އަމީތާބު ބައްޗަންގެ އަންހެނުން އަދި ކުރީގެ ބަތަލާ ޖާޔާ ބައްޗަން އަކީ އާދަޔާޚިލާފަށް ރުޅިގަދަ މީހެއްގެ ގޮތުގައި މީޑިއާތަކުން ސިފަ ކުރެ އެވެ.
މިގޮތަށް ސިފަ ކުރަނީ ވަރަށް ގިނަ ