ޗާގޮސް ނުވަތަ ފޯޅަވައްސަކީ ރާއްޖޭގެ ރަށެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީ ސަރުކާރުތަކުގެ ބައެއް ވަޒީރުން ދެއްކެވި ވާހަކަތަކާ ގުޅިގެން އެ ބޭފުޅުންނަށް އަމާޒުކުރައްވާ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރައްވައިފި އެވެ.
މިނިސްޓަރު ފައްޔާޒުގެ ފުރަަމަ ސުވާލު އަމާޒު ކުރެއްވީ ރައީސް މުހައްމަދު ނަޝީދަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށް ދެކެވަޑައިގަންނަވާނަމަ ފޯޅަވައްސާ ރާއްޖެއާ މެދު އިން ވަކިކުރުމަށް މޮރިޝަޝްއާ އެކު އެއްބަސްވީ ކީއްވެގެންތޯ އައްސަަވާފައިވެ އެވެ.
ރައީސް ނަޝީދަށް އަމާޒުކުރައްވާ މިނިސްޓަރު ފައްޔާޒު މިފަދަ ސުވާލެއް ކުރިމަތިކުރައްވާފައި މިވަނީ ފޯޅަވައްސަކީ ރާއްޖޭގެ ރަށެއް ކަމަށް ބުނާނެ ތާރީހީ އަދި ސަގާފީ ހެކި އެބަހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
"1560 ވަނަ އަހަރު ނުވަވަނަ ރަސްގެފާނުގެ ސިޓީއެއްގައި ރަދުން ބަޔާންކުރައްވަނީ ފޯޅަވަހީގެ ހަތް ރަށް އެއީ ރާއްޖޭގެ ރަށް ރަށް ގޮތުގައި،" ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް މިނިސްޓަރު ފައްޔާޒު ސުވާލެއް ކުރިމަތިކުރެއްވީ ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއިން ދަމަހައްޓަމުން އައި ސިޔާސަތު މިސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް އޭނާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.
އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއިން މޮރިޝަސް އަށް ތާއީދުކޮށްފިނަމަ ރާއްޖޭގެ ހާއްސަ ސަރަހައްދުން ބައެއް ގެއްލޭނެ ކަމުގެ ބިރު މިހާރު އެބައޮތް ކަމަށެވެ. ކުއްލިއަކަށް ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ފޯޅަވަހި އިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ ބައި ގެއްލޭނެތީ އެކަމުގައި ރާއްޖެއަށް ހައްގުބަސް ބުނުމުގެ ދޮރު ބަންދުވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"ޗާގޮސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން ނިންމި މައްސަލައިގައި ގެއްލުން ލިބޭ އެއް ހަސްމަކީ ރާއްޖެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފަށް ރައްދު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވަނީ 2017 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)ގައި މޮރިޝަޝް އަށް ފޯޅަވަހި ދޭން ނިންމިއިރު އާދަމް ޝަރީފް ވަޒީރުކަން ކުރެއްވި އޭރުގެ ސަރުކާރުން އެ މައްސަލައިގައި ދައުވާ ނުކުރީ ކީއްވެގެންތޯ އައްސަވާފަ އެެވެ.
"އޭރުގެ ޑިފންސް މިނިސްޓަރު ކީއްބާ ކުރެއްވީ ފޯޅަވެހި ރާއްޖޭގެ ތަނެއް ކަމަށް ދެކި ގެއްލި ދިޔައިރު؟" އާދަމް ޝަރީފް ޓެގް ކުރައްވާ ފައްޔާޒު ކުރެއްވި ޓްވީޓުގައި އައްސަވާފައިވެ އެވެ.
ރާއްޖެއާއި މޮރިޝަސް ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަަލައިގައި ދިވެހި ސަރުކާރުން އެންމެ ފަހުން އަމަލުކުރި ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު އިއްޔެ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބަންޑާރަނައިބް އިބްރާހީމް ރިފްއަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ.
ފޯޅަވައްސަކީ އެއްވެސް އިރަކު މޮރިޝަސްގެ ތަނެއް ނޫން ކަމަށާއި މޮރިޝަސް އަށް އެތަނަށް ދައުވާ ކުރެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް ވިދާޅުވެ ޑރ. މުނައްވަރު ވާހަކަދައްކަވާފައިވެ އެވެ. ފޯޅަވަހީގެ މިލްކުވެރިކަމާއި ސިޔާދަތީ ބާރު ލިބުން އެންމެ ހައްގު ބަޔަކީ ދިވެހިން ކަމުގައިވެސް ވިދާޅުވި އެވެ،
ޑރ. މުނަވަރުގެ މިވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވަނީ 1992 ވަނަ އަހަރު އޭރުގެ ބަންޑާރަނައިބަކަށް ޑރ. މުނައްވަރު ހުންނަވައިގެން އިނގިރޭސިވިލާތާއެކު ދިވެހިރާއްޖެއާ ފޯޅަވަހީގެ ބައުންޑަރީ ކަނޑައެޅުމަށް ވާހަކަދެކެވުނީ ކީއްވެތޯ އައްސަވާފަ އެވެ.
ދިވެހި ސަރުކާރުން ބުނާ ގޮތުގައި ފޯޅަވަހީގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭ އިން ނިންމާފައިވާ ނިންމުމަށް އދ. ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަ ކަމަށެވެ. އިޓްލޮސްގައި އޮތް މައްސަލައިގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުވެފައި ނުވާ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.
"ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން އެކަމަކާ މެދު ފާސްވާ ގާނޫނަކުން ކަމުގައި ގާނޫނުއަސީގައި ބަޔާންކޮށްފައިވީ ހިނދު، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމާމެދު އެއްވެސް ނިންމުމެއް ސަރުކާރުން ނިންމައިފައި ނުވޭ.،" ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެފައިވެ އެވެ.