ފަހި ދިރިއުޅުން ކޯޕަރޭޝަން

ވޯލްޑް ބޭންކް ރިޕޯޓްގެ ހާލަތަކާ ނުގުޅޭ: އެފްޑީސީ

ފަހި ދިރިއުޅުން ކޯޕަރޭޝަން [އެފްޑީސީ] އަކީ މަގުސަދު ހާސިލުނުވާ ކުންފުންޏެއް ކަމަށް ބުނެ ވޯލްޑް ބެންކުން ނެރުނު ޑިވެލޮޕްމަންޓް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތަކާއި ތަފާސްހިސާބުތައް މިހާރުގެ ހާލަތާއި ނުގުޅޭ ކަމަށް އެފްޑީސީ އިން ބުނެފި އެވެ.

މިމަހުގެ ހަ ވަނަ ދުވަހު ވޯލްޑް ބޭންކުން ނެރުނު މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް ރިޕޯޓުގައި ބުނެފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ އާމްދަނީ ލިބޭނެ ގޮތްތަކެއް ނެތް ދައުލަތުން ދޭ ފައިސާއަށް ބަރޯސާވާ ބޭނުމެއް ނެތް ކުންފުންޏެއް ކަމަށެވެ. އެ ކުންފުނި އުފެއްދި މަގުސަދު ހާސިލުނުވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

މި ރިޕޯޓާ ގުޅޭ ގޮތުން "އަވަސް" އަށް މައުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖާ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާސް ޝަމޫލް އަބްދުﷲ ވިދާޅުވި ގޮތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މަގުސަދަކީ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ އިޖުތިމާއި ބޮޑު މަސައްކަތެއް. އެހެންވީމަ ވިޔަފާރިކޮށްގެން ފައިސާ ހޯދުމަކީ އެފްޑީސީގެ އަމާޒެއް ނޫން" ޝަމޫލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯލްޑް ބޭންކުގެ ރިޕޯޓުގައި އަލިއަޅުވާލާފައިވާ ހާލަތާ މިހާރު ރާއްޖެ އާއި މުޅި ދުނިޔޭގެ ހާލަތުވެސް ތަފާތު ކަމަށެވެ. ވޯލްޑް ބޭންކްގެ ރިޕޯޓުގައި ހިމަނާފައިވަނީ 2018 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ހޯދާފައި ހުރި ތަފާސްހިސާބުތަކެއް ކަމަށާއި ރިޕޯޓުގައިވާ މައުލޫމާތު މިހާރުގެ ހާލަތާ ނުގުޅޭ ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގޭ ވަރުގެ ގާބިލް ކޮންޓްރެކްޓަރުން ހޯދައި، މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކޮށްފައިވާނެ ކަމަށްވެސް ޝަމޫލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ދެ މަޝްރޫއުއެއް އެބަ ކުރިއަށް ގެންދަން. މިއިން ކޮންމެ މަޝްރޫއުއެއްގެ ދަށުން 2،000 ހައުސިން ޔުނިޓް ބިނާކުރެވޭނެ. އެހެންވީމަ މި ދެ މަޝްރޫއުގައި ހިމެނޭ ކޮމާޝަލް ޔުނިޓްތަކާ ހައުސިން ޔުނިޓްތަކުން އަޅުގަނޑުމެންނަށް އާމްދަނީ ލިބޭނެ. މީގެ އިތުރުން ވެސް މިފަދަ މަޝްރޫއުތަކުން އެފްޑީސީއަށް އާމްދަނީ ލިބުމުގެ މަގު ކުރިއަށް އޮތްތަނުގައި ހުޅުވިގެންދާނެ،" ޝަމޫލް ފާހަގަކުރެއްވި އެވެ.

ޝަމޫލް އިތުރަށް ވިދާޅުވީ އެފްޑީސީ އަކީ އާންމުންނަށް ހިދުމަތްކުރުމަށްޓަކައި ދައުލަތުން އުފައްދާފައިވާ ކުންފުންޏެއް ކަމުން މިފަދަ އެހެން ކުންފުނިތަކެކޭ އެއްފަދައިން އެފްޑީސީއަށް ވެސް ދައުލަތުން ހަރަދުކުރަން ކަނޑައެޅިފައިވާ އުސޫލުން ހަރަދުކުރާނެ ކަމަށެވެ.

"މި ކޯޕަރޭޝަނަށް އަމިއްލަ ޒާތުގައި އާމްދަނީ ލިބެން ފެށީމަ ސަރުކާރުން ކުރަމުން އަންނަ ހަރަދުތައް ކުޑަވާނެ. އަދި ވޯލްޑް ބެންކްގެ ރިޕޯޓުގައި ދައުލަތުން ކޮށްފައިވާ ހަރަދުގެ ގޮތުގައި ބަޔާންކޮށްފަވާ އަދަދަކީ ހަމައެކަނި އެފްޑީސީއަށް ކޮށްފައިވާ ހޭދައެއް ވެސް ނޫން،" ޝަމޫލް ވިދާޅުވި އެވެ.

އެފްޑީސީގެ ފަރާތުން ނަގާފައިވާނީ ޖުމުލަ ދެ ލޯނެކެވެ. އެއީ ޖޭއެމްސީ ހައުސިން މަޝްރޫއަށް ނަގާފައިވާ 110.5 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެއްގެ އިތުރުން އެންބީސީސީ ހައުސިން މަޝްރޫއަށް ހަރަދުކުރުމުގެ ގޮތުން ނަގާފައިވާ 116.45 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެކެވެ.

މިގޮތުން އެ ކޯޕަރެޝަނުން މިހާރު ތަރައްގީ ކުރަމުން އަންނަ ދެ މަޝްރޫއު ނިމުމާ އެކު ލިބޭ އާމްދަނީން ނަގާފައިވާ ލޯނުތައް ދެއްކޭނެ ކަމަށާއި، ސަރުކާރުން އެ ލޯނުތައް ދައްކަން ނުޖެހޭނެ ކަމަށްވެސް ޝަމޫލް ވިދާޅުވި އެވެ.