އެންޑީއޭ

ހުޅުމާލޭގެ ހާފްވޭ ހައުސް އަންނަ މަހު އަލުން ހުޅުވަނީ

ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްއަށް ބަދަލުތަކެއް ގެނައުމަށްފަހު އަންނަ މަހު ހުޅުވާނެ ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ [އެންޑީއޭ]އިން ބުނެފި އެވެ.

އެންޑީއޭގެ ޗެއާމަން ޝަމާއު ޝަރީފް ވިދާޅުވީ ކުރިންވެސް ހުޅުމާލޭގައި ހާފްވޭ ހައުސް ހިންގަމުން ދިޔަ ކަމަށެވެ. ނަމަވެސް އެތަން އޭރު ހިންގަމުން ދިޔައީ ވަރަށް އާދައިގެ ގޮތަކަށް ކަމަށާއި އެތަން އޮތީ ވަރަށް ބޮޑަށް ބާވެ ގިނަ މަރާމާތުތަކެއް ކުރަން ޖެހިފައި ކަމަށެވެ.

"މިއަހަރު މިކުރެވުނު މަސައްކަތުގެ ތެރެއިން އެ މަރާމާތަކުތަކަށްފަހު އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަހުގެ މެދު ތެރޭ މިތަން ހުޅުވޭނެ. ރީއިންޓަގްރޭޝަން ހަބެއް ގޮތަށް ހާފްވޭ ހައުސްގެ މަސައްކަތްތައް ބަދަލު ކުރާނަން." ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާގެ ޕްރޮގްރާމްތައް ނިންމާފައި މުޖުތަމައަށް ނިކުންނަ މީހާއަށް ދޭންޖެހޭ އެހީތެރިކަން އެއްވެސް ފަރާތަކަށް ފޯރުކޮށް ނުދެވޭ ކަމަށެވެ. ނަތީޖާއަކީ އެމީހުން އަނބުރާ މަސްތުވާތަކެތީގެ މާހައުލަށް ނިކުތުން ކަމަށް ވިދާޅުވި އެވެ. ރީއިންޓަގްރޭޝަން ހަބެއް ގޮތަށް ހާފްވޭ ހައުސް ހުޅުވަނީ މުޖުތަމައަށް އަނބުރާ އަންނަ މީހާ އަލުން މަސްތުވާތަކެއްޗަށް ދިއުން ހުއްޓުވުމަށް ކަމުގައިވެސް ޝަމާއު ވިދާޅުވި އެވެ.

ހާފްވޭ ހައުސްގައި މަސްތުވާތަކެތީގެ ފަރުވާ ޕްރޮގްރާމްތައް ނިންމާފައި ނިކުންނަ މީހުންނަށް އެކިއެކި ތަމްރީންތައް ފޯރުކޮށްދޭނެ ކަމަށްވެސް ޝަމާއު ވިދާޅުވި އެވެ. އަދި ތަފާތު ހުނަރުތައް ދަސްކޮށްދީ ވަރަށް ގިނަ ޕްރޮގްރާމްތަކާއި ސެޝަންތައް ހިންގާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ހާފްވޭ ހައުސްގައި ފަރުވާ ހޯދާ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަކީ އެންޑީއޭގެ އަމާޒެކެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނި ތަކާއެކު މަޝްވަރާކޮށް އެއްބަސްވުން ތަކުގައި ސޮއި ކުރަމުން އަންނަ ކަމަށްވެސް ޝަމާއު ވިދާޅުވި އެވެ.

ހުޅުމާލޭގައި 2015 ވަނަ އަހަރު ހަދާފައިވާ ހާފްވޭ ހައުސް އަކީ އިޓަލީގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ކަރިޓާސް އިޓަލިޔާނާގެ އެހީތެރިކަމުގައި ކޮށްފައިވާ މަސައްކަތެކެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ މަރުކަޒުތައް ހެދުމަށް ކަމާ ގުޅޭ އިދާރާތަކަށް ލާޒިމުކުރެ އެވެ.