( 23 އޮކްޓޯބަރ 2022 އާ ގުޅޭ )
"މިއުވާން..." ފޯނާ ހަމައަށް ދެވުނު މަލަކްއަށް އިސްކުރީނުގައިވި ނަން ފެނުމާއެކު ހިތާހިތުން ކިޔާލެވުނެވެ.
މިވަގުތު އެއްވެސް މީހަކާ ވާހަކަދައްކާކަށް މަލަކް ނޭދެއެވެ. އެ ކޯލު ކެނޑި ފޯނަށް ދެން އައީ މެސެޖެކެވެ. މަލަކް ފޯނު ނަގައި ބަލާލިއެވެ. މިއުވާނުގެ މެސެޖު ކިޔާލުމުން މަލަކްގެ މޫނުގައިވީ ނުތަނަވަސްކަން އިތުރުވިއެވެ.
މަލަކްގެ ފޯނަށް އަނެއްކާ ވެސް މިއުވާނު ގުޅިއެވެ. މެސެޖަށް ޖަވާބެއް ނުދީގެންކަން މަލަކްއަށް އެނގެއެވެ. ބުނާނީ ކީކޭކަމެއް މިވަގުތު މަލަކްއަކަށް ނޭނގެއެވެ. ދައްޔާނު ފެނިގެން ދުއްވައިގަތީ ގަސްދުގައެއްނޫނެވެ. އޭނާއާ ވާހަކަދައްކަން މަލަކްގެ ނަފްސު ތައްޔާރެއްނޫނެވެ. އެ މަންޒަރު މިއުވާނަށް ފެނުނީއެވެ. މިއުވާނު އެދޭ އެދުން ފުރިހަމަކޮށް ނުދެވޭނެކަން މަލަކް ބުނި ދުވަހުން ފެށިގެން އޭނާ ވެސް މަލަކްއަށް ނުގުޅައެވެ. އެހާ ދުވަސްފަހުން ކުއްލިއަކަށް މިއުވާނު އެ ގުޅީ ކީއްވެކަން އޭނާ ފޮނުވި މެސެޖުން މަލަކްއަށް ސާފުވެއްޖެއެވެ. މަލަކްއާ މެދު މިއުވާނުގެ ކަންބޮޑުވެފައިވާކަން އެ މެސެޖުން ދޭހަވެއެވެ.
"ކީއްވެ އަހަންނަށް މިހެންމިވަނީ؟. ދުވަހަކުވެސް ހަޤީޤީ ލޯތްބެއް ލިބެން ނަސީބުގައި ނެތީތަ... ޔާނުއަށް އިތުބާރުނުކޮށް މިއުވާނާ ރައްޓެހިވެވުނުނަމައޭ ހިތަށް އަރާ." އެނދު އަރިމަތީ ކިރިޔާ ފޫޖައްސާލައިގެން މަލަކް އިނީ ފުން ވިސްނުމެއްގައެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލެމުންދިޔަ ވަރަކަށް މަލަކްގެ ދެ ލޯ ފެންކަޅިވަމުން އައެވެ. ލޯ ކުރިމަތީ ދައްޔާނާއެކު ހޭދަވި ކޮންމެ ވަގުތެއްގެ މަންޒަރު އޭނާއަށް ފެންނަމުން ދާ ކަހަލައެވެ. ދެމެދުގައި ދެކެވުނު ވާހަކަތަކުގެ އަޑު ކަންފަތަށް އިވިއިވި ހުއްޓެވެ.
