މަސްވެރިންގެ ތެލުގެ ސަބްސިޑީއަށް ފާއިތުވެދިޔަ ތިން އަހަރު ދައުލަތުން 2.8 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ޖަވާބު ހޯދުމަށް ކުރި ސުވާލަށް ދެއްވި ޖަވާބުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ 2019 އިން 2021 އަށް މަސްވެރިންގެ ތެލުގެ ސަބްސިޑީއަށް ކުރި ހަރަދު ހާމަކޮށްފަ އެވެ.
މަސްވެރިންގެ ތެލުގެ ސަބްސިޑީ 2019 އިން 2021 އަށް
- 2019 ވަނަ އަހަރު - 167،280 ރުފިޔާ
- 2020 ވަނަ އަހަރު - 1،323،686 ރުފިޔާ
- 2021 ވަނަ އަހަރު - 1،323،480 ރުފިޔާ
މިނިސްޓަރު އަމީރު ވިދާޅުވީ މަސްވެރިންގެ ސަބްސިޑީ ދެނީ ފިޝަރީޒް މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ.
މަސްވެރިން ތެޔޮ ގަތުމަށްފަހު މިނިސްޓްރީގައި އެދުމުން ތެލަށް ކުރި ހަރަދުގެ ތެރެއިން އިމްޕޯޓް ޑިއުޓީއަށް ޖެހޭ މިންވަރުން ފަސް އިންސައްތަ މިނިސްޓްރީ މެދުވެރިކޮށް މަސްވެރިންނަށް ފޯރުކޮށްދޭ ކަމަށް ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ސަބްސިޑީގެ ގޮތުގައި ކަޅުބިލަމަހާއި ކަންނެލި މަސްވެރިކަމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ހިމެނޭ އެހެނިހެން މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ތެލުގެ ސަބްސިޑީ ދީފައިވާނަމަ ތެލުގެ އަގަށް ދައުލަތުގެ ބަޖެޓުން ހޭދަކުރި ފައިސާގެ އަދަދުތައް ވަކިވަކިން އެނގޭނެ ގޮތަށް ތަފުސީލު ލިޔުމުން ހޯދުމަށް އެދިފަ އެވެ. އަދި ތެލުގެ ސަބްސިޑީޒް ފޯރުކޮށްދެނީ ކޮން ފަރާތެއް މެދުވެރިކޮށްތޯ ވެސް ސުވާލުކޮށްފައިވެ އެވެ.