ދުނިޔެ

ރަޝިއާއަށް ވިސާ ދޭން އެމެރިކާ ދެކޮޅު ހަދަނީ

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން އެމެރިކާގެ ވޮޝިންގްޓަންގައި އޮކްޓޯބަރު 26-28 އަށް ބާއްވާ "އިންޓަނޭޝަނަލް މިނިސްޓީރިއަލް ކޮންފަރެންސް އޮން ނިއުކްލިއާ ޕަވާ އިން ދަ ޓްވެންޓީ ފަސްޓް ސެންޗަރީ" ބައްދަވުން އޮންނާނެ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް އައިއޭއީއޭ މެމްބަރު ގައުމުތަކަށް ދައުވަތު ފޮނުވާފައި އޮތް ނަމަވެސް އެމެރިކާއަށް ދާ ރަޝިއާގެ އޮފިޝަލުންނަށް ވިސާ ދޭން ވޮޝިންގްޓަނުން ބޭނުންނުވާކަން ހާމަވެއްޖެ އެވެ.

ރަޝިއާގެ ނިއުކްލިއާ އެނާޖީ ކޮމްޕެނީ ރައްސާތަމް އިން ބުނި ގޮތުގައި ރަޝިއާގެ އޮފިޝަލުންނަށް ވިސާ ނުދެވޭނެ ކަމަށް ވޮޝިންގްޓަނުން އަދި ބުނެފައި ނެތް ނަމަވެސް، ވިސާ ހިފަހައްޓާފައި އޮތްކަން ވަނީ ކަށަވަރުވެފަ އެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ އަކީ ދުނިޔޭގައި -- ގައުމުތަކުގައި ނިއުކްލިއާ ބޭނުންކުރާ މިންގަނޑު ދަރަޖަކޮށް ރައްކާތެރިކަމާ އެކު ނިއުކްލިއާ ހަކަތަ ބޭނުންކުރަން ބާރުއަޅާ ޖަމާއަތެކެވެ.

ގައުމެއްގައި ނިއުކްލިއާ ޕަވާ ޕްލާންޓެއް ބެހެއްޓި ނަމަވެސް އޮޓޮމިކް އެނޭޖީ އޭޖެންސީން ފާސްކޮށްފައި އޮންނަ ގަވާއިދަކަށް ފެތެން ޖެހެ އެވެ.

ރައްސާތަމް އިން ބުނި ގޮތުގައި ދުނިޔެއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދޭ ޖަމާއަތެއްގެ ނިންމުމަށް ވެސް އެމެރިކާ އެއްވެސް އިހުތިރާމެއް ނުކުރެ އެވެ.

އައިއޭއީއޭގެ ސަމިޓަކަށް މެމްބަރު ގައުމަކަށް މަންދޫބުން ފޮނުވޭ ގޮތް ނުވުމަކީ އެމެރިކާގެ އިހުތިރާމް ކުޑަ އަމަލެއް ކަމަށް ވެސް ރަޝިއާ ބުނެ އެވެ.

އެމެރިކާގައި ބައިނަލްއަގްވާމީ ޖަމާއަތެއްގެ މައި މަރުކަޒު ބިނާކުރާއިރު އެމެރިކާ ސަރުކާރާ އެކު ކުރެވޭ އެއްބަސްވުމެއް އޮވެ އެވެ.

މި އެއްބަސްވުމުގެ ދަށުން މެމްބަރު ގައުމަކުން ފޮނުވާ މަންދޫބުންނަށް އެމެރިކާގެ ކަސްޓަމުންނާއި އިމިގްރޭޝަނުން ހުރަސްއަޅައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮވެ އެވެ.

އެހެން ނަަމަވެސް، އދ. އިން އިންތިޒާމްކުރާ ބައެއް ބައްދަލުވުން ތަކުގައި ބައިވެރިވާ ރަޝިއާގެ އޮފިޝަލުން އެމެެރިކާއަށް ނާރުވާ ފޮނުވާލާފައި ވެސް ވެއެވެ.

މިކަމާ ބެހޭ ގޮތުން ރަޝިއާ ބުނީ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބާއްވާ އިދާރީ ބައްދަލުވުން ތަކުގައި ބައިވެރިވުމަކީ ޝަރަފެއް ނޫން ކަމަށެވެ. އެއީ މެމްބަރު ގައުމުތަކަށް މަޖުބޫރު ކަމެއް ކަމަށްވެސް ރަޝިއާ ބުނެ އެވެ.