ރައްޔިތުންގެ މަޖިލިސް

ޕާޓީން ވަކިކުރާތީ ހުށަހެޅި މައްސަލަ ބަލައިގެންފި

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމުގައި އަމަލުކުރާ އުސޫލާ ގުޅިގެން އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގެ ރިޕޯޓު މަޖިލީހުން ފާސްކޮށްފި އެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ފާސްކުރީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 41 މެންބަރުންގެ ވޯޓުންނެވެ.

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމުގައި އަމަލުކުރާ އުސޫލުގެ ސަބަބުން އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ.

ޖޫން 7، 2022 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމާއި ޕާޓީން މެންބަރުން ވަކިކުރުމުގައި އެ މީހުންގެ އެއްވެސް ބައިވެރިވުމެއް ނެތި އަމަލު ކުރަމުންދާ ކަމަށެވެ.

ގާނޫނު އަސާސީގެ 30 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިފައިވާ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އެ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތްކުރަން ބޭނުންވާ މީހުންނަށް އެ ހައްގު ގެއްލޭ ކަމަށާއި އެމީހުންގެ އިހުތިޔާރު ނަގާލައި އެ މީހުންގެ ނަމުގައި ނުހައްގު މާލީ މަންފާ އާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުންދާކަން އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ކޮމިޓީގެ ނައިބު މުގައްރިރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ވަނީ ކޮމިޓީއަށް ފާހަގަވި ކަންކަމާއި ކޮމިޓީން ހުށަހެޅި ކަންކަން ފާހަގަކޮށްފަ އެވެ. އެގޮތުން މީހަކަށް ނޭނގި އެ މީހަކު އެހެން ޕާޓީއެއްގެ ދަފުތަރުގައި ހިމަނާފައި އޮވެއްޖެ ހާލަތެއްގައި އަދި އެއީ އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތި ކޮށްފައިވާ ކަމެއްކަން ސާބިތުކޮށްދީފި ނަމަ އޭނާގެ ރަޖިސްޓަރީ ކުރިން އޮތް ޕާޓީގައި ބޭއްވޭނެ އުސޫލެއް ކަނޑައެޅުމަށް ކޮމިޓީން ވަނީ ހުށަހަޅާފަ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނު އިސްލާހުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފެންނަ އިސްލާހުތައް ހިމަނައިގެން އެ ކޮމިޝަނުން އެކުލަވާލާ އިސްލާހުތައް އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާއެކު އެބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޓީއަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށްވެސް މީކާއީލް އެ ދުވަހު ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އިނގިލީގެ ނިޝާން އަޅާކިޔޭނެ ޑޭޓާ ބޭސްއެއް އިލެކްޝަންސް ކޮމިޝަންގައި ނެތް ކަމަށާއި އިނގިލީގެ ނިޝާންގެ ސައްހަކަން ކަށަވަރުކުރެވޭނެ އެއްވެސް ގޮތެއް މިވަގުތު އެ ކޮމިޝަންގައި ނެތްކަން ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ފޯމުގައި ހުރި މައުލޫމާތު ކަށަވަރުކުރުމަށް ފޯމުގައިވާ ހެކިން ހާޒިރުކޮށްގެން އެކަން ކުރެވޭނެ ގާނޫނީ ބާރުވެރިކަން އިލެކްޝަންސް ކޮމިޝަނަށް ލިބިގެންނުވާކަން ފާހަގަކޮށްފައިވެ އެވެ.