އިމިގްރޭޝަން

މިދިޔަ އަހަރު 60،967 ވޯކް ވިސާ ދޫކުރި

Oct 22, 2022

މޯލްޑިވްސް އިމިގްރޭޝަނުން މިދިޔަ އަހަރު 60،967 ވޯކް ވިސާ ދޫކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވަނީ އިމިގްރޭޝަންގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ވެސް އާންމުކޮށްފަ އެވެ. ޑިފެންސް މިނިސްޓްރީއަކީ އިމިގްރޭޝަންގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ވުޒާރާ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 2،465 ޑިޕެންޑެންޓް ވިސާ އާއި 929 ބިޒްނަސް ވިސާ ދޫކޮށްފައިވެ އެވެ. މީގެއިތުރުން 570 ސްޕެޝަލް ވިސާ އާއި 422 ސްޓޫޑެންޓް ވިސާ އަދި 422 ރެސިޑެންޓް ވިސާ ނުވަތަ މެރިޖް ވިސާ ދޫކޮށްފައިވެ އެވެ.

މިދިޔަ އަހަރު ރާއްޖެ އައި ފަސިންޖަރުންގެ ތެރެއިން 1،590 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވެ އެވެ. އެގޮތުން ރާއްޖެ އެތެރެނުކޮށް ރާއްޖެ އައި ފްލައިޓުން 535 ފަސިންޖަރުން އަނބުރާ ފޮނުވާލިއިރު ޑިޓެންޝަން ފެސިލިޓީގައި ބެހެއްޓުމަށްފަހު 1،055 ފަސިންޖަރުން އަނބުރާ ފޮނުވާލާފައިވެ އެވެ.

މީގެއިތުރުން އެކިއެކި ސަބަބުތަކާއި ހުރެ ރާއްޖެއިން 276 ބިދޭސީން ޑީޕޯޓްކުރިއިރު ސިއްހީ ސަބަބުތަކާ ހުރެ 36 ބިދޭސީން ފުރުވާލާފައިވެ އެވެ. އަދި ކުލިއަރެންސްގެ ދަށުން 2،147 ބިދޭސީން ފުރުވާލާފައިވެ އެވެ.

އަހަރީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު 242 ޕާސްޕޯޓެއް ގެއްލިގެން ރިޕޯޓްކުރެވުނުއިރު އަށް ޕާސްޕޯޓެއް ހަލާކުވެގެން ރިޕޯޓްކޮށްފައިވެ އެވެ.