ބޭރު ކުޅިވަރު

ލެސްޓާ ސިޓީގެ އަމާޒަކީ 79 ޕޮއިންޓް ހޯދުން: ކޯޗު

އިނގިރޭސި ޕްރެމިއާ ލީގުގައި މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ ލެސްޓާ ސިޓީގެ އަމާޒަކީ ސީޒަން ނިމޭއިރު 79 ޕޮއިންޓް ހޯދުން ކަމަށް އެ ޓީމުން ބުނެފި އެވެ.

ރޭ އެސްޓަން ވިލާ އަތުން އެއްވަރުވި މެޗާއެކު ތާވަލުގެ އެއް ވަނާގައި މި ވަގުތު ލެސްޓާ އޮތީ 44 ޕޮއިންޓާއެކުގަ އެވެ. މިހެންވުމުން މިރޭ ސްޓޯކް ބަލިކޮށް އާސެނަލް އަށް އެއްވަނަ އަށް އެރުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.

"އަހަރުމެން ވަނީ ސީޒަން ފުރަތަމަ ހާފުގައި (ސީޒަން ދެބައިވިއިރު) 39 ޕޮއިންޓް ހޯދާފައި. އަހަރުމެން ބޭނުންވަނީ މިއަށްވުރެ (ސީޒަނުގެ ފަހު ބައިގައި) ނަތިޖާ ރަނގަޅު ކުރަން. އަހަރުމެންގެ ޓާގެޓަކީ އިތުރު 40 ޕޮއިންޓް ހޯދުން. އަހަންނަށް އެނގޭ މިއީ އުނދަގޫ ކަމެއްކަން. އެކަމަކު ކީއްވެ ނުވާންވީ،" ކުރިން ޗެލްސީ އަށް ވެސް ކޯޗުކޮށްދިން ލެސްޓާގެ ކޯޗު ކްލައުޑުއޯ ރަނިއޭރީ ބުންޏެވެ.

ލީގު ކާމިޔާބު ކުރަން ލެސްޓާ ބޭނުންވަނީ ކިތައް ޕޮއިންޓް؟

އިނގިރޭސި ލީގު މިހާތަނަށް 79 ޕޮއިންޓުން ނުވަތަ އެއަށްވުރެ މަދުން ޕޮއިންޓް ހޯދައިގެން ކާމިޔާބު ކުރީ އެންމެ ތިން ޓީމެކެވެ. އެއީ 1997 ވަނަ 75 ޕޮއިންޓުން ލީގު ކާމިޔާބު ކުރި މެންޗެސްޓާ ޔުނައިޓެޑާއި ޖެހިގެން އައި އަހަރު 78 ޕޮއިންޓުން އާސެނަލް އަދި 1999 ވަނަ އަހަރު 79 ޕޮއިންޓުން ޔުނައިޓެޑެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ޗެލްސީ ހޯދީ 87 ޕޮއިންޓުންނެވެ. ނަމަވެސް މި ސީޒަނުގައި ޕްރެމިއާ ލީގުގެ ވާދަވެރިކަން އޮތް މިންވަރަށް ބަލާއިރު 79 ޕޮއިންޓަށްވުރަ މަދުން ހޯދައިގެން ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތެވެ. މިހެންވެ މި ސީޒަނުގެ ތަށި ނުވަތަ ގަދަ ހަތަރަކަށް ލެސްޓާ އަށް ވަރަށް ބޮޑު އުއްމީދެއް އެބައޮތެވެ. އެއީ އާއްމުކޮށް ގަދަ ހަތަރެއްގައި ހިމެނެނީ 79 ޕޮއިންޓް ހޯދާ ޓީމުތައް ކަމަށްވުމެވެ.

ލެސްޓާ ރޭ އެއްވަރުވީ ޓޭބަލުގެ އެންމެ ފުލުގައިވާ އެސްޓަން ވިލާ އަތުންނެވެ. ނަމަވެސް ކޯޗު ބުނީ އެސްޓަންވިލާ އަކީ ލެސްޓާ ސިޓީގެ އެންމެ ވާދަވެރި އެއް ޓީމު ކަމަށާއި ކުލަބުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.

"މިއީ ފުޓްބޯޅަ. ކޮންމެ ގޮތެއް ވެސް ވެދާނެ. އަހަރުމެންނަށް މި މެޗުން ޕޮއިންޓެއް ލިބުމުން ފުދޭ. އަހަރުމެންގެ ޓީމު އަންނަނީ ވަރަށް ރަނގަޅު މިސާލެއް ދައްކަމުން. އަހަރެން އުއްމީދުކުރަނީ މި ޓީމު ވަރަށް ރަނގަޅު ނަތިޖާއަކާއެކު ލީގު ނިންމާނެ ކަމަށް،" ރަނިއޭރީ ބުންޏެވެ.