ރައީސް މުހައްމަދު ނަޝީދު

ޖީއެސްޓީ ބޮޑުކުރާ ބިލަށް ވޯޓު ނަގާނީ މާހިރުންގެ ލަފާ ހޯދާފައި: ނަޝީދު

ޖީއެސްޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމާ ގުޅޭ ވޯޓު މަޖިލީހުގައި ނަގާނީ ކަމާބެހޭ މާހިރުންގެ ލަފާ ހޯދުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޓެކްސް ބޮޑުކުރުމުގެ އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. އިސްލާހުގެ ބަހުސް ކުރިއަށް ގެންދިޔައީ މުޅި މަޖިލީހުގެ ކޮމިޓީގަ އެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ ޓެކްސް ބޮޑުކޮށްފިނަމަ ސަފާރީތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކަށް ކުރާނެ އަސަރާއި ބެހޭ ގޮތުން މެންބަރުން ސުވާލުކުރަމުންދާ ކަމަށެވެ. މިއީ އަވަސް އަރުވާލާފައި މިއަދު ނިންމަން އޮތް ކަމެއް ނޫން ކަމަށާއި ވަގުތު ހޭދަކޮށްގެން ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމިޓީގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހު ފާސްކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕް ނެރެފައިވާ ކަމަށާއި ވިޕްލައިން ނެރެފައިވަނި ބިލު އޮތް ގޮތަށް ފާސްކުރުމަށް ކަމަށެވެ. އެހެންކަމުން އިތުރު މީހުން ގެނެސްގެން މަޝްވަރާކުރުމުގެ ބޭނުމެއް އޮތް ކަމަށް ނުފެންނަ ކަމަށާއި މަޝްވަރާކުރެވޭނީ މަޝްވަރާކުރަން ޖާގަ އޮވެގެން ކަމުގައިވެސް ވިދާޅުވި އެވެ.

"އެ ޖާގަ ނެތް މިހާރަކު،" އާޒިމު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓަރާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ޗެމްބާ އޮފް ކޮމާސް އާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ބޭފުޅުންނަށް ކޮމިޓީއަށް ދަންނަވާފައިވާ ކަމަށާއި އެބޭފުޅުން ކޮމިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ދެން އޮންނަ ބައްދަލުވުމެއްގައި އެ ބޭފުޅުން ތިއްބަވާނެ ކަމަށާއި މާހިރުންގެ ގެނައުމުގެ ކުރިން އިސްލާހަށް ވޯޓަށް އަހަން ގަސްދު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ދިމިގްރާތީ އުސޫލުތައް ހިފަހައްޓަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ ކުރަން ޖެހިފައިވާ އެންމެ ބޮޑު ހަރަދަކީ ދަރަނި އަނބުރާ ދެއްކުން ކަމަށެވެ. ދަރަނި އަނބުރާ ދެއްކުމަށް ފައިސާ ނުލިބޭ ގޮތަކަށް އެހެން ހަރަދެއް ކުރުން އެއީ މިވަގުތު ދިވެހިރާއްޖޭގެ އިސްތިގުލާލަށް ހުރި ނުރައްކަލެއް އަދި ގެއްލުމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ޓެކްސް ބޮޑުކުރުމުން ލިބޭނެ ކަމަށް އަންދާޒާކުރާ 2.3 ބިލިއަން ރުފިޔާ އިން ބަޖެޓު ޑެފިސިޓް ފޫނުބެއްދޭނެ ކަމުގައިވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.