އުރީދޫ

އުރީދޫގެ ތާނަ ފޮންޓެއް ތައާރަފުކޮށްފި

Oct 24, 2022

އުރީދޫ މޯލްޑިވްސްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" އަޕްގްރޭޑްކޮށް، ކަސްޓަމަރުންނަށް ދިވެހި ބަހުން ޑިޖިޓަލް އެސިސްޓެންޓާ މުއާމަލާތް ކުރެވޭނެ ގޮތަށް އަލުން އެވީ ލޯންޗުކޮށްފި އެވެ.

މިބަދަލުގެ ބޭނުމަކީ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ، މިހާރަށް ވުރެ ފަސޭހައިން ހުރިހާ އުމުރުފުރައެއްގެ އެކި ކަހަލަ ކަސްޓަމަރުންނަށްވެސް ހިދުމަތްތައް ހޯދުމުގައި ޓެކްނޮލޮޖީގެ އެހީގައި ލުއިގޮތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

މީގެ އިތުރުން އުރީދޫ ބްރޭންޑުގެ އާ ވިޝުއަލް އައިޑެންޓިޓީ އާއި އެއްގޮތްވާ ގޮތުގެ މަތިން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ މުޅިން އާ ދިވެހި ފޮންޓް ވެސް މިއަދު ރަސްމީކޮށް ތައާރަފްކޮށްފަ އެވެ.

"އަޕްގްރޭޑް ޔޯ ވޯލްޑް"ގެ ދަށުން ދާދި ފަހުން އެ ކުންފުނީގެ ބްރޭންޑް އައިޑެންޓިޓީއަށް ގެނައި ސްޓްރެޓެޖިކް ބަދަލުތަކަކީ އުރީދޫގެ ޝަހުސިއްޔަތާއި ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް އެ ކުންފުނިން ކުރަމުން އަންނަ ދަތުރާއި ވިޔަފާރިއަށް އަންނަ ކުރިއެރުން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ބަދަލުން ދައްކުވައިދެނީ ޓެކްނޮލޮޖީއާއެކު ހުޅުވިގެންދާ ފުރުސަތުތައް ތަނަވަސްކުރުމުގެ ވިސްނުން ކަމަށްވެސް ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ ވިދާޅުވީ އޭއައި މެދުވެރިކޮށް ގުޅުވާލަދޭ ހިދުމަތްތަކާއި އެހެނިހެން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކުގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން ބަދަލުކޮށް، މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިވާނެ ފަދަ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްގެ ތަސައްވަރާއި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން އޭއައި ޕަވާޑް ޑިޖިޓަލް އެސިސްޓެންޓް އެވީ އާއި ދިވެހިން މުއާމަލާތްކޮށް ހިދުމަތްތައް ހުރިހާ ކަސްޓަމަރުންނަށް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމުގައިވެސް ވިދާޅުވި އެވެެ.

"އުރީދޫ އޮޕަރޭޓްކުރާ ކޮންމެ މާކެޓެއްގައި އެގައުމެއްގެ ބަހާއި ސަގާފަތް ހިފެހެއްޓުމަކީ އުރީދޫއިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް، އެގޮތުން ރާއްޖޭގައި މިއަދު އުރީދޫގެ އަމިއްލަ ދިވެހި ފޮންޓެއް ރަސްމީކޮށް ތައާރަފް ކުރުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ރީތި އާ ފޮންޓުގެ ސަބަބުން ދިވެހި ބަހުން މުއާމަލާތްތަކަށް އިސްކަންދީ، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެ އަޅުގަނޑުމެންގެ މުއާމަލާތްތަކުން އުރީދޫ ބްރޭންޑް އައިޑެންޓިޓީގެ އަސްލު ދައްކުވައިދޭނެ ކަމީ ޔަގީންކަމެއް." ހާލިދު ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް އެސިސްޓެންޓް، އެވީ މެދުވެރިކޮށް މޯބައިލް ކަސްޓަމަރުންނަށް ކަސްޓަމާ ކެއާ އެޖެންޓަކާ ވާހަކަ ދެއްކުމަށް ކޯލްގައި ވަގުތު ހޭދަ ނުކޮށް ޑޭޓާ، އެސްއެމްއެސް، ވޮއިސް އަދި ބެލެންސް ފަސޭހަކަމާއެކު ބަލައިލެވެ އެވެ. 929 އައިވީއާރު، ފޭސްބުކް މެސެންޖާ އަދި ވައިބާ ޕްލެޓްފޯމް މެދުވެރިކޮށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމަށް މިހާރު ހުޅުވަލާފައިވާއިރު، އެހެން ބޮޓްތަކެކޭ އެއްގޮތަށް އެވީވެސް މިވަގުތު ހުރީ ދިވެހި ބަހުން ކަސްޓަމަރުންނާ މުޢާމަލާތްކުރުމުގެ އުނގެނުމުގެ މަރުހަލާގަ އެވެ.

"މެޝިން ލާނިން މެދުވެރިކޮށް އެވީ ހިދުމަތް އިތުރަށް ރަނގަޅުކޮށް ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތައް ފުޅާވެގެންދާނެ އެވެ. އެވީ މެދުވެރިކޮށް ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން 929 އަށް ގުޅައި، ދިވެހި ބަހުން ކުރިއަށް ގެންދިއުމަށްފަހު އޮޕްޝަން 1 އިޚްތިޔާރު ކުރެއްވުމުން އެވީ މެދުވެރިކޮށް ހިދުމަތް ހޯދާލެވޭނެ އެވެ." އުރީދޫން ނެރެފައިވާ ބަޔާނެއްގައިވެ އެެވެ.

ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޑިޖިޓަލް ކެއަރ އެސިސްޓެންޓް "އެވީ" އަށް އިތުރަށް އިންވެސްޓްކޮށް މި ހިދުމަތް އިތުރަށް ތަރައްގީކޮށް، ޑިޖިޓަލް ޗެނަލްތަކުގައި ކަސްޓަމަރުންގެ މެދުގައި އޮންނަ މުޢާމަލާތްތައް ބަދަލުކުރުމަށް ކުރިއަށް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އުރީދޫން ބުނެ އެވެ.

"އެވީ" ބޭނުންކޮށްގެން އުރީދޫއިން ކަސްޓަމަރުން ހޯދަން ބޭނުންވާ ހުރިހާ މައުލޫމާތާއި ހިދުމަތްތައް ފޯރުކޮށްދިނުން އޮޓޮމޭޓްކޮށް، މިހާރަށްވުރެ ހަރުދަނާ އަދި ހަލުވި ހިދުމަތެއް ފޯރުކޮށްދޭނެ ކަމަށްވެސް އުރީދޫން ބުނެ އެެވެ. ދިވެހި ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށްދޭނެ އާ ޓެކްނޮލޮޖީތަކާއި ހިދުމަތްތަކަށް އިންވެސްޓް ކުރުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގައި ދެމިއޮންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.