ސުޕްރީމް ކޯޓް

ޑރ. އިޔާޒުގެ އަންހެނުން ގޮވައިގެން ދައުލަތުން ސުޕްރީމް ކޯޓަށް

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުން ހުއްޓުވުމަށް ގޮވާލައި ރާއްޖޭގައި ހުންނަ ބައެއް ގައުމުތަކުގެ އެމްބަސީތައް ކައިރީގައި އަޑުއުފުލަމުން ދަނިކޮށް ހައްޔަރުކޮށް ޖަލުގައި ބަންދުކުރި އައިޝަތު ޝާދިޔާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރި އަމުރަކީ ބާތިލު އަމުރެއް ކަމަށް ހައި ކޯޓުން ކަނޑައެޅީ މިދިޔަ ހަފްތާގައެވެ.

އެ މައްސަލަ ދައުލަތުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ޑރ. އިޔާޒްގެ އަންހެނުން ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހީމް ކިޔާ އަންހެނަކު ހައްޔަރުކޮށްފައިވަނީ ފަލަސްތީނަށް އިޒްރާއީލުން ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ މައްސަލައިގައެވެ.

މި ދެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށް ބުނެ އެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ބެންޗުގެ އިސް ފަނޑިޔާރު ހުޒައިފާ މުހައްމަދު, ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އެވެ.

ހައިކޯޓުގެ އަމުރު ނެރުނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މިދިޔަ އޯގަސްޓު 28، ގައި ހައްޔަރުކުރި މި ދެ މީހުން ދޫކޮށްލީ ބަންދުގައި ތިބޭތާ ނުވަ ދުވަސް ފަހުން މިދިޔަ ސެޕްޓެމްބަރު ފަސްވަނަ ދުވަހު އެވެ.