ދުނިޔެ

ސަލްމާން ރުޝްދީގެ އެއްލޮލުގެ ފެނުން ގެއްލި އެއް އަތުގެ ހިއްސު ކެނޑިފައި

އިސްލާމް ދީނަށާއި ކީރިތި ގުރުއާނަށް އަދި ރަސޫލާއަށް މަލާމާތްކޮށް ފުރައްސާރަ ކުރުމުގެ ސަބަބުން ހުޅަނގުގެ ނަޒަރިއްޔާގައި މޮޅު ލިޔުންތެރިއަކަށް ވެފައި ހުރި ސަލްމާން ރުޝްދީގެ ކަރަށާއި ގަޔަށް އޮގަސްޓް މަހު ވަޅި ހަރައި ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފަ އެވެ.

އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން ގައިން ބައެއް އުނިވެދާނެ ކަމަށް ކުރިން ވެސް އޮތީ ލަފާކޮށްފަ އެވެ. މީގެތެރޭގައި ލޮލުގެ ފެނުމާއި އަތްފަޔަށް ހިއްސުވުން ކުޑަވެދާނެ ކަމަށް ވެސް އޮތީ ބެލެވިފަ އެވެ.

ހަބަރުތައް ބުނާ ގޮތުން ކުރިން ލަފާކުރި ގޮތަށް އޭނާގެ އެއްލޮލަށް ރަނގަޅަށް މިހާރަކު ނުފެނެ އެވެ. އަދި އެއް އަތުގެ ހަރަކާތް ވެސް ވަނީ ކެނޑިފަ އެވެ.

އޭނާގެ ކަރަށާއި ގަޔަށް 15 ފަހަރު ވަޅި ހަރާފައި ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ލިބުނު އަނިޔާތަކާ ގުޅިގެން ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދިން ކަމަށްވެ އެވެ.

އެހެންނަމަވެސް، އޭނާ މިހާރު -- އެ ހާދިސާއަށް ދެމަސް ފަހުން -- އޮތް ތަނެއް އޭނާގެ އޭޖެންޓުން ހާމައެއް ނުކުރެ އެވެ. އޭޖެންޓުގެ ވާހަކަތައް ހުރި ގޮތުން ޒަހަމްތައް އަދިވެސް ރަނގަޅު ނުވެ އެވެ. އެހެންކަމަށް ވާނަމަ އޭނާ އޮތުން ގާތީ ހޮސްޕިޓަލެއްގަ އެވެ.

ސަލްމާން ރުޝްދީ 75، އަކީ މުރުތައްދުވެފައި ހުރި މީހެކެވެ. އޭނާ އުފަންވީ އިންޑިއާއަށް، ކަޝްމީރުގެ އާއިލާ އަކަށެވެ. އެނާ އަކީ އެއްއިރެއްގައި ވެސް ދީންވެރި މީހެއް ނޫން -- އެކަމަކު ކުރިން އިސްލާމެކެވެ.

ސަލްމާން ރުޝްދީ އަކީ އިނގިރޭސިވިލާތުގެ ރަށްވެއްސެކެވެ. އާންމުކޮށް ދިރިއުޅެނީ އިނގިރޭސިވިލާތުގަ އެވެ. އެހެން ނަމަވެސް ލެކްޗަރު ދިނުމަށް ގައުމުތަކަށް ދަތުރުކުރެ އެވެ.

އިސްލާމް ދީނަށާއި ކީރިތި ގުރުއާނަށް ފުރައްސާރަކޮށް ސެޕްޓެމްބަރު 26، 1988 ގައި އޭނާ ނެރުނު "ސަޓަނިކް ވާސަސް" -- ޝައިތޯނީ އާޔަތްތަކުގެ ސަބަބުން އިސްލާމުންގެ ރުޅިވެރިކަން އޭނާ އަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

އޭނާ މަރާލަން ގޮވާލައި އިސްލާމީ ބައެއް ގައުމުތަކުގައި މުޒާހަރާކޮށް އާންމުންގެ ގިނަ ބަޔަކު ވަނީ މަގުތަކަށް އެއްވެ ޝުއޫރު ފާޅުކޮށްފަ އެވެ.

އަނެއްކޮޅުން އީރާނުން އޮތީ އޭނާ މަރާލި މީހަކަށް 2.8 މިލިއަން ޑޮލަރު ހުށަހަޅާފަ އެވެ. މި އަދަދު ފަހުން އިތުރުކުރި ކަމަަށްވެސް ވެއެވެ.

ސަލްމާން ރުޝްދީ މަރާލަން ގޮވާލުމާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ އޭނާ އަށް ހިމާޔަތް ދީފަ އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އޭނާ އުޅުނީ ސެކިއުރިޓީގެ ހިމާޔަތުގައި ފޮރުވިގެންނެވެ.