ސަބްސިޑީއަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން 4.2 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ލިޔުމުން ދެއްވި ޖަވާބުގައި ވަނީ ފާއިތުވި ތިން އަހަރު ދައުލަތުގެ ބަޖެޓަށް ކުރި ހޭދަ ހާމަކޮށްފަ އެވެ. އެގޮތުން ސަބްސިޑީ އާއި ކަރަންޓާއި ފެނުގެ އަގު ހެޔޮ ކުރުމަށާއި ކާބޯތަކެތީގެ އަގު ހެޔޮކުރުމުގެ އިތުރުން ފްރީ ސްކޫލު ހިންގުމަށް ދިން އެހީގެ ތަފުސީލް ވަނީ ހާމަކޮށްފަ އެވެ.
ޖުމްލަ ސަބްސިޑީ
- 2019 - 1.30 ބިލިއަން ރުފިޔާ
- 2020 - 1.26 ބިލިއަން ރުފިޔާ
- 2021 - 1.59 މިލިއަން ރުފިޔާ
ސަބްސިޑީގެ ގޮތުގައި 2019 ވަނަ އަހަރު 491 މިލިއަން ރުފިޔާ ހޭދަކުރިއިރު 2020 ވަނަ އަހަރު 160 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 99 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ފިއުލް ސަބްސިޑީ ހަރަދު ހިމަނާފައިވަނީ މި ސަބްސިޑީގެ ތެރޭގަ އެވެ. ހިނގަމުންދާ 2022 ވަނަ އަހަރުގެ ކުރިން ޓްރާންސްޕޯޓް ސަބްސިޑީވެސް ހިމެނެނީ މި ސަބްސިޑީގެ ތެރޭގަ އެވެ.
ކަރަންޓު ސަބްސިޑީ
- 2019 - 491 މިލިއަން ރުފިޔާ
- 2020 - 160 މިލިއަން ރުފިޔާ
- 2021 - 99 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓަރު ދެން ހާމަކުރީ ފެނުގެ އަގު ހެޔޮ ކުރުމަށް މިދިޔަ އަހަރު ދިން ފައިސާ އެވެ. އެގޮތުން މިދިޔަ އަހަރު ފެނުގެ އަގު ހެޔޮ ކުރުމަށް 40 މިލިއަން ރުފިޔާ ބަޖެޓުން ދީފައިވާކަން ހާމަކުރި އެވެ.
ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް 2019 ވަނަ އަހަރު 321 މިލިއަން ރުފިޔާ ދިންއިރު 2020 ވަނަ އަހަރު 422 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 238 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދީފައިވެ އެވެ.
މީގެއިތުރުން ޕްރީ ސްކޫލު ހިންގުމަށް 2019 ވަނަ އަހަރު 21 މިލިއަން ރުފިޔާ ދީފައިވާއިރު 2020 ވަނަ އަހަރު 19 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 20 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ 2019 އަދި 2020 ވަނަ އަހަރު ފިއުލް ސަބްސިޑީއަށް ކުރާ ހަރަދު ހިމެނިފައިވަނީ ބަޖެޓު ކޯޑު 228001 ސަބްސިޑީގައި ކަމަށެވެ. ނަމަވެސް މި އަހަރުގެ ކުރިން އެ ކޯޑުގައި ޓްރާސްޕޯޓް ސަބްސިޑީ ހިމެނޭ ކަމަށާއި ޓްރާންސްޕޯޓް ސަބްސިޑީއަށް ކުރާ ހަރަދު އިތުރުވަމުންދާތީ މި އަހަރު ވަކި ބަޖެޓު ކޯޑެއް ހެދުމަށްފަހު މި އަހަރު އެ ސަބްސިޑީ ރިކޯޑުކުރާނީ އެ ރެކޯޑަށް ކަމަށެވެ.
ފިއުލް ސަބްސިޑީއަށް މިދިޔަ އަހަރު 460 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ ކާބޯތަކެތީގެ ވަރަށް ކުޑަ މިންވަރެއް [0.1 އިންސައްތަ] ފިޔަވާ ސަރުކާރުން މިހާރު ދޭ ހުރިހާ ސަބްސިޑީއަކީ އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ތަކެތި ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތަށްދޭ ސަބްސިޑީ ކަމަށެވެ. އެހެންކަމުން އެ ސަބްސިޑީއަކީ ފަގީރުންނަށް ހާއްސަކޮށްގެން ދެވޭ ސަބްސިޑީގެ ބަދަލުގައި ހުރިހާ އެންމެންނަށް ވެސް ލިބޭ ސަބްސިޑީއެއް ކަމުގައި ވިދާޅުވި އެވެ. މިހާރު ސަބްސިޑީގެ ފައިދާ ލިބޭ މީހުންގެ ތެރޭގައި މުއްސަނދިންނާއި ބިދޭސީންނާއި ފަތުރުވެރިންވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ. ވިޔަފާރިތަކަށް ދެވޭ ސަބްސިޑީއަކީ ވެސް ސަބްސިޑީ ހައްގުވާ ހުރިހާ ވިޔަފާރިތަކަށް އެއްވަރަކަށް ދެވޭ ސަބްސިޑީއެއް ކަމަށް ވިދާޅުވި އެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް، ފަގީރު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް ކާޑުފޯރުކޮށް ދިނުމުގެ ގޮތުން އެ އިދާރާއިން ކާބޯތަކެތީގެ ސަބްސިޑީދޭ ކަމަށްވެސް ވިދާޅުވި އެވެ. އެ ސަބްސިޑީއަށް ޝަރުތު ހަމަވާ އާއިލާއެއް ކަމުގައި ބަލަނީ ރާއްޖޭގެ ޕަވަޓީލައިނަށްވުރެ މަދުން އާމްދަނީ ލިބޭ އާއިލާތައް ކަމަށާއި އެއީ އަމިއްލައަށް އެދުމުން ދެވޭ ސަބްސިޑީއެއް ކަމުގައިވެސް ވިދާޅުވި އެވެ.