ޕާކިސްތާނުގައި އުފައްދާފައިވާ ބާސްމަތީ ހަނޑޫ ޕެކެޓުތަކެއްގެ މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ވިއްކަމުން ދާތީ އެކަން ނުކުރުމަށާއި އެ ތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
މަނާކޮށްފައިވަނީ ޕާކިސްތާނުގެ އުފެއްދުމެއް ކަމަށްވާ އަލް ގަމަރް ގޯލްޑް ޕްރީމިއަމް ބާސްމަތީ ހަނޑުލުގެ ފަސް ކިލޯގެ ޕެކެޓުތަކެކެވެ.
އެމްއެފްޑީއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަލް ގަމަރް ގޯލްޑް ޕްރީމިއަމް ބާސްމަތީ ހަނޑުލުގެ ފަސް ކިލޯގްރާމް އަޅާފައި ހުންނަ ޕެކެޓުތަކެއްގެ މުއްދަތު ހަމަވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މުއްދަތު ހަމަވާ ތާރީހުގެ މަތީގައި އެހެން ތާރީހެއް ޖަހައިގެން އެ ޕެކެޓުތައް ވިއްކަމުން ދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ރައްކާތެރިކަމާއި ފެންވަރު ގެއްލި އާންމު ސިއްހަތަށް ނުރައްކަލަކަށް ވެދާނެ ކަމެއް ކަމަށެވެ.
މުއްދަތު ހަމަވެފައިވާ ތަކެތީގެ މުއްދަތު އޮޅުވާލައިގެން އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވެސް އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފއިވެ އެވެ.