ދުނިޔެ

ފިލިޝަން ކަބޫގާ: އެތައް ބައެއްގެ ގާތިލެއް

ރުވަންޑާގައި 1994 އަހަރު ހިނގާ ދިޔަ ގަތުލުއާންމުގައި ނަފްރަތުގެ ޕްރޮޕެގެންޑާ ބްރޯޑްކާސްޓް ކުރުމާއި ހަނގުރާމަވެރި ގުރޫޕްތަކަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ތުހުމަތުކުރެވޭ، އުމުރުން 87 އަހަރު ފުރިފައިވާ ފިލިޝަން ކަބޫގާގެ ޝަރީއަތް ދަ ހޭގްގެ ޔުނައިޓެޑް ނޭޝަންސްގެ ކޯޓުގައި މިހާރު ވަނީ ފަށާފަ އެވެ.

ފިލިޝަން ކަބޫގާ ވަނީ އޭނާ އަށް ކުރާ ހުރިހާ ދައުވާ އަކަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންކާރުކޮށްފަ އެވެ. އަދި އޭނާގެ ދަރިފުޅު މެދުވެރިކޮށް ނެރުނު ބަޔާނުގައި އޭނާއަށް ކަނޑައަޅާފައިވާ ވަކީލަށް އިތުބާރު ނުކުރާ ކަމަށާއި އޭނާގެ މުދާ ހިފަހައްޓައިފައިވާތީވެ ބޭނުންވާ ފެންވަރެއްގެ ވަކީލެއް އައްޔަނުކުރުމަށް ނުކުޅެދިފައިވާ ކަމަށް ބުނެފައިވެ އެވެ.

ރުވަންޑާގެ ގަތުލުއާންމަށް 28 އަހަރު ވެފައިވާއިރު ފިލިޝަން ކަބޫގާގެ މައްޗަށް ހަތް ތުހުމަތެއް ނުވަތަ ދައުވާއެއް ކުރެ އެވެ.

ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ރުވަންޑާ އިން ފިލިޝަން ކަބޫގާގެ މައްޗަށް ދައުވާ އުފުލާފައިވަނީ 1997 ވަނަ އަހަރު އެވެ. އޭނާ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ މެއި މަހު ފްރާންސްގެ ޕެރިހުގައި އާދައިގެ ފެންވަރަކަށް ހަދާފައި ހުރި އެޕާޓްމަންޓަކުންނެވެ.

ފިލިޝަން ކަބޫގާ އަކީ ކާކު

ފިލިޝަން ކަބޫގާ އަކީ މާޗް 1، 1933 ވަނަ އަހަރު ރުވަންޑާގެ ދަނޑުވެރިކަން ކުރާ އާއިލާ އަކަށް އުފަންވި މީހެކެވެ. އެކި އެކި ވިޔަފާރިކޮށް މުއްސަނދިވި ކަބޫގާ އަކީ ރުވަންޑާ ސަރުކާރަށް ތާއީދުކުރަމުން ދިޔަ މިލިއަނަރެކެވެ. ފިލިޝަން ކަބޫގާގެ މައްޗަށް ކުރެވޭ އެންމެ ބޮޑު ތުހުމަތަކީ ރުވަންޑާ ގަތުލުއާންމުގައި ބޭނުންކުރުމަށް ޖެނުއަރީ 1993 ވަނަ އަހަރުން ފެށިގެން މާޗް 1994 ވަނަ އަހަރާއި ދެމެދު ރުވަންޑާއަށް ފަސް ލައްކަ ކަތިވަޅި އެތެރެ ކުރުމަށް ހަރަދު ކުރުމެވެ.

ފިލިޝަން ކަބޫގާ އަކީ ރޭޑިއޯ ސްޓޭޝަނެއް މެދުވެރިކޮށް ޓުޓްސީން ގަތުލުކޮށް ނެތިކޮށްލުމަށް ގޮވާލަމުން ގެންދިޔަ އާރްޓީއެލްއެމްގެ އެއް މުއައްސިސް އަދި ރޭޑިއޯ ސްޓޭޝަން ހިންގުމަށް ފަންޑު ކުރަމުން ދިޔަ މީހެކެވެ. މި ރޭޑިއޯ ސްޓޭޝަނުން ވަނީ ގަތުލުއާންމުގެ ތެރޭގައި މަރާލަންޖެހޭ މީހުންގެ ނަންތަކާއި އެމީހުން ތިބި ތަންތަން އިއުލާނުކުރަމުން ގެންގޮސްފަ އެވެ.

ރުވަންޑާ ގަތުލުއާންމަށް ފަހު އެކިއެކި ގައުމުތަކުގައި ފެލިޝަން ކަބޫގާ ވަނީ ނަމާއި ސިފަ ބަދަލުކޮށްގެން ދިރިއުޅެފަ އެވެ. އޭނާ ހައްޔަރުކުރީ އެކަމަށް އެހީތެރިވެދޭ މީހަކަށް ފަސް ލައްކަ ޑޮލަރުގެ އިނާމެއް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުށަހަޅާފައި ވަނިކޮށެވެ.

ފިލިޝަން ކަބޫގާއަށް ކުރާ ތުހުމަތުތައް

  • ގަތުލުއާންމު ހިންގުން
  • ގަތުލުއާންމު ހިންގަން ހިތްވަރު ދިނުން
  • ގަތުލުއާންމު ހިންގަން ރޭވުން
  • ސިޔާސީ މީހުން މެރުން
  • ލާއިންސާނީ އަމަލު ހިންގުމުގެ ގޮތުން މީހުން މެރުން
  • ބަޔަކު ނެތިކޮށްލުން
  • ބަޔަކަށް ނުހައްގުން އަނިޔާ ދިނުން

ގަތުލުއާންމު ފެށުނީ ކިހިނެއް

ކަބޫގާ ހައްޔަރުކުރުމާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ރެސިޑުއަލް މެކޭނިޒަމް ފޯ ކްރިމިނަލް ޓްރައިބިއުނަލްގެ ޗީފް ޕްރޮސެކިއުޓާ ސާޖް ބްރެމާޓްޒް ވިދާޅުވީ މިއީ ގަތުލުއާންމަށް ޒިންމާވާންޖެހޭ ފަރާތްތަކާއި ގާނޫނު އަރާ ހަމަކުރާނެ ކަމުގެ ހަނދާންކޮށް ދިނުމެއް ކަމަށެވެ. އެއީ އެމީހުންގެ ކުށަށް 26 އަހަރުވީ ނަމަވެސް ކަންހިނގާނެ ގޮތް ކަމަށް ވިދާޅުވި އެވެ. ކަބޫގާ ހައްޔަރުކުރުމަކީ ރުވާންޑާގެ ރައްޔިތުންނަށް އިންސާފު ހޯދައިދޭން ކުރަމުންދާ މަސައްކަތުގައި ލިބޭނެ ކާމިޔާބެއް ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

ރުވަންޑަން ޕެޓްރިއޯޓިކް ފްރަންޓް ނަމަކަށް ކިޔާ ޓުޓްސި ދަރިފަސްކޮޅަށް ނިސްބަތްވާ ގުރޫޕަކުން 1990 ވަނަ އަހަރު އުތުރު ރުވަންޑާއަށް ވެރިވެގަތުމުން ރުވަންޑާގެ އޭރުގެ ސަރުކާރާއި ދެމެދު ދާހިލީ ހަނގުރާމައެއް ފެށިގެން ދިޔަ އެވެ. ހަނގުރާމައަށް ތިން އަހަރު ފުރިގެން ދިޔައިރު އެއްވެސް ބަޔަކަށް ހަނގުރާމައިގައި ކާމިޔާބެއް ނުލިބުމުން ރުވަންޑާގެ ސަރުކާރާއި އާރްޕީއެފް އާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއް ކަމުގައިވާ "އަރުޝާ އެކޯޑްސް" ގައި އޮގަސްޓް 4، 1993 ވަނަ އަހަރު ސޮއި ކުރެވުނެވެ.

މިއެއްބަސްވުން ނިމުމަކަށް އައީ އޭޕްރިލް 6، 1994 ވަނަ އަހަރު ރުވަންޑާގެ ރައީސް ޖުވްނަލް ހެބިޔަރިމާނާ، ދަތުރުކުރަމުން ދިޔަ ޖެޓް، މިސައިލެއް ބޭނުންކޮށް ވައްޓާލުމުން އޭނާ އަވަހާރަވީ ހާދިސާއާ ގުޅިގެންނެވެ. މިހާދިސާގެ ޒިންމާ ޓުޓްސި ދަރިފަސްކޮޅުންވެސް އަދި ސަރުކާރު ހިންގާ ހުޓު ދަރިފަސްކޮޅުންވެސް ނަގާފައެއް ނުވެ އެވެ. މި ހާދިސާ އަކީ 20 ވަނަ ގަރުނުގައި ހިންގި އެންމެ ލާއިންސާނީ ގަތުލުއާންމުގެ ފެށުމެވެ.

ސަތޭކަ ދުވަހަށް ދެމިގެން ދިޔަ ރުވަންޑާ ގަތުލުއާންމު ފެށުނީ އޭޕްރިލް 7، 1994 ގައެވެ. ހުޓު ސިފައިންނާއި ފުލުހުންނާއި ހުޓު ދަރިފަސްކޮޅަށް ނިސްބަތްވާ އާންމުން ނިކުމެ ޓުޓްސި ދަރިފަސްކޮޅުގެ ލީޑަރުންނާއި ހުޓު ދަރިފަސްކޮޅަށް ނިސްބަތްވާ އެކަމަކު ގަތުލުއާންމާ ދެކޮޅު މީހުން މަރަން ފެށި އެވެ. އެމީހަކު ނިސްބަތްވާ ދަރިފަސްކޮޅެއް ބަލައި އަނެކުން ގަތުލުކުރަން ފެށި މި ގަތުލުއާންމުގައި ކުޑަކުއްޖެއް އަންހެނެއް މުސްކުޅިއެއް ނެތި ކަނޑިންނާއި ބަޑިން ހަތިޔާރެއް ނުލިބުނު މީހުން ގަލުންނާއި ގޮށްމުށުން މީހުން މަރަމުން ގެނދިޔަ އެވެ. ދުނިޔޭގެ އެއްވެސް ގައުމަކުން އެކަން ހުއްޓުވުމަށް އެއްވެސް އާރުލާ މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. ގަތުލުއާންމުގެ ތެރެއިން ފަސްލައްކަ އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަނެ އަށްލައްކަ ޓުޓްސީން މަރާލި އެވެ. ގަތުލުއާންމު ފެށުމާ އެކު އާރްޕީއެފް އިން އަލުން ދާހިލީ ހަނގުރާމަ ފަށައި ރުވަންޑާގެ ސަރުކާރުގެ އަތް ދަށުގައިވާ ބިންތައް ހިފާ މި ގަތުލުއާންމުގެ ލީޑަރުންނާއި ސަރުކާރުގެ ވެރިން ފަހަތަށް ޖައްސައި މި ގަތުލުއާންމު ނިމުމަކަށް ގެނުވި އެވެ.

ރުވަންޑާގެ ގަތުލުއާންމަށް 28 އަހަރުވީއިރު މި ގަތުލުއާންމުން ސަލާމަތްވި ހަތަރު ލައްކަ މީހުންގެ ތެރޭގައި އަދިވެސް ވަންނާނެ ހިޔާވަހި ކަމެއް ނެތް 40،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.