ދުނިޔެ

ޝީ އަށް ރައީސްކަމުގެ ތިންވަނަ ދައުރެއް

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ)ގެ ވެރިޔާގެ މަގާމަށް ޝީ ޖިންޕިންގް ތިންވަނަ ދައުރަކަށް -- ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީން -- އިންތިހާބުކޮށްފި ކަމަށް އެ ގައުމުގެ ދައުލަތުގެ ނޫސް އެޖެންސީ ޒިންހުއާ އިން ބުނެފި އެވެ.

މި ނިންމުމާ އެކު ޗައިނާގެ ރައީސްގެ މަގާމުގެ ތިންވަނަ ދައުރެއް ވެސް ޝީ ޖިންޕިންގް އަށް ކަށަވަރުވީ އެވެ.

ހަފުތާއަކަށް ދިގުދެމިގެން ދިޔަ ސީޕީސީގެ 20 ވަނަ ކޮންގްރެސް ނިމުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

މި ބައްދަލުވުމުގައި ކަނޑައެޅުނު މުހިއްމު އަނެއް ނިންމުމަކީ ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ މިލިޓަރީ ކައުންސިލްގެ ޗެއާމަންގެ މަމާގު ތިންވަނަ ދައުރެއް ޝީ ކަށަވަރު ކުރެއްވުމެވެ. އެެހެންކަމުން ޗައިނާއަށް ނިސްބަތްވެފައި އޮންނަ އެންމެ ބާރުގަދަ ތިން މަގާމުވެސް ޝީ ޖިންޕިންގްއަށް ލިބިވަޑައިގަތީ އެވެ.

ތިންވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝީ ވިދާޅުވި ގޮތުގައި ޗައިނާއަށް ދުނިޔެ ބާކީ ނުކުރެވޭނެ ކަމަށާއި ދުނިޔެއަށް ވެސް ޗައިނާ ބާކީ ނުުކުރެވޭނެ ކަމަށެވެ. އޭނާ އަދި ވިދާޅުވި އެންމެން އެކުގައި އުޅެން ޖެހިފައި އޮތް ކަމަށެވެ.

ޝީ ވިދާޅުވި ގޮތުގައި ޗައިނާ ގޮވައިގެން އާ ޖީލުތައް ކަޑައްތު ކުރުމުގެ ކުޅަދާނަކަން ސީޕީސީ އަށް ވަނީ ލިބިފައިވެ އެވެ. އާ ޖީލުތައް ޒަމާނަށް ހޭލަން ޖެހިފައި އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕާޓީގެ މެމްބަރުންނަށް ޝީ އިލްތިމާސް ކުރެއްވީ މާޒީން އުނގެނި އިތުބާރު ހޯދައި އަޒުމާ އެކު ކުރިއަރައި ދިއުމަށް ހިތްވަރު ކުރުމަށެވެ.

ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވަންދެން ސީޕީސީއަށްޓަކައި ނޫސްވެރި ންކޮށްދެއްވި މަސައްކަތްތަކަށް ވެސް ޝީ ޝުކުރު އަދާކުރެއްވި އެވެ.

ސީޕީސީގެ ސިޔާސަތު ދުނިޔެއަށް އާންމުކޮށް ދެއްވުމުގައި ނޫސްވެރިން ކުރެއްވި ބުރަ މަސައްކަތަތްތަކަށް ވެސް ޝީ ތަކުރާރުކޮށް ޝުކުރު އަދާކުރެއްވި އެވެ.