މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ސްކޭމް ކޯލްތައް ހުއްޓުވުމަށް އިދާރާތައް މަޝްވަރާކޮށްފި

Oct 24, 2022

ރާއްޖޭގައި ސްކޭމް ކޯލް ކުރުމާއި އޮޅުވާލައިގެން ފައިސާ ޓްރާންސްފާ ކުރުމުގެ ކުށް ގިނަވާތީ އެކަން ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ [އެމްއެމްއޭ] އާއި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. ނަމަވެސް މި ބައްދަލުވުމުގެ ތަފުސީލް އަދި ހާމައެއް ނުކުރެ އެވެ.

ވިޔަފާރިތަކާއި ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ގިނަވެފައިވާތީ އެކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކަންކަން މިހާރު ކުރަމުން ދަނީ ވަރަށް ބޮޑަށް ރޭވިގެން ނެވެ. މިގޮތުން ޖީ-ކެޓަގަރީން ފްލެޓް ލިބިފައިވާ ކަމަށް ބުނެ ފޯނަށްދާ ޖީމެއިލް އޯޓީޕީ ހޯދުމަށް ކުރާ ފޯނު ކޯލުތައް މިދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން އާންމު ގޮތެއްގައި ސްކޭމް ކޯލުތައް ކުރަނީ ޖަލުތަކުންނެވެ. ސްކޭމް ކޯލު ކުރުމަށް ބޭނުންކުރާ ނަންބަރުތައް ހުންނަނީ ބިދޭސީންގެ ނަމުގައި ކަމަށާއި އެކަކުގެ ނަމުގައި 800 ވަރަކަށް ނަންބަރު ނަގާފައިވާ މައްސަލައެއްވެސް ފުލުހުން މީގެ ކުރިން ވަނީ ފެންމަތިކޮށްފަ އެވެ.

ފައިސާގެ ބޮޑެތި މުއާމަލާތުތައް ކުރާއިރު އެއީ ކާކުކަން ނުވަތަ ކޮން ބައެއްކަން ދެނެގަތުމަށާއި އެ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށްވެސް ކަމާ ގުޅޭ އިދާރާކުން ގެންދަނީ އަބަދު ހަނދާންކޮށްދެމުންނެވެ.

މީގެއިތުރުން ޑޮލަރު ދޭނެ ކަމަށް ބުނެ ދިވެހި ރުފިޔާ އަތުލުމަށްފަހު ޑޮލަރު ނުދޭ މައްސަލަތައްވެސް ހުށަހެޅޭ ކަމަށް ފުލުހުން ބުނެ އެވެ. އަދި މުދާ ގަތުމަށްފަހު ސައްހަ ނޫން ސްލިޕް ފޮނުވާ މައްސަލަތައް ފާހަގަކުރެވޭ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.