( 20 އޮކްޓޯބަރ 2022 އާ ގުޅޭ )
ނިދިފައި އޮތް މައިރާއަށް ހޭލެވުނީ ފޯނު ރިންގުވާތާ އިރުކޮޅެއް ފަހުންނެވެ. ގަޑިންވީއިރެއް އެނގެން ބޭނުންވެފައި އޮތެއްކަމަކު ފުރަތަމަ އޭނާ ފޯނުކޯލަށް ޖަވާބު ދޭން ކަންފަތުގައި ފޯނު ނަގައި ޖައްސާލިއެވެ. އަނެއްކޮޅުން އިވުނީ ރަޒާގެ ހާސްވެ ކަންބޮޑުވެފައިވާ އަޑެވެ. ހޮސްޕިޓަލުގައި އޮތް އިރުފާގެ ހާލު ބޮޑުވީއެވެ. އިނާޔާ ފޯނު ނުނަގާ ވާހަކަ ރަޒާ ބުންޏެވެ. ވީ އެންމެ އަވަހަކަށް އެންމެން ގޮވައިގެން ހޮސްޕިޓަލަށް އައުމަށް ރަޒާ އެދުނެވެ. އެ ޚަބަރުން މައިރާގެ ލޮލުގައިވީ ނިދި ފިލާ ހިނގައްޖެއެވެ. އެންމެ ސުކުންތެއް ވެސް ބޭކާރުކޮށްނުލައި މައިރާ ކޮޓަރިން ނުކުތެވެ. އިރުފާގެ ކޮޓަރިއާ ޖެހިގެން ހުންނަ އިނާޔާގެ ކޮޓަރީގައި އޭނާ ޓަކިދޭންފެށިއެވެ. އޭނާއަށް އާދެވުނީ ފޯނު ވެސް ހިފައިގެންނެވެ. އެހެންވެ ދޮރުގައި ޓަކި ދިނުމުގެ އިތުރުން އިނާޔާގެ ފޯނަށް މައިރާ ގުޅަންފެށިއެވެ. އެވަރުން އިނާޔާއަށް ހޭލެވޭނެކަން ޔަގީންކޮށްގެންނެވެ.
"މަންމާ... ހޭލަބަލަ..." ދޮރުފަތާ ކައިރިވެ ހުރެ މައިރާ ގޮވިއެވެ.
ނިދިގަދައީ ކަމެއް ނޫނީ އަޅާނުލާން އިނާޔާ އޮތީކަމެއް ނޭނގެއެވެ. އެ ކޮޓަރީގެ ދޮރު އޭނާ ހުޅުވާލީ މައިރާ ގޮވާތާ އިރުގަނޑެއްވީ ފަހުންނެވެ. އޭރުން އޭނާގެ މޫނުގައިވީ އަސަރުތަކުން މައިރާ ޖެހިލުންވާހާވިއެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުދިނީ މައިރާ ހާސްވެފައި ހުރިވަރުންނެވެ. ރަޒާ ގުޅާފައި ދެއްކި ވާހަކަ އަވަސްއަވަހަށް މައިރާ ބުނެލިއެވެ. އިނާޔާ ގާތު ތައްޔާރުވެލައިގެން ނުކުންނަން ބުންޏެވެ. މައިރާ ވެސް ހުރީ ނިދަން ލީ ޓީޝާޓާއި ހަރުވާޅުކޮޅުގައެވެ.
"ގައިމު އަހަރެން އައިއިރު އޭނާ ރަނގަޅު." އިނާޔާ ބުންޏެވެ.
"މަންމާ... އެންމެން އަންނާށޭ ރަޒާ އެބުނީ ތިއްތަގެ ހާލު ވަރަށް ގޯސްވީމަ. އަވަސްކޮށްލައިގެން އާދޭ. ދޮންބެދައްތައަށް ގޮވާލަން މިދަނީ." މައިރާ ބުންޏެވެ.
"ދޮންބެދައްތަ ހޭލާތަ؟" މައިރާ އައިސް ލިޔުޝާގެ ކޮޓަރީގައި ޓަކިޖަހާލާއިރަށް އޭނާ ދޮރު ހުޅުވާލުމުން މައިރާއަށް ބުނެވުނެވެ.
"މިރޭ ވަރަށް ނިދިމަޑުކޮށް އުޅެނީ. ނޭނގެ... ހީވަނީ ބޮޑުކަމެއްވާން އުޅެނީހެން." ލިޔުޝާގެ މޫނުން ފާޅުވީ ހާސްކަމާއި ކަންބޮޑުވުމެވެ. އެ އަސަރުތަކުން މައިރާގެ ހިތް ބިރުގަތެވެ. އޭނާ އަވަހަށް އިރުފާގެ ޚަބަރު ދިނެވެ.
"ހަމަތެދެއް!... މައިއާ މަންމައާ ދާން ދޯ ތިއުޅެނީ. އަހަރެން ވެސް ބޭނުން... އެކަމަކު ކިހިނެއް ދާނީ. ލަމް ނިދާފަ އޮއްވައި ނަގައިގަނެގެން ދާންޖެހޭނީ. އެކުއްޖާ އެކަނި ބާއްވާފައެއް ވެސް ނުދެވޭނެ." ލިޔުޝާ މިހެންބުނެ ތިރީތުންފަތުގެ ކޮޅުގައި ދަތްއަޅައިލިއެވެ.
"ލަމްކޮ ނަގާކަށް ނުފެނޭ. ދޮންބެދައްތަ ހުރޭ. އަހަރެން އެކޮޅަށް ގޮސް ގުޅާނަން." މައިރާ ބުނެލިއެވެ.
ހާލަތު އެނގުމުން ވެސް އިނާޔާއަށް ބޮޑުކަމެއް ވެގެން އުޅޭހެން ހިޔެއްނުވެއެވެ. އޭނާ ނުނިކުމެގެން ދެތިން ފަހަރު މައިރާ ގޮސް އެ ކޮޓަރީގެ ދޮރުގައި ޓަކިދީފިއެވެ. މައިރާ ހެދުން ބަދަލުކޮށްލައިގެން ނުކުމެ ސިޓިންރޫމުގައި އިންނަތާ ވެސް ބައިގަޑިއިރު ވެއްޖެއެވެ. އޭނާގެ ގާތުގައި ލިޔުޝާ ވެސް މަޑުކޮށްލައިގެން އިނެވެ. ރަޒާ ވެސް ދެވަނަ ފަހަރަށް ގުޅައިފިއެވެ. އެމީހުން އަންނަނީ ކޮންއިރަކުންތޯ ބަލާށެވެ. ޑަކްޓަރުން ވެސް އިރުފާގެ ޢާއިލާ މިވަގުތު ކައިރީ ތިބުމަށް އެދޭކަން ރަޒާ ބުންޏެވެ. ހިތްހަމަނުޖެހުނަސް އިނާޔާއާ ދިމާއަށް އެއްޗެއް ބުނުމަކީ މައިރާ ކުރާނެކަމެއްނޫނެވެ.
ހޮސްޕިޓަލަށް އައީ އިނާޔާގެ ކާރުގައެވެ. އެ ޕާކުކުރާނޭ ތަންކޮޅެއް ނުލިބިގެން އެތައް ވަގުތެއް ހޭދަވިއެވެ. ދެން ވެސް މައިރާ އެއްޗެއް ނުބުނެ ކެތްތެރިވީއެވެ. ގެއިން ނުކުތީއްސުރެ އިރުފާގެ ހާލު ރަނގަޅުވުމަށް އެދި މައިރާ ހިތާހިތުން ދުޢާ ކުރިއެވެ. އިނާޔާ ގޮވައިގެން އަވަސްފަރުވާދޭ ބަޔަށް އައިސް މަޑުކޮށްލަމުން ރަޒާއަށް އަވަހަށް މައިރާ ގުޅައިފިއެވެ. ނަމަވެސް ރަޒާ ފޯނެއް ނުނަގައެވެ. އެކަން އެނގުމާއެކު ވަގުތުން އިނާޔާ ކުދިކިޔަން ފަށައިފިއެވެ. ހާލު ގޯސްވެގެން އަވަސްއަރުވާލާފައި އަންނަން ބުނީ އެތާ އަނގަ ނަގައިގެން ތިބެންތޯ އިނާޔާ ބުންޏެވެ. އޭނާގެ އެއްވެސް އަޑެއް އިވޭކަމަށް ހަދާނުލާ މައިރާ އައިސް އެންމެ ކައިރީ ހުރި ގޮނޑިބަރީގައި އިށީނެވެ. ރަޒާ ފޯނަށް ޖަވާބު ނުދޭނީ އުނދަގޫ ހާލަތެއް މެދުވެރިވެގެންކަން މައިރާއަށް އެނގެއެވެ. އަދި އޭނާ ގުޅާފައި އޮތްކަން އެނގުނީމަ ރަޒާ ގުޅާނެކަން ވެސް ޔަގީންވެއެވެ. އެހެންވިޔަސް ރަޒާއަށް މައިރާ މެސެޖުކޮށްލިއެވެ. މަންމަ ގޮވައިގެން ހޮސްޕިޓަލުގައިކަން އިނީ ބުނެއެވެ.
ރަޒާ ނުކުމެ ހޯދާލިއެވެ. ގޮނޑިބަރިން މައިރާ ތެދުވީ އެވަގުތެވެ. އިސްޖަހާލައިގެން މަޑުމަޑުން ރަޒާ އައިސް މައިރާއާއި އިނާޔާ ކުރިމަތީ މަޑުކޮށްލިއެވެ.
"ތިއްތަ ކިހިނެއް؟. މާބޮޑަށް ހުންގަދަވީތަ؟. ކީކޭ ޑަކްޓަރުން ބުނަނީ." ހިތް އަވަސްވެފައި ހުރި މައިރާ ސުވާލުތައް ބަންޑުންކޮށްލިއެވެ. އިރުފާއާ މެދު އޭނާ އިނީ އިންތިހާއަށް ކަންބޮޑުވެފައިކަން ރަޒާއަށް އެނގުނެވެ. ނަމަވެސް ހިމޭންކަމުގެ ބެލުމަކުން ލޯބިވާ އަނބިމީހާއަށް ބަލަން ރަޒާއަށް ހުރެވުނީއެވެ. އެ ދެލޮލުގެ ތެރޭ ހިފެހެއްޓިފައި ހުރި ކަރުނަ މައިރާ ދުށީ އެވަގުތެވެ.
"ރަޒާ..." ހިތްބިރުގެންފައި ހުރެ ރަޒާގެ ވައަތު މުލައްދަނޑީގައި މައިރާއަށް ހިފާލެވުނެވެ. އެހިނދު ރަޒާ ތުންފިއްތާލުމާއެކު ދެ ފަރާތަށް ބޯހޫރާލީއެވެ. ދުލުން ހާމަކުރާން ދަތިވެފައިވާތީ އިޝާރާތުން ކަމެއް ބުނެދޭން ރަޒާ އުޅޭ ކަހަލައެވެ.
"ކިހިނެއްވެފަ ވާހަކަނުދައްކަން ތިހުންނަނީ. އިރުފާ ކޮބާ؟." އިނާޔާގެ ރުންކުރު ގޮތުގައި ސުވާލުކޮށްލިއެވެ.
"އެ... ނެރެނީ..." ހިންދިރުވާލުމާއެކު އުނދަގުލުން ރަޒާ ބުންޏެވެ. އެއާއެކު މައިރާއަށް ހުރިހާކަމެއް ފަހުމްވެއްޖެއެވެ. ދެ ލޯ ބޮޑުކޮށްލައިގެން ރަޒާއަށް ބަލަން ހުރެ މިފަހަރު އޭނާއަށް ވެސް ދެފަރާތަށް ބޯހޫރާލެވިއްޖެއެވެ. އޭނާއަށް އެނގުނު އެއްޗެއް ދޮގުކުރާން ބޭނުންވާ ފަދައަކުންނެވެ. މައިރާގެ ދެކޮނޑުގައި ހިފާލަމުން ގެނެސް ރަޒާގެ މޭގައި ލައްކޮށްލިއެވެ.
ރޭގައި އިރުފާގެ ހާލު ގޯސްވީ ހަމަކުއްލިއަކަށެވެ. މަންމަ ގެންގޮސް ގެއަށްލާފައި ރަޒާ އައިއިރު ވެސް އިރުފާ ރަނގަޅެވެ. މަންމަ ދިން ބަތްޕެންކޮޅު ކާލައިގެން ގައިގާ ވަރުޖެހުނުކަން ވެސް ރަޒާ ގާތު ބުނެލިއެވެ. އެ ދެމެދުގައި މީގެ ކުރީން ދުވަހަކުވެސް ޚިއްޞާކޮށްފައިނުވާ އެތައް ވާހަކައެއް އިރުފާ ހާމަކުރިއެވެ. ރަޒާގެ ހަޔާތުގައި ވެސް ދައްތައާ އެންމެ ގިނައިރު ވާހަކަދައްކަން އިން ރޭ ކަމުގައި ވާނެއެވެ. ކުރީން ފެނިފައިނުވާ ފަރާތެއް އިރުފާގެ ފުށުން ރޭގައި ރަޒާ ދުށްޓެވެ. ދައްތައާ މެދު އޭނާގެ ހިތުގައި ކުރީން އަސަރު ކެނޑިފައިވާ އެއްބަނޑުއެއްބަފާކަމުގެ ގުޅުމުގައި އާ ކުލައެއް ޖެހުނެވެ. ހިތްހަމަޖެހުމުގެ އިޙްސާސް ރަޒާގެ މޭގައި އޮތް އޯގާތެރިކަން އިތުރަށް ފުންކުރުވިއެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމަށް ދައްތައަށް ލިބޭން ރަޒާގެ ހިތުގެ ދުޢާއަކަށް ވިއެވެ.
"ރަޒާ..." އިނާޔާ ގޮވާލިއެވެ. އޭގެ ދެމަފިރިން ތިބިގޮތުން ވެސް އޭނާގެ ހަރު ހިތަށް އެ ޖަޒުބާތުތައް ނަގައިގަތުން ފަސޭހަނުވީއެވެ. ހަޤީޤަތް ފެންނަވަރަށްވުރެ އޭނާގެ އަނދިރިކަން ބޮޑީއެވެ. ތުންއަނބުރާލާފައި އިނާޔާ ތެދުވިއެވެ. އަވަސްފަރުވާދޭ ބަޔަށް ވަންނަން ކަމަށެވެ. ނަމަވެސް އޭނާގެ ފިޔަވަޅު މަޑުޖެހުނެވެ. މޫނު އަޅާފައި އޮތް ބަލިމީހަކު އަށިގަނޑުގައި ނެރެނީއެވެ. އެހީތެރީން އެ އަށިގަނޑު ދުއްވަމުން ދިޔައީއެވެ. އެމީހުންގެ ފަހަތުގައި ހުރި ނަރުސްކުއްޖާގެ ގާތަށް ރަޒާ އައެވެ. އޭނާ ދެއްކި ވާހަކައަށް ރަޒާ ބޯޖަހަމުން ދިޔައެވެ. އަދި ނަރުސްކުއްޖާ ދިން ލިޔުންތަކުގައި ރަޒާ ހިފިއެވެ. ދެން އޭނާ އަވަސްފަރުވާދޭ ބަޔަށް ވަދެގެން ގޮސްފައި ނުކުތީ އިރުފާ ބޭއްވުމުން އޭނާއަށް ހޯދާފައި ހުރި އެއްޗެހި ހިފައިގެންނެވެ. މައިރާ އަވަސްއަވަހަށް އައިސް ރަޒާގެ އަތުން ކޮތަޅުގައި ހިފައިފިއެވެ. އިނާޔާ ކައިރީ އަންނާށޭ ރަޒާ ބުނެލިއެވެ.
"މިހާރު ކޮންތާކަށް މިދަނީ... މިދަންވަރު އަހަރެން ގެނައީ މިތާ ހިންގަންތަ؟. ކަލޭމެން ދެމީހުންނަށް ހަމަނުވީ. ނޭނގޭ އަހަރެން ވަރުބަލިވާނެ ވަރެއް." ރަޒާގެ ފަހަތުން އަންނަމުން އިނާޔާ ކިޔެވެ. ރަޒާއަށް ދަތްކުނޑިވިކާލެވުނެވެ. ހުއްޓުނު ގޮތަށް މަންމައަށް ބަލާލީ ވެސް ނުރުހިފައިވާ މީހަކު ފަދައިންނެވެ.
"އެގެންދިޔައީ ކާކުކަން މަންމައަށް އެނގޭތަ؟." ރަޒާއަށް ބުނެވުނީ ހަރުކަށިކަމާއެކުއެވެ.
"ކޯއްޗެއްތަ މަށަށް ނޭނގިގެން ތިއުޅެނީ." އިނާޔާ އިހުނަށްވުރެ ބާރަށް ބުނެފިއެވެ. ދަންވަރުގެ އެވަގުތު ހޮސްޕިޓަލް ތެރެއަށް ވެސް އޮތީ ހިމޭންކަން ވެރިފައެވެ. އެހެންވެ އިނާޔާގެ އަޑު އޭނާ ބުނި ވަރަށްވުރެ ވެސް ބާރުހެން ހީވިއެވެ.
"ތިއްތަގެ ފުރާނަނެތް މަސްގަނޑު އެގެންދިޔައީ." ރަޒާ އެނބުރި ހިނގައިގަތެވެ.
ވަގުތުކޮޅަކަށް ހުއްޓުން އަރާފައި އިނާޔާއަށް ހުރެވުނެވެ. ދެން ރަޒާގެ ފަހަތުން އޭނާ ވެސް ހިނގައިގަނެއްޖެއެވެ. ރަޒާ އެބުނި އެއްޗެއް ޤަބޫލުކުރާން އިނާޔާއަށް ދަތިވިއެވެ. ސިކުނޑީގައި އެނބުރެންފެށި ސުވާލުތައް ކުރާން އުޅެފައި ވެސް އިނާޔާ މިފަހަރު އަމިއްލަ ނަފްސު ހުއްޓުވައިފިއެވެ.
ފަތިހުގެ ވަގުތެވެ. ސަހަރާ ތެރޭގައި ރަޒާއާ އެންމެ ކައިރީގަ އުޅުނު އެކަކަކީ ނަދީމެވެ. އޭނާއާއި އިރުފާއާ އޮތް ގުޅުން ކެނޑިފައި ވިޔަސް ނަދީމުއާ މެދު އިރުފާ ފިކުރު ކުރާވަރު ރޭގައި ރަޒާއަށް އޮތީ އެނގިފައެވެ. އޭނާ ނަދީމަށް ގުޅައި ދައްތަގެ މަރުގެ ޚަބަރު ދިނީ އެހެންވެއެވެ. ނަދީމު ވެސް އިރުފާދެކެ ލޯބިވާކަން ހާމަކޮށްދީފިއެވެ. އޭނާ ހުރީ ރަށުގައި ކަމަށް ވިޔަސް ވަގުތުން ވަގުތަށް ލޯންޗެއް ހަމަޖައްސައިގެން މާލެ އަތުވެއްޖެއެވެ. އިރުފާގެ މައްޗަށް ކުރެވުނު ކަށު ނަމާދުގައި އޭނާ ބައިވެރިވިއެވެ. އެހެންވިޔަސް ސަހަރާ ތެރޭގައި ވެސް އިނާޔާ ހުރީ ނަދީމަށް ފުސްމޫނު ދައްކައިގެންނެވެ. އެތަނަށް އައީތީ ރުޅި އައިސްފަ ހުރިހެންނެވެ.
"ހުން ގަދަވެގެން ގޮސް ފިޓުޖެހުނީ ކަމުގަ ޑަކްޓަރުން ބުނީ. އެއްވެސް އިތުރު މައްސަލައެއް ނެތްކަމަށްވަނީ." އެއްފަރާތުގައި ނަދީމުއާއެކު މަޑުކޮށްލައިގެން ހުރެ ރަޒާ ބުންޏެވެ.
"ރަޒާ... ގޭގެ ހުރިހާކަމެއް ހަމަ ރަނގަޅުތަ؟." ނަދީމު އަހާލީ ތަފާތު މާނައެއްގައެވެ.
"ގޯހެއްނޫން." ރަޒާ ބުންޏެވެ. އޭނާއަށް ނަދީމު މާނައެކުރީ ކިހިނެއްކަމެއް ނޭނގުނީއެވެ.
"ސިހުރު ޤަބޫލުކުރަންތަ ރަޒާ." ނަދީމު އަހާލިއެވެ.
"އެނގޭ ކޮންމެވެސް ވަރަކަށް. އެކަމަކު އެކަހަލަ ކަމެއްނޫޅޭ." ހައިރާންވެ ހުރެ ރަޒާ ބުންޏެވެ.
"އަހަރެން ރަށަށް ދިޔަފަހުން އެނގުނުކަމެއް... އަހަންނާއި... އިރޫއާ ދުރުކުރުވަން... މީހަކު ކަމެއްކޮށްފަކަން ހުރީ." ނަދީމު ވާހަކަދެއްކީ އޭނާގެ ވާހަކައިން ރަޒާއަށް އަތުވެދާނޭ ބަދަލަކަށް ވިސްނައިގެން ހުރެއެވެ. އެފަދަ ވާހަކަތަށް ޤަބޫލުނުކުރާ މީހުން އުޅޭކަން އޭނާއަށް އެނގެއެވެ.
"މިހާރު ދެން ތި ވާހަކަ ނުދައްކަމާ. ތިއްތަގެ މައްޗަށް ހެޔޮ ދުޢާކޮށްދީ. މިކޮޅުގައި ކިހާ ދުވަހު ހުންނާނީ." އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ރަޒާ ބުންޏެވެ.
"ދެން ދާނީ ފުރަން. މިކޮޅުގަ މަޑުކުރާކަށްނޫން އައީ." ރަޒާ އަޑުއަހަން ބޭނުންނުވާ ވާހަކައެއް އެހުމަށް މަޖުބޫރު ކުރުމުގެ ވިސްނުމެއް ނަދީމުގެ ނެތެވެ. ވަގުތާއި ތަނާއި ހާލަތު ވެސް އެކަށީގެން ނުވަނީއެވެ. މިވަގުތު އެފަދަ ވާހަކައެއް އަޑު އެހުމުގެ ކެތްތެރިކަމެއް ވެސް ރަޒާގެ ނުހުންނާނޭކަން އެނގެނީއެވެ. އިތުރަށް އޭނާ ދައްކަން އުޅުނު ވާހަކަ ފުރިހަމަ ނުކުރީ އެހެންވެއެވެ. އެހެންވިޔަސް ރަޒާއާ ވަކިވުމުގެ ސަލާމްކޮށްލަމުން ބަލައިގެން އުޅޭން ނަދީމު ބުންޏެވެ. އާދަޔާ ޚިލާފު ކަމެއްނޫނަސް ކިރިޔާ ކަމެއް ތަފާތުވެއްޖެހެން ހީވާނަމަ ސަމާލުވާން ވެސް ބުންޏެވެ. ސަހަރާއިން ނަދީމު ނުކުންނަން ދިޔަ ދިމާއަށް ބަލަހައްޓައިގެން ރަޒާ ހުއްޓާ އޭނާގެ ގާތުގައި އައިސް މަޑުކޮށްލީ ޖާބިރެވެ. އެހެންވެ ނަދީމު އެ ދެއްކި އަޖައިބު ކުރަނިވި ވާހަކައާ މެދު ވިސްނާނޭ ވަގުތެއް ރަޒާއަކަށް ނުލިބުނެވެ. ބައްޕައާއެކު ރަޒާ ހިނގައިގަތީއެވެ.
އިނާޔާއާއި ޖާބިރުގެ ހަރަކާތް ހުރީ ދުރުހިލޭ މީހުން ފަދައިންނެވެ. ކުޑަމިނުން އެކަކުއަނެކަކަށް ގޮވާ ވެސް ނުލައެވެ. އިނާޔާ ފެންނައިރަށް ވެސް ޖާބިރުގެ ހިތުގައި އޮންނަ ފޫހިކަންވަނީ އިތުރެވެ. ދަރީންގެ މައްޗަށް ކުލުނުގެ ޒައްރެއް ވެސް އެ މޫނުން ޖާބިރަށް ނުފެންނާތީއެވެ. މަރުފެނި މަރުގެ މަތިން ހަނދާންވެ ބިރުވެތިކަން ހިތަށް ވަދެ އިންސާނާ މަޑުމޮޅި ކުރުވާ އަސަރެއް އިނާޔާގެ ނެތެވެ. އެފަދަ ކިޔަމަންތެރިކަމެއް އެ އަންހެނާގެ ފަރާތުން ނުފެނުމަކީ ވެސް ޖާބިރު ހައިރާންވެ އަންތަރީސްވާ ކަމެކެވެ.
"ރީނާ މަރުވެގެން ސާޅީސް ނުވޭ..."
"މަރެއް ނުހިފެއްޓޭނެ... އަހަރެމެންނާ މަރު ބައްދަލުކުރާނެ ގޮތެއް ވެސް ނޭނގެ. ފެންނަން ހުރި ބަޔަކަށް އެ މަންޒަރު ދައްކަވާނެ."
މީހުންގެ ތުންތުން މަތިން އެކި ވާހަކަތައް މައިރާގެ ކަންފަތަށް އިވެމުން ދިޔައެވެ. އޭނާއަށް ވެސް ޤަބޫލުކުރަންވީ ކީކޭކަމެއް ނޭނގެއެވެ. މީހުން ދެއްކިޔަސް އެއީ ދޮގު ވާހަކައެއް ނޫނެވެ. ޢާއިލާގެ އެންމެ ހަގު އަންހެން ކުއްޖާގެ މަރަށް ސާޅީސް ދުވަސް އަދި ނުވެއެވެ. އެމީހުންނާ އިރުފާ އަބަދަށް ވަކިވެގެން އެ ދިޔައީއެވެ. ބޮޑު ބައްޔެއް ވެގެން ނޫނެވެ. އައި ގަދަ ހުމެއްގައި ޖެހިފައެވެ. ޑަކްޓަރުން ރީނާގެ މަރު ވެސް ނިންމީ އެފަދައިންނެވެ. މައިރާ ވަނީ ބިރުގެންފައެވެ. ގާތް ގާތުގައި ދެ މަރު ފެނިއްޖެއެވެ. މީ ކޮންކަހަލަގެ އިމްތިހާނެއްބާއޭ އޭނާގެ ހިތާއި ޟަމީރާ ސުވާލު ކުރެވެއެވެ.
"މައި އޯކޭތަ؟." މައިރާގެ އަތުގައި ހިފާލަމުން ކައިރީ ހުރި ލިޔުޝާ އަހާލިއެވެ.
"އައި ސްޓިލް ކާންޓް ބްލީވް އިޓް." މަޑުމަޑުން މައިރާ ބުނެލިއެވެ.
"އަހަންނަށް ވެސް." ދަރިފުޅު ގަޔާ ކައިރިކޮށްލައިގެން ހުރެ ލިޔުޝާ ބުންޏެވެ.
މީހުންތައް މަދުވެ ރަޒާ ވެސް ޢާއިލާ ގޮވައިގެން ސަހަރާއިން ނުކުތީ ގެއަށް ދާށެވެ. އިނާޔާއާއެކު ކާރުގައި ލިޔުޝާއާއި މަމްދޫހާއި އެމީހުންގެ ދަރިފުޅު ދިޔައެވެ. މައިރާ އައީ ރަޒާއާއެކު ސައިކަލުގައެވެ. އާމާލްއާއި މަޒްހަރު އެކުދީންގެ ފަހަތުން އައެވެ. އެގެއަށްއ ވަދެލާފައި ދާން ގަސްދުކޮށްގެންނެވެ.
* * * * *
ފާޚާނާގައި ހުރި ލޯގަނޑުން މަލަކް މޫނު ބަލާލިއެވެ. ފެންވަރާލުމުން ވެސް އޭނާގެ މޫނުގައި ތަޒާކަމެއް ނެތެވެ. ރުއިމުގެ ސަބަބުން ދެ ލޮލުގައި ދުޅަކަމެއް ހުއްޓެވެ. މޫނަށް ރަތްކަމެއް ވެރިވެފައިވާއިރު ލޯ ކައިރި ވަނީ މާބޮޑަށް ރަތްވެފައެވެ. ހަށިގަނޑުގައި އޮޅާލެވިފައިވާ ތުވާލިކޮޅާއެކު މަލަކް ފާޚާނާއިން ނުކުތެވެ. ރިންގުވަމުން ދިޔަ ފޯނުގެ އަޑު މަލަކްއަށް އިވުނީ ދެނެވެ.
"މިއުވާން..." ފޯނާ ހަމައަށް ދެވުނު މަލަކްއަށް އިސްކުރީނުގައިވި ނަން ފެނުމާއެކު ހިތާހިތުން ކިޔާލެވުނެވެ.
މިވަގުތު އެއްވެސް މީހަކާ ވާހަކަދައްކާކަށް މަލަކް ނޭދެއެވެ. އެ ކޯލު ކެނޑި ފޯނަށް ދެން އައީ މެސެޖެކެވެ. މަލަކް ފޯނު ނަގައި ބަލާލިއެވެ. މިއުވާނުގެ މެސެޖު ކިޔާލުމުން މަލަކްގެ މޫނުގައިވީ ނުތަނަވަސްކަން އިތުރުވިއެވެ.
(ނުނިމޭ)