކާ ކުރިމަތިލާފަ އެވެ.