އިމިގްރޭޝަން

ބޯޑަރާ ގުޅޭ އިދާރާތައް ފުރަތަމަ ފަހަރަށް މަޝްވަރާ ބައްދަލުވުމަކަށް

Oct 25, 2022

ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފުރަތަމަ ސިމްޕޯޒިއަމް ފަށައިފި އެވެ.

ހ. މީރުމާ ހޯލުގައި މިއަދު ހެނދުނު "މޯލްޑިވްސް ބޯޑާ ސެކިއުރިޓީ ސިމްޕޯޒިއަމް"ގެ ނަމުގައި ފެށި ސިމްޕޯޒިއަމްގައި ބޯޑަރާ ގުޅުންހުރި ހުރިހާ އިދާރާއަކުން ވެސް ބައިވެރިވެ އެވެ.

ދެ ދުވަހަށް ކުރިއަށްދާ ސިމްޕޯޒިއަމްގައި ރާއްޖޭގެ އިދާރާތަކުގެ އިތުރުން އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އާއި އދގެ ޑްރަގް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ)ގެ ބޭފުޅުން ވެސް ބައިވެރިވެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ މިފަދަ ސިމްޕޯޒިއަމެއްގެ އަމާޒަކަށް ވާނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ހުރި ދަތިތައް ހޯދައި ބަލައި ހައްލު ހޯދުން ކަމަށެވެ.

ސިމްޕޯޒިއަމްގައި މަޝްވަރާ ކުރާ ކަންކަމުގެ މައްޗަށް ބިނާކޮށް ބޯޑާ ސެކިއުރިޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ހެދުމަށްވެސް ނިންމާފައިވެ އެވެ.

ކޮވިޑް 19ގެ ފަހުން ގައުމުތަކުގެ ބޯޑަރުގައި ހިނގާ ކުށްތައް އިތުރުވެފައިވާ ގައުމުތައް ގުޅިގެން މައްސަލައަށް ހޯދަންޖެހޭ ކަމަށް އިމިގްރޭޝަން މޯލްޑިވްސް އިން ބުނެފައިވެ އެވެ.