ބޮލީވުޑް

ރަންބީރާ ރުޅިވުމުގެ ކުރިން ކެޓްރީނާ ސަލްމާންގެ ލަފައެއް ހޯދި

Jan 17, 2016

ބޮލީވުޑްގެ ދެއެކްޓަރުން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްގެ ހަ އަހަރުވީ ލޯބީގެ ގުޅުން ނިންމާލި ވާހަކަވީ ގިނަ ބަޔަކަށް ބޮޑު ޝޮކަކަށެވެ.

މިދެތަރިން ކައިވެނިކުރާނެ އިންތިޒާރެއްގައި އެތައްބަޔަކ ތިއްބައި އެތަކެއް އަހަރުވީ ލޯބީގެ ގުޅުން ނިންމާލައި، މިދިޔަ ހަފްތާގެ ތެރޭގައި ރަންބީރު އެނބުރި އޭނާގެ މައިންބަފައިން ކައިރިއަށް ދިޔަ ހަބަރު އަދިވެސް ހުއްޓުމެއް ނެތި އަންނަނީ ދެކެވެމުންނެވެ.

ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުކަމަށް ބުނަމުން އައި މިދެތަރިން ރުޅިވުމާއި ގުޅިގެން މިދެމީހުން ކުރެ އަކަކު މިކަމާއި ގުޅޭ ގޮތުން އަދި އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެންމެފަހުގެ ހަބަރުތައް ބުނާގޮތުން މިދެތަރިން ވަކިވުމަށް ކެޓްރީނާ އަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ވަނީ ލަފާދީފަ އެވެ.

ފާއިތުވި އަހަރެއްހާ ދުވަހުން ފެށިގެން އެކުގައި ދިރިއުޅެމުން އައި ރަންބީރާއި ކެޓްރީނާއާ ދެމެދު މައްސަލަތައް ޖެހިގެން އުޅޭތާ މިހާރު ދެތިން މަހެއް ވެއްޖެ އެވެ. މިދެތަިންގެ ދެމެދުގައި މައްސަލަތައް ޖެހެން ފަށާފައިވަނީ ރަންބީރު އެންމެފަހުން ކުޅުނު ފިލްމު "ތަމާޝާ"ގެ ޕްރޮމޮޝަންގެ ތެރޭގައި ކުރީގެ ލޯބިވެރިޔާ ދިޕިކާ ޕަދުކޯން އާއި ދެމެދު އޮތް ގާތްގުޅުމުގެ ސަބަބުންނެވެ. ރަންބީރާއި ދިޕިކާއާ ދެމެދު ފައްކާވަމުން ދިޔަ އެކުވެރިކަމުގެ ސަބަބުން ކެޓްރީނާގެ ކެތްތެރިކަން ކޮޅުންލައި، އޭނާއާ ރަންބީރާ ދެމެދު ދިޕިކާއާ ހެދި ވަނީ މައްސަލަ ވަރަށް ގޯސްވެފަ އެވެ. މިދެތަރިންގެ ދެމެދުގައި ޖެހިގެން އުޅުނު މައްސަލަ ހައްލުކުރުމަށް ވަރަށް މަސައްކަތްކުރި ނަމަވެސް ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ނުގެންދެވޭނެ ކަމަށް ޔަގީންވުމުން ވަނީ ވަކިވެފަ އެވެ.

މިފަހުން ކެޓްރީނާއާ ރަންބީރާ ދެމެދު މައްސަލަތަކެއް ޖެހިގެން އުޅެނިކޮށް އޭނާ ވަނީ ސަލްމާން މިހާރު ކުޅެމުން އަންނަ ފިލްމު "ސުލްތާން"ގެ ޝޫޓިންގައި އުޅެނިކޮށް އެސެޓަށް ގާތްގަނޑަކަށް ދެގަޑިއެއްހާއިރު ވަންދެން ސަލްމާނާއި އޭނާއާ ރަންބީރުގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަތަކާއި ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

ބުނެވޭ ގޮތުގައި ރަންބީރާއި ރުޅިވާން ކެޓްރީނާ ނިންމާފައިވަނީ ސަލްމާނާއާ އޭނާގެ ހިތުގައި ހުރި އުދާސްތައް ހިއްސާކުރުމަށްފަހު އެވެ. ހަބަރުތައް ބުނާގޮތުން ރަންބީރާއެކު ކެޓްރީނާ ކުޅެމުން އައި އަނޫރާގް ކަޝްޔަޕްގެ "ޖައްގާ ޖާސޫސް" ކުޅުންވެސް މިދެތަރިން ވަނީ ސަލްމާން އާއި ކެޓްރީނާ ބައްދަލުކުރި ދުވަހު ހުއްޓާލާފަ އެވެ. މިފިލްމުގެ ނުނިމި ހުރި މަންޒަރުތައް މިމަހުގެ ތެރޭގައި ނަގަން ފަށާނެ ކަމަށް ކުރިން އަނޫރާގް ވަނީ ބުނެފަ އެވެ.

ރަންބީރާއި ކެޓްރީނާއާ ދެމެދު މައްސަލަތައް ޖެހިގެން އުޅޭ ކަމުގެ އަޑުތައް އަރަން ފެށިފަހުން ސީކިއު މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ވަނީ ރަންބީރަކީ އެކަކާ ރައްޓެހިވެގެން މާގިނަ ދުވަހު އުޅެވޭ މީހެއް ނޫންކަމަށާއި ރަންބީރުގެ އާއިލާއާ އޭނާގެ ދެމެދުގައި އޮންނަނީ އެހާ ރަނގަޅު ގުޅުމެއް ނޫންކަމަށްވެސް ބުނެފަ އެވެ.

ރަންބީރާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅުނީ މިދެތަރިން 2009 ވަނަ އަހަރު ކުޅުނު "އަޖަބް ޕަރޭމްކީ ގަޒަބް ކަހާނީ"ގެ ތެރެއިންނެވެ. މިފިިލްމުގެ ޝޫޓިން ތެރެއިން މިދެތަރިންގެ ގުޅުން ބަދަހިވެ، ރަންބީރު ވަނީ އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިޕިކާއާ ރުޅިވެފަ އެވެ. އަދި ކެޓްރީނާ ވެސް ވަނީ ސަލްމާންއާ ރުޅިވެފަ އެވެ.