އަހްމަދު މުއިއްޒު

"އޭޖީ އޮފީހުން މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ މަސްލަހަތުގައި"

ކަނޑުގެ އިމުގެ މައްސަލައިގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ކުރާ ދައުވާގައި ދިވެހި ސަރުކާން އަމަލުކޮށްފައިވަނީ ދިވެހި ދައުލަތުގެ މަސްލަހަތުގައި ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަަށް ތާއީދުކޮށް އދގައި ވޯޓު ދިނުމަށް ރާއްޖެއިން ނިންމުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ.

ބަންޑާރަނައިބް އޮފީހުން ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ބަންޑާރަނައިބް އޮފީހުން މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ މަސްލަހަތުގައި ކަމަށެވެ. ނަމަވެސް އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.


ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަަށް ތާއީދުކޮށް އދގައި ރާއްޖެއިން ވޯޓު ދިނުމުގައި ސަރުކާރުން އަމަލުކުރަންޖެހޭނީ "ދިވެހިރާއްޖޭގެ ސަރަހައްދު"ގެ ގޮތުގައި ގާނޫނުއަސާސީގެ ތިންވަނަ މާއްދާގައި ބުނާ އުސޫލުން ކަމަށް ބައެއް ބޭފުޅުން ވިދާޅުވާތީ އެކަމަށްވެސް މުއިއްޒު ރައްދު ދެއްވާފައިވެ އެވެ. އެގޮތުން މުއިއްޒު ވިދާޅުވި ގޮތުގައި ޗާގޮސްގެ މައްސަަލައާއި ގާނޫނުއަސާސީގެ ތިންވަނަ މާއްދާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ދިވެހި ސަރުކާރުން ބުނީ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމަށް އދގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަ ކަމަށެވެ. އިޓްލޮސްގައި އޮތް މައްސަލައިގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުވެފައި ނުވާ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ. އިޓްލޮސްގައި ހިނގަނީ ދިވެހިރާއްޖެއާއި މޮރިޝަސްގެ އިން ވަކިކުރުމުގެ މައްސަލަ އެވެ.

ކަނޑުގެ އިމުގެ މައްސަލައިގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ކުރާ ދައުވާ އާއި ގުޅިގެން ސަރުކާރުގެ ސިޔާސަތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައަކާއި ގަރާރެއް ވެސް ހުށަހަޅާފައިވެ އެވެ.