"މަންމަމެންނަށް އެނގިއްޖެއްޔާ ވާނީ ކިހިނެއް... އަހަރެންގެ ގޮތެއްނެތީއޭ އެންމެން ވެސް ހީކުރާނީ. ލޯބިވެރިޔަކަށް ވާނީ އެމީހަކަށް އިތުބާރު ވެސް ކުރެވިގެން. އެކަމަކު އެ އިތުބާރުން އަހަންނަށް މި ލިބުނީ ކިހާ ބޮޑު ދެރައެއް. އެ ވީޑިއޯގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ހަލާކުވާނެ. އަހަރެންގެ ކުރިމަގު އަނދިރިވެ ދުވަހަކުވެސް އެލައްގަނޑު ފިލުވައެއް ނުލެވޭނެ. ކިހާ ދެރަ... ކިހާ ދެރަ ގޮތެއް މިވީ... ކިހިނެއް ދެން ހެދޭނީ... ޔާނު ބޭނުންވަނީ އަހަރެން ދިރިއުޅުނަ ނުދޭންތަ؟. އެކަމަކު ކީއްވެ؟. އަހަންނަށް ކީއްކުރެވިގެން." ރޮވެންފެށުމުން މޫނުގައި މަލަކް މޫނުގައި ދެ އަތް އަޅައި ފޮރުވާލިއެވެ. ގޮތް ހުސްވެފައިވާ މީހަކުހެން މަލަކްއަށް ރުއިންނޫން ކަމެއް ނުކުރެވެއެވެ. އެ ހާލުގައި ޢާއިލާގެ ކުރިމައްޗަށް ނުކުންނާނޭ ހިތްވަރެއް ވެސް ނެތެވެ. ކުރެވުނު ކުށުގެ ލަދުވެތިކަމާ ހުރެ މީހެއްގެ ޚިޔާލަކަށް އެދޭކަށް މަލަކްއަކަށް ނުކެރޭނެއެވެ. އެންމެ ގާތް އެކުވެރީންގެ ގާތުގައި ވެސް ވާހަކަ ނުދެއްކުނީ އެހެންވެއެވެ.
ފޯނަށް މެސެޖެއް އައިކަމުގެ އަޑު އިވުމުން މަލަކް މޫނުން އަތް ނަގައި މޫނު ފުހެލިއެވެ. އޭނާ ފޯނު ނެގިއިރު މެސެޖު އައިސްފަ އޮތީ ނުދަންނަ ނަންބަރަކުންނެވެ. މަލަކްއަށް ފޯނާއެކީ ހުރި ދިމާއަށް ތިރިވެވުނެވެ. ކާކުކަން ނޭނގުނަސް އެ މީހަކީ މަލަކްއަށް ވީޑިއޯ ފޮނުވި މީހާކަން ޔަގީނެވެ. އޭނާގެ ބޭނުމަކީ މަލަކް ހީކުރި ފަދައިން "ބްލެކްމެއިލް" ކުރުމެވެ. އޭނާ ބޭނުންވަނީ ފައިސާއެވެ. މަލަކްއަކީ އަދި ކިޔަވާ ކުއްޖެއްކަން އެމީހަކަށް ނޭނގެނީބާއެވެ. އެއާއެކު ހިތުގައި ސުވާލު އުފެދުނެވެ. ދައްޔާނުނަމަ މަލަކް ވަޒީފާއަކަށް ނުދާކަން އެނގޭނެއެވެ. އުމުރުން ވިހި އަހަރު ފުރިފައި ހުއްޓަސް، މަލަކްގެ ޚަރަދުތައް އަދިވެސް ބަލަހައްޓައިދެމުން އަންނަނީ އޭނާގެ މައިންބަފައިންނެވެ.
"ހައު... ކިހިނެއް... ތާޓީ ތައުޒަން... އަހަރެން ކޮންތާކުން އެވަރު ހޯދާނީ. އެވަރު ދީގެން އޭނާގެ ހިތްފުރިދާނެތަ. އެއަށްވުރެ ގިނައިން ދޭން ނުބުނާނެތަ. ޕްލީޒް ގޯޑް... ހެލްޕް މީ ޕްލީޒް... ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން. އައި ޕްރޮމިސް... ޕްލީޒް ހެލްޕް މީ ދިސް ވަން ޓައިމް." މަލަކް އާދޭސްކޮށް ހެއްދެވި ފަރާތުގެ މަދަދަށް އެދެވުނެވެ. ގޮތް ހުސްވީއެވެ. ވެރި އިލާޙު ފިޔަވައި ހާލަތު ބަދަލުކުރެވޭނެ ފަރާތެއް ނުވާކަން ހަނދާންވީ އަދިކިރިޔާއެވެ.
އެއް ހަފްތާ ފާއިތުވެއްޖެއެވެ. ކޮންމެ ދުވަހަކު މަލަކްގެ ފޯނަށް ހަނދާންކޮށްދިނުމުގެ މެސެޖު އާދެއެވެ. އެ ނަންބަރަށް މަލަކް ގުޅީ އެމީހަކީ ކާކުތޯ ބަލާށެވެ. ނަމަވެސް އެއް ފަހަރު ވެސް ކޯލެއް ނުނެގިއެވެ. މެސެޖު ކުރަން ޖެހުނީ އެހެންވެއެވެ. އެ ނަންބަރަށް މަލަކްގެ ހާލަތު ބަޔާންކޮށް، އާދޭސްކޮށް މެސެޖު ކުރިއެވެ. އޭނާއަށް ފައިސާ ލިބޭނެ މަގެއް ނެތްއިރު އެވަރުގެ ބޮޑު އަދަދެއް ދެވެން ނޯންނާނޭކަން މެސެޖުގައި ލިޔުނެވެ. ބަދަލުގައި އެމީހާގެ ރައްދު އައީ މަލާމާތެއް ހެންނެވެ. މަލަކްއަކީ ނިކަމެއްޗެއްނޫންކަން އޭނާ ބުންޏެވެ. މަލަކްގެ ޢާއިލާ އަތުގައި ފައިސާ އެބަހުރިކަން އެމީހާގެ މެސެޖުގައި އޮތެވެ. އަދި ތިރީސް ހާހަކީ ވަރަށް ކުޑަ މިންވަރެއްކަމެވެ. އެވަރު ކަނޑައެޅީ ވެސް މަލަކްއާ މެދު ވިސްނާފަކަމެވެ. ވަޒީފާއެއްގައި މަލަކް ނޫޅޭކަން އެމީހަކަށް އެނގޭތީއެވެ. އެހެންވިޔަސް މަލަކް ފަދަ ރީތި އަންހެންކުއްޖަކަށް ފައިސާ ލިބިދާނޭ ކިތަންމެ ގޮތެއް އޮންނާނޭކަމެވެ. ކޮންމެ ގޮތަކުން ވެސް ފަނަރަ ދުވަސް ތެރޭ ފައިސާ އޭނާއަށް ލިބެން ޖެހޭނެކަމުގެ އިންޒާރު ދިނެވެ. އެކަނި ބޭރަށް ނުކުންނަން ވެސް މިހާރު މަލަކް ފަސްޖެހެއެވެ. އެމީހަކު އޭނާއަށް ފާރަލައިގެން ހުރެދާނޭ ހީވަނީއެވެ.
ދައްޔާނުގެ ކޯލުތަކަށް ބީރު ކަންފަތެއް ދީގެން އެއްވެސް ކަމެއް ހައްލެއް ނުވިއެވެ. މަލަކް ބްލެކްމެއިލް ކުރަނީ ދައްޔާނު ކަމެއް ވެސް މިހާރު ޔަގީނެއް ނުވެއެވެ. ދައްޔާނުގެ މެސެޖުތަކުގައި އަދިވެސް ވަނީ އޭނާ މަލަކްދެކެ ނުހަނު ބޮޑަށް ލޯބިވާކަމެވެ. ދެމެދަށް އައިސްގެން އުޅޭ ދުރުކަމުގެ ހަޤީޤަތަކީ ކޮބާކަން އޭނާއަކަށް ނުވިސްނެއެވެ. ގޯހެއް ހެދުނިއްޔާ ރަނގަޅު ކުރާން ދައްޔާނު ބޭނުންވެއެވެ. އެއްވެސް އެއްޗެއް މަލަކްއަށް ނުވިސްނިގެން މިއުޅެނީ އެހެންވެއެވެ.
ހަވީރުގެ ހިޔާ ޖެހިފައި އޮތް ވަގުތެވެ. ބެލްކަނީގައި މަލަކް މަޑުކޮށްލައިގެން ހުރީ ވިސްނާށެވެ. މަންމަ ކައިރީ ދޮގު ހަދައިގެން ފައިސާ ހޯދުމުގެ ޚިޔާލެއް އޭނާގެ ސިކުނޑީގައި ރޭވި ގެތެމުން އައެވެ. އަތުގެ ތެރޭ އޮތް ފޯނު ރިންގުވީ އެވަގުތެވެ. މިއަދު ވެސް މިއުވާނު ގުޅީއެވެ. މަލަކްގެ ހާލު އެނގެން ބޭނުންވަނީއެވެ. މަލަކް ހަލުވިކޮށް އައިސް ކޮޓަރިއަށް ވަނީއެވެ.
"ހެލޯ..." ފޯނުކޯލު ނެގުމާއެކު މަލަކް ބުންޏެވެ.
"މަލް... ކީއްވެތަ ފޯނު ނަގަނީ. އަޑަށް ކިހިނެއްވެފަ ތިހުރީ. ބަލީތަ؟... ރޮނީތަ." މިއުވާނު ނިކަން ފަސޭހައިން މަލަކްގެ ހާލަތު ދެނެގަތުމުން ހިސާބެއްގެ ހައިރާންކަން މަލަކްއަށް ލިބުނެވެ.
"ކުޑަކޮށް ބަލީ. މާނު އެހާ ވަރަށް ތިގުޅަނީ ކީއްވެ. އަހަރެން ސިންގަލްއެއް ނޫނޭ ބުނީމެންނު. ކުރީން ގޮތަށް ފޯނުގައި ނުހެރެވޭނޭ ބުނީމެންނު." މިއުވާނުގެ އަޑުގައި ހުރި ކަންބޮޑުވުމާއި އޯގާތެރިކަން މަލަކްއަށް ކަމުދިޔަ ނަމަވެސް އޭނާ އެކަން ފާޅެއް ނުކުރިއެވެ.
"ތިކަން އެނގޭ... އެ ދުވަހު މަލް ފެނުނު ފަހުން ހަމަ ވިސްނެނީ. ހިތަށް އަރަނީ މަލް ރަނގަޅުބާއޭ. ލޯބިވެރިއެއްގެ ގޮތުގައި އަހަރެންނަށް ފުރުޞަތެއް ނެތީމަ އެކުވެރިއަކަށް ވެސް ނުވެވޭނެތަ. ސީރިއަސްކޮށް ބުނެބަލަ... ކިހިނެއްވެގެން ތިއުޅެނީ. އެ ދުވަހު އެ ފެނުނީ މަލްގެ ބޯއިފްރެންޑްތަ؟. ދެ މީހުން މައްސަލައެއް ޖެހުނީތަ؟. ޕްލީޒް މަލް... އަހަރެންގެ އެހީއެއް ބޭނުންތަ؟. ތީ އަހަރެން ވަރަށް ކެއާކުރާ ކުއްޖެއް. އަހަންނަކީ މިހާރު ނުދަންނަ މީހެއްނޫނެއްނު." މިއުވާނު ވާހަކަދެއްކިއެވެ.
"ގާތް މީހަކަށް ކިޔާ ދިނުމަށްވުރެ ދުރު މީހަކާ ޚިއްޞާކުރުން ރަނގަޅު ކަންނޭނގެ. މާނު އަހަންނަށް ހެލްޕް ވެދާނެތަ. އޭނާ ބުނިހެން ކެއާކުރާކަން އަހަންނަށް ވެސް އެނގޭ. ކީއްވެތަ އަހަރެން ޔާނު ޗޫޒް ކުރީ. މާނު ވެސް ނުލާހިކު ރަނގަޅު... އެހާމެ ރީތި." މަލަކްގެ ހިތުގައި ޚިޔާލު ތަފާތުވުމުގެ ހައިޖާނެއް އުފެދުނެވެ.
"މަލް... ފޯނު ވާހަކަދައްކަން އުނދަގޫނަމަ ހިނގާ މީޓުކޮށްލަން. އަހަރެން ދަންތަ ބަލާ. މަލް... ވާހަކަދައްކަބަލަ. ރޮނީތަ... ޕްލީޒް ނުރޮއްޗޭ. އަހަރެން ދަންތަ ތިގެއަށް. އޭރުން ގޭ ކައިރިން މީޓުކޮށްލާނީ. އަހަރެންނަށް ފެނިލަން ވިޔަސް ނުކުމެލީމަ ހިތްހަމަޖެހޭނެ. އޭރުން އަހަންނަށް އެނގޭނެ މަލް ރަނގަޅިއްޔާ." މިއުވާނު އެދެން ފެށިއެވެ.
* * * * *
އައިމީ ގުޅީ މަންމައާއި ބައްޕައާއެކު ހަވީރު ސައިބޯން ކާމޭޒު ދޮށުގައި މާޔަލް އިންދައެވެ. އޭރު އެމީހުންގެ މެދުގައި ދެކެވެމުންދިޔައީ އިވާންގެ މައިންބަފައިންނާ ބައްދަލުކުރާން އެގެއަށް ދާން އެރޭ ނިންމާފައި އޮތް ވާހަކައެކެވެ. ރަޒާގެ ޢާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގަ އެއް ހަފްތާ ފާއިތުވެގެން ދިޔައީ ކުރާން ރާވާފައި ހުރި އެއްވެސް ކަމެއް ނުކުރެވިއެވެ. މިހާރު އެ ޢާއިލާއާއި މައިރާ ވެސް ހަމައަކަށް އެޅިއްޖެކަން އާމާލްއަށް ޔަގީންވެއްޖެއެވެ. އެހެންވިޔަސް އޭނާގެ ހިތުގައި ފާޑެއްގެ ބިރުވެރިކަމެއް އުފެދިފައި ވެއެވެ. ދަރިފުޅު މައިރާއަށް ކަމެއް ވެދާނޭތީ އޭނާގެ މައިވައިންތަކަން ކަންބޮޑުވަނީއެވެ. އެހެންވިޔަސް އޭނާ ވިސްނަން ޖެހޭ ހުރީ އެންމެ ދަރިއެއް ނޫނެވެ. މާޔަލްއާއި އައިރިކްގެ ގުޅުމަށް އެ ޢާއިލާއިން ހުރަސް އަޅާކަށް ބޭނުމެއްނުވެއެވެ. އެހެންނަމަވެސް އޭގެ ކުރީން އިވާންއާއި މާޔަލްގެ ކައިވެނީގެ އެއްބަސްވުން ދެ ޢާއިލާގެ ހާޟިރުގައި އުވާލަން އެބަޖެހެއެވެ. އެއީ ލަސްނުކޮށް ވީހާ ވެސް އަވަހަކަށް ޢަމަލީ ސިފައެއް ގެންނަން ޖެހިފައިވާ މުހިންމު ނިންމުމެކެވެ.
މޭޒުމަތިން ފޯނު ނަގައިގެން މާޔަލް ކާމޭޒުދޮށުން ތެދުވިއެވެ. މަންމަގެ ނަޒަރު ސީދާވެލި ގޮތުން އައިމީގެ ފޯނުކޯލެއްކަން މާޔަލް ހާމަކުރިއެވެ. ދުރަށް މާޔަލް އައީ މަންމަމެންގެ ކުރިމަތީ ކޮންމެކޮންމެ ވާހަކައެއް އެކުވެރިޔާއާ ދެއްކުން ފަސޭހަނުވާނެތީއެވެ. ޓެރެސްއަށް އޭނާ ނުކުތެވެ. ބޯވިލާތަކުން އުޑުމަތި ބައްދާލައިފައި އޮތްތަން ފެނުނީ ދެނެވެ. ހިސާބެއްގެ އަނދިރިކަން ވެރިވެ ފިނިފިނި ވައިރޯޅިތަކުގެ ބީހުން މާޔަލްއަށް އިޙްސާސް ކުރެވިގެން ދިޔައެވެ.
"މައްޔު ކީއްކޮށްގެން ތިއުޅެނީ." އައިމީގެ ފޯނުކޯލަށް މާޔަލް ޖަވާބު ދިނުމާއެކު އިވިގެން ދިޔައެވެ.
"އިވާން ކީކޭ ބުނީ." ލަފާކޮށްލުމާއެކު މާޔަލް ވެސް ކުރީ ސުވާލެކެވެ. އައިމީ އެފަދަ ސިހުން އެކުލެވިގެންވާ ރާގެއްގައި އެކަހަލަ ސުވާލެއް ކުރާނީ އިވާންގެ ފަރާތުން ކަމެއް އެނގިގެންކަން މާޔަލްއަށް ޔަގީންވަނީއެވެ.
"އޮފީހުން ޗުއްޓީ ނަގައިގެން ގޭގަ އޮންނަނީ. ކޮޓަރިއަކުން ނުއެއް ނުކުމޭ... މިއަދު މެންދުރު ފެނުނުއިރު ހީވަނީ ދޮންބެ ވަރަށް ރޮއެފަ ހުރިހެން. މަންމަ ވެސް ސުވާލުކޮށްފި. ބުނިހާ ވެސް އެއްޗަކީ މައްޔުއާ މެރީކުރަންށޭ ބޭނުމީ. މައްޔުގެ ޕޭރެންޓްސް މިރޭ އަންނަކަން އެނގުމުން ވަކިން ދޮންބެގެ ހާލު ގޯސްވެއްޖެހެން ހީވަނީ." އައިމީ ކިޔާދިނެވެ.
އެކުވެރިޔާއަށް ހަޤީޤަތް މާޔަލް ކިޔާދިނެވެ. މާޔަލްގެ ނިންމުން ދެން ބަދަލުނުވާނެތޯ އައިމީ އަހާލިއެވެ. އޭނާ ވެސް މާޔަލްއާއި އިވާން ވަކިވާން ބޭނުންނުވަނީކަން ވިސްނުނެވެ. ދެމެދުގައި އޮތް ގާތް އެކުވެރިކަމުގެ ސަބަބުން މާޔަލް ކުށްވެރި ނުކުރިޔަސް އޭނާގެ އެ ނިންމުން އައިމީއަށް ކަމުދިޔަހެނެއް ހިޔެއްނުވެއެވެ. މާޔަލްދެކެ އިވާން ވަނީ ހަޤީޤީ ލޯބިކަން އައިމީއަށް ޔަގީންވާތީއެވެ. އެހެންވިޔަސް އެމީހަކު ހިތްއެދޭ މީހަކު ޚިޔާރު ކުރުމުގެ އިޚްތިޔާރު އެބައޮތެވެ. އިވާންގެ ނަސީބުގައި މާޔަލްގެ ލޯބި ލިބުން ނެތީއެވެ. މާޔަލްގެ މައިންބަފައިން އަންނަނީ ކީއްވެކަން ވެސް އައިމީއަށް ކިޔާދިނެވެ. އަދި މާޔަލް އާ ހާޔަތާ ކުރިމަތިލާން ތައްޔާރުކަމުގައި އެކުވެރިޔާ ގާތު ބުންޏެވެ. އޭނާގެ މުސްތަޤްބަލް ބައްޓަން ކުރަން އެދެނީ އެ ދިރިއުޅުމުގައި އައިރިކް ޝާމިލްވާނޭ ހެންނެވެ.
* * * * *
"ހެދުނު އެންމެ މިސްޓޭކެއްގެ ނަތީޖާ މީހާ ހިތިވެދާނޭ ހިޔެއް ނުކުރަން. އެރޭ ޕާޓީއަށް ދެވުނުނަމަ އެ ދެ މީހުންނަށް ބައްދަލުވާނޭ ފުރުޞަތެއް ނުލިބުނީސް. އަހަންނާ ހެދި މިހެން މިވީ." ބަންޑުން އެނދުގައި އޮތް އިވާންގެ ޚިޔާލުގައި ވިއެވެ.
ދޮރުފަތުގައި ޓަކިދޭން ފެށުމުން އިވާން އެނދުން ތެދުވިއެވެ. ދޮރުގައި ތަޅާ ގޮތުން އެ ކޮޓަރި ބުޑުގައި ހުރީ އައިމީކަން އިވާނަށް ޔަގީނެވެ. އޭނާ އައިސް ދޮރު ހުޅުވާލުމާއެކު އައިމީ އެ ކޮޓަރި ތެރެއަށް ދެމިގެންފިއެވެ. އިވާންގެ ހުއްދަ ހޯދުމެއް ވެސް މިފަހަރު ނެތެވެ.
"މައްޔުގެ ޕޭރެންޓްސް އެ އަންނީ ކީއްވެކަން ދޮންބެއަށް އެނގޭ ދޯ" އައިމީ ވަގުތުން ސުވާލުކުރިއެވެ. ނަމަވެސް އިވާން ވަކި އެއްޗެއް ނުބުނެ ހުރީއެވެ.
"މަންމަމެން ކައިރީ ބުނަންވާނެއެއްނު. ދެ މީހުންގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް މެރިއޭޖަކީ. ދެ މީހުން ވެސް ބޭނުންވެގެން ރުހިގެން ކުރަންވާނެ ކަމެއް އެއީ. މައްޔު ހުރިހާކަމެއް ކިޔާދީފި. އެމީހުން އައުމުގެ ކުރީން މަންމައާއި ބައްޕައަށް މިކަން އެނގެންޖެހޭ. ޔޫ ހޭވް ޓު ޓެލް ދެމް. އެހެންނޫނީ އެމީހުންނަށް ލިބޭނީ ކިހާ ބޮޑު ސަޕްރައިޒެއް." އައިމީ ބުންޏެވެ.
"މައްޔުއަށް ނުވިސްނެނީ. މައްޔު އަސްލު ލޯބިވަނީ އަހަރެންދެކެ. އެމީހާ މައްޔުގެ ބޮލަށް އެރެނީ." އިވާން ބުނެލިއެވެ. އޭނާއާއި މާޔަލްއާ އަޅާ ބަލާއިރު އައިރިކްއަކީ އެމީހުންނަށްވުރެ އުމުރުން ދޮށީ ޒުވާނެކެވެ. އޭނާ މާޔަލްއަށް ދަޅަދައްކަނީއެވެ. މާޔަލްގެ ހިތް ބަދަލުވެގެން އެއުޅެނީ އެ ސަބަބަކާ ހުރެކަން އިވާން ޤަބޫލުކުރެއެވެ. މާޔަލްއާ ގާތްކަމެއް އައިރިކް ބާއްވައިފިކަމުގެ ޝައްކު އިވާނަށް ކުރެވެއެވެ. އޭނާ ނުދިން ފުރުޞަތެއް މާޔަލްގެ ކިބައިން އައިރިކް ހޯދީއޭ ހީވަނީއެވެ. އިވާންގެ ނަޒަރުގައި އެހާ ބޮޑަށް އައިރިކްގެ މައްޗަށް މާޔަލްގެ ހިތްޖެހެން ޖެހުނީ އެހެންވެއެވެ.
އަސްމާއާއި އުމައިދު ތިބީ ބޮޑުކޮޓަރީގައި ސޯފާތަކުން ސޯފާގައި މަޑުކޮށްލައިގެންނެވެ. އައިމީއާއެކު އެތަނަށް އައި އިވާން އެމީހުންގެ ލޮލުގައި އަޅައިގަތެވެ. އިވާންގެ މުލައްދަނޑީގައި ހިފައި ކުރިއަށް ދާން އައިމީ ބުނަމުންދިޔައެވެ. ދެ ދަރީންގެ ނަމުން އުމައިދު ގޮވާލީ އެހިނދުއެވެ.
"ޔޫ ހޭވް ޓު ޓެލް ދެމް. މަންމަމެން އެ ތިބެނީ މައްޔުގެ ޕޭރެންޓްސް އަންނާތީ. ވީ ޑޯންޓް ހޭވް ޓައިމް." އައިމީ ވާހަކަދެއްކިއެވެ. އޭނާ ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރި ކަހަލައެވެ. އިވާންގެ އިޝާރާތެއް ނުވުމުން މަންމަމެންނާ ދިމާއަށް އައިމީ ހަރުކޮށް ހިނގާފައި އައެވެ.
"މައްޔު މެރީ ކުރަން ބޭނުމެއްނޫން. މައްޔު އެކްސިޑެންޓްވުމުގެ ކުރީން ދޮންބެއާ ރުޅިވެއްޖެ. އެކަން މައްޔު ހަނދާންނެތިފަ ހުރީ އެކްސިޑެންޓްގެ ސަބަބުން. އެންމެ ފަހުން ހޮސްޕިޓަލްގައި މައްޔު ބާއްވައި ދޫކޮށްލި އިރު މައްޔުގެ ހުރިހާ ހަނދާނެއް އަނބުރާ އަތުވެއްޖެ. މައްޔުއަށް ދޮންބެ ހެދި ދޮގު ވެސް ފަޅާއެރީ. މައްޔުގެ މަންމަމެން އެ އަންނަނީ އެ ވާހަކަ ދައްކަން." އެއްނޭވާއިން އައިމީ ކިޔާލައިފިއެވެ.
(ނުނިމޭ)