ޖޯން ޓެރީ އޮފްސައިޑުގައި ހުރެ ޖެހި ގޯލަކުން އިނގިރޭސި ޕްރެމިއާ ލީގުގައި އެވަޓަން އަތުން ބަލިނުވެ ޗެލްސީ ސަލާމަވެއްޖެ އެވެ.
އިތުރު ވަގުތަށް ދެއްކި ހަތް މިނިޓްގެ ދެ ވަނަ މިނިޓްގައި އެވަޓަން ލަނޑު ޖަހައިގެން 3-2އިން އެވަޓަން މޮޅުވާން ދަނިކޮށް ޗެލްސީ އަށް ކެޕްޓަން ޖޯން ޓެރީ އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ އަށް ވަނަ މިނިޓްގަ އެވެ. އަދި އޭނާގެ މި ގޯލަކީ އޮފްސައިޑުގައި ހުރެ ޖެހި ގޯލެއް ކަމަށް ދެ ޓީމުގެ ކޯޗުން ވެސް ވަނީ އެއްބަސްވެފަ އެވެ.
އެވަޓަންގެ ކޯޗު ޖެރާޑޯ މާޓިނޯ ބުނީ ބޯޅަ ޕެނަލްޓީ އޭރިޔާތެރެއަށް ފޮނުވާލުމުގެ ކުރިން މެޗުގެ ވަގުތު ހަމަވެއްޖެކަމަށް ބަދަލު ރެފްރީ އިޝާރާތްކުރި ކަމަށާއި މިފަދަ މެޗުތަކަށް ރެފްރީ ޖޯނަސް ކުފޫ ހަމަނުވާ ކަމަށެވެ.
"ޗެލްސީގެ ކޮންމެ ސަޕޯޓަރަކު ގާތު އެހިޔަސް ބުނާނެ އެއީ އޮފްސައިޑް ގޯލެކޭ. އެހާ ވެސް ސާފު ކަމެއް އެއީ. އެކަމަކު ރެފްރީ ރަނގަޅު ގޯލެއް ކަމަށް ނިންމީމަ ކުރެވޭނެ ކަމެއްނެތް. އަހަރެން މިހުރީ ވަރަށް ރުޅި އައިސްފައި. މީގެ ސަބަބުން ވަރަށް ބޮޑު ގެއްލުންތަކެއް މިވަނީ،" މެޗަށް ފަހު މާޓިނޭޒް ބުންޏެވެ.
ރޭގެ މެޗުން މޮޅުވިނަމަ އެކަންވެގެންދާނީ ޗެލްސީގެ ދަނޑުގައި އެޓީމު އަތުން ފާއިތުވެދިޔަ 21 އަހަރު ތެރޭގައި އެވަޓަން މޮޅުވާ ފުރަތަމަ ފަހަރަށެވެ. ނަމަވެސް ކޯޗު ބުނީ 2-0 އިން ވެސް ކުރީގައި އޭނާ ޓީމު އޮވެ މެޗުން މޮޅުނުވިއިރު މިއީ އެނަލައިޒް ކުރަން ވެސް އުނދަގޫ މެޗެ ކަމަށެވެ.
މެޗުގެ ފުރަތަމަ ލަނޑަކީ ޖޯން ޓެރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން ކެވިން މިރަލާސް ލަނޑު ޖަހާފައިވަނިކޮށް ޗެލްސީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިއެގޯ ކޯސްޓާ އާއި ސެސް ފެބްރިގާސް ހަތަރު މިނިޓްތެރޭގައި ޖެހި ދެ ގޯލުންނެވެ. އޭގެ ފަހުން ރާމިއޯ ފުނެސް މޯރީ އިތުރު ވަގުތުގައި ޖެހި ލަނޑުން ކުރި ލިބިފައިވަނިކޮށް ޓެރީ ޖެހި އޮފްސައިޑުކަމަށް ރެފްރީނޫން އެއްމެން އެއްބަސްވާ ލަނޑުން މެޗު އެއްވަރުވި ނަމަވެސް އެ ޓީމުގެ ކޯޗު ގުސް ހިޑިންކް ހުރީ ހިތްހަމަނުޖެހިފަ އެވެ.
"ނަތީޖާއާ މެދު އަހަރެން ހިތްހަމަނުޖެހޭ. އެކަމަކު ކުޅުންތެރިންގެ މަސައްކަތާއި މޮޅުވާން ދަނޑުމަތީގައި ދެއްކި ހިތްވަރާ މެދު ހިތްހަމަޖެހޭ،" ހިޑިންކް ބުންޏެވެ.
އޭނާ އަދި ބުނީ ކަށިމަތި ފަޅައިގެންދިއުމުން ކޯސްޓާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ބޮޑު އަނިޔާއެއްނުވެ ކުޅުންތެރިޔާ ސަލާމަތްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މި މެޗު އެއްވަރުވުމުން ޗެލްސީ އޮތީ 25 ޕޮއިންޓާއެކު 14 ވަނާގަ އެވެ. އެވަޓަން އޮތީ 29 ޕޮއިންޓާއެކު 11 ވަނާގަ އެވެ.