ބޮލީވުޑް

"ފިތޫރް"ގެ ޕަޝްމީނާ އަކީ ކޮޕީއެއްތަ؟

Jan 17, 2016

ޒުވާން ދެތަރިން ކަމަށްވާ އަދިތްޔަ ރޯއި ކަޕޫރާއި ކެޓްރީނާ ކައިފް ލީޑްރޯލުން ފެނިގެންދާ "ފިތޫރް"ގެ އެންމެ ހިތްގައިމު ލަވަ ކަމަށްވާ ޕަޝްމީނާ ވަނީ މިިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކޮށްފަ އެވެ.

މިލަވަ އަކީ މިއަހަރުގައި ނެރުނު އެންމެ ފުރަތަމަ ލޯބީގެ ލަވައަށް ވުމުން، މިލަވައަށް އަންނަނީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މިލަވަ ބެލުމަށްފަހު ގިނަބަޔަކު ކެޓްރީނާ އާއި އަދިތްޔަގެ ކެމިސްޓްރީ އަށް ތައުރީފުކުރަމުން އަންނަނީ އޮއްސަމުންނެވެ. ސްވާނަންދް ކިރްކިރޭގެ ލިރިކްސް އަށް އަމިތު ޓްރިވޭޑީ ކިޔާދީފައިވާ މިލަވަ އަކީ ލޯބީގައި ގެނބިގެންދާހާ ހިތްގައިމު ލަވައެކެވެ.

ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ މޮޅު ޑައިރެކްޝަނުން މިލަވައިގައި މިދެތަރިންގެ ކެމިސްޓްރީ އަށް ބެލުންތެރިންގެ ހިތް ބަންޑުންވާނެ ހެން ހުރިހާ މަންޒަރެއް ވެސް ނަގާފައިވަނީ ވަަރަށް ފުރިހަމަ ކޮށެވެ. ނަމަވެސް މިލަވައަށް ތައުރީފު އޮހެމުންދަނިކޮށް ބަޔަކު ވަނީ މިއީ އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ހިޓް ލަވައެއް ކަމަށްވާ "ތިންކިން އައުޓް ލައުޑް"ގެ ކޮޕީއެއް ކަމަށް ބުނަން ފަށާފަ އެވެ.

ޕަޝްމީނާގައި ފެނިގެންދާ ޑާންސްތަކާއި އެލަވަ ކުޅެފައިވާ ސެޓާއި ކެޓްރީނާ މިލަވައިގައި ބޭނުންކޮށްފައިވާ ކޮސްޓިއުމަކީ ހަމަ އެޑް ޝީރަންގެ ލަވައިން ފެންނަ މަންޒަރުތަކާއި ވަރަށް އެއްގޮތެވެ. ޕަޝްމީނާ އަކީ "ތިންކިން އައުޓް ލައުޑް" ގެ ކޮޕީއެއް ކަމަށް ބުނެ ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މިލަވައަށް ވަރަށް ފާޑުކިޔަމުންނެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން އަންނަނީ މިލަވައަކީ ކޮޕީއަކަސް އަދިތްޔަ އާއި ކެޓްރީނާގެ ކެމިސްޓްރީ ވަރަށް ގުޅޭ ކަމަށް ބުނެފަ އެވެ.

މިފިލްމަކީ ޗާލްސް ޑިކެންސްގެ ވާހަކަ ''ދަ ގްރޭޓް އެކްސްޕެކްޓޭޝަން'' ގެ މައްޗަށް އުފައްދާ ފިލްމަކަށް ވުމުން ފަހަރުގައި މިފިލްމުގެ ޑައިރެކްޓަރު އަބީޝެކް ފިލްމުގައި އިންޓަނޭޝަނަލް ފްލޭވާއެއް ގެންނަން ބޭނުންވީ އެވެ. ނުވަތަ މިފަހަރު މިއޮތީ ކޮޕީކުރެވިފަ އެވެ. ޕަޝްމީނާ އަކީ ކޮޕީއެއް ކަމަށް ބުނަމުން އައި ނަމަވެސް މިފިލްމާއި މެދު ބެލުންތެރިންގެ އުންމީދު ވަރަށް ބޮޑެވެ.

އަދިތްޔަ އާއި ކެޓްރީނާ އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ އަސަރުގަދަ ލޯބީގެ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12ވަނަ ދުވަހު އެވެ.