އަރަބިއްޔާގެ ދަރިވަރުން މިހާރު ކިޔަވަމުންދާ ފޮރިން މިނިސްޓްރީގެ ކުރީގެ ވަގުތީ އިމާރާތުގެ ކުޑަދޮރުފަތެއް މަގުމައްޗަށް ވެއްޓި ފުނޑުފުނޑުވެއްޖެ އެވެ.
މިއަދު ހެނދުނު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމެއް އެނގިފައެއް ނުވެ އެވެ.
ވެއްޓުނު ކުޑަ ދޮރުފަތަކީ މަގުމައްޗަށްވާ ގޮތަށް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހަރުކޮށްފައިވާ ދޮރުފަތެކެވެ.
ކުޑަދޮރުފަތެއް ވެއްޓި ފުނޑުފުނޑުވެފައިވާ ކަމަށް ސްކޫލުން ޔަގީންކޮށްދެ އެވެ. ނަމަވެސް މިހާދިސާއާ ގުޅިގެން ސްކޫލުން އިތުރު އެއްޗެއް ނުބުނެ އެވެ.
އަރަބިއްޔާގެ ދަރިވަރުން ކިޔަވަން ލިބޭ އިމާރާތްތަކުގެ ފެންވަރު ދަށްކަމާއި އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ ބެލެނިވެރިން ގެންދަނީ ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރަބިއްޔާގެ ދަރިވަރުން ފޮރިން މިނިސްޓްރީގެ ކުރީގެ ވަގުތީ އިމާރާތަށް ބަދަލުކޮށް މިއަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު ކިޔެވުން ފެށީ ވެސް އެ ކުދިން ކުރިން ކިޔަވަމުން ދިޔަ އަރަބިއްޔާ ސްކޫލުގައި ހުރި އިމާރާތްތަކުގައި ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ކަމާ ގުޅޭ ދިރާސާއަކުން ހާމަވުމުންނެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އާ ސްކޫލެއް އަޅައިދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. ޖަމާލުއްދީން ސްކޫލުގެ ބާ އިމާރާތް ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް އަމީން ކޮންސްޓްރަކްޝަނަށް މިދިޔަ ސެޕްޓެމްބަރު 29 ވަނަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ.