މޯލްޑިވްސް ޕޮލިސް ސާވިސް

އަރުޝަދު ހައްޔަރުކޮށްފި

Oct 25, 2022

ރާއްޖޭގައި އެންމެ ފުޅާކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނާ އަރުޝަދު ހާލިދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބަލަމުންދާ މައްސަަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަރުޝަދު މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ޔަގީންކޮށްދީފަ އެެވެ.

ބަލަމުންދާ މައްސަލައިގެ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެެވެ.

އަރުޝަދު ހައްޔަރުކޮށްފައި މިވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ހައިކޯޓުން މިމަހުގެ 13 ވަނަ ދުވަހު އަމުރުކޮށްފައި ވަނިކޮށެެވެ.

ހައިކޯޓުން މިފަދަ އަމުރެއް ނެރުނީ އެ ކޯޓުގައި މިހާރު ހިނގަމުންދާ މަސްތުވާތަކެތީގެ ދައުވާއެއްގައި އިސްތިއުނާފް ރައްދުވާ އެއް ފަރާތަކީ އަރުޝަދު ކަމަށްވެފައިވާ އޭނާ މީގެކުރިން ރާއްޖެއިން ބޭރުގައި ހުރުމުން މިދައުވާއާއި ގުޅިގެން އޭނާއާ އޭރު މުއާމަލާތް ކުރެވިފައި ނުވާތީއާއި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުވާނެކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

"[އަރުޝަދު] ކޯޓަށް ނޭނގި ރާއްޖެއިން ފުރައިގެން ދިއުން މަނާކުރަންޖެހޭ ކަމަށް ފަނޑިޔާރުންނަށް އިއްތިފާގުވެވޭތީ އެ ސަބަބަށްޓަކައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ކަމަށް ފަނޑިޔާރުންނަށް ބުރަވެވެ އެވެ." ހާލިދުގެ ބަންދާ މެދު ގޮތް ނިންމުމަށް ހައިކޯޓުން ނެރުނު އަމުރުގައިވެ އެވެ.

އަމުރުގައި ވަނީ އަރުޝަދުގެ ނަމުގައި ހަދާފައިވާ ޕާސްޕޯޓާއި، ޓްރެވަލް ޑޮކިއުމަންޓް އަދި ރާއްޖެއިން ބޭރަށް ދަތުރުކުރެވޭ އެ ނޫންވެސް ލިޔުމެއްވާނަމަ ކޯޓުން ވަކި ގޮތެއް އަންގަންދެން އަރުޝަދުގެ ޕާސްޕޯޓާއި އެ ލިޔުންތައް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.

މީގެއިތުރުން އަރުޝަދު މާލެ އިން ބޭރަށް އެއްވެސް ބޭނުމަކު ދާނަމަ ދުރާލައި ހައިކޯޓަށް އެންގުމަށްފަހު ލިޔުމުން ހުއްދަ ލިބިިގެން ނޫނީ މާލެއިން ބޭރަށް ނުދިއުމަށްވެސް އަމުރުކޮށްފައިވެ އެވެ. އަދި އަރުޝަދު އަމަލުކުރާ ގޮތެއްގެ ސަބަބުން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ދައުލަތަށް ފެންނަނަމަ ގާނޫނީ ސަބަބުތަކާ އެކު ޝަރީއަތުގެ މަޖިލީހަށް ހުށަހަޅައިގެން ހައިކޯޓުގެ ނިންމުން ބަދަލުކުރުމަށް ދައުލަތަށް ހުރަހެއް ނެތް ކަމަށްވެސް މިމަހުގެ 13 ވަނަ ދުވަހު ނެރުނު އަމުރުގައި ބުނެފައިވެ އެވެ. އެހެންވެ އަރުޝަދު ހައްޔަރުކޮށްފައި މިވަނީ މިމަހުގެ ހަތްވަނަ ދުވަހު އޭނާ ލަންކާ އިން މާލެއަށް އައުމުން ހައްޔަރުކުރުމަށްފަހު، ދޫކޮށްލި ގޮތާ މެދު ޕީޖީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާ ހައިކޯޓުން މިމަހުގެ 13 ވަނަ ދުވަހު ނެރުނު އަމުރު ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާފައި ވަނިކޮށެވެ.

އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިޔައީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތީގެ ދައުވާއަކުން ސަލާމަތްވުމުންނެވެ.

އޭނާގެ މައްޗަށް އޭރު ދައުވާ ކުރީ މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން ނުވަ ކިލޯގެ ޑްރަގާއި 4.6 މިިލިއަން ރުފިޔާއާ އަރުޝަދާ ގުޅުންތަކެއް ހުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

ފުލުހުން މިދިޔަ އަހަރު ފަހުކޮޅު ހިންގި މަސްތުވާތަކެތީގެ އިތުރު އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އެކަމުގެ އަޑީގައި ހުރީވެސް އަރުޝަދު ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު އޭނާ ވަނީ ރާއްޖެއިން ފުރާފަ އެވެ.

އަރުޝަދު މިދިޔަ ދުވަސްތަކުގައި ދިރިއުޅެމުން ދިޔައީ ސްރީލަންކާގަ އެެވެ. އޭނާ މާލެ އައިސްފައިވަނީ ލަންކާގައި ހުރެފައި އަމިއްލަ ބޭނުމަކު ދުބާއީ އަށް ދިއުމުން ދުބާއީ އަށް އެތެރެވުމަށް ފުރުސަތު ނުދީ އަނބުރާ ލަންކާއަށް ފޮނުވާލުމުން ލަންކާ އިންވެސް އަރުޝަދު ޑީޕޯޓްކޮށްލުމުންނެވެ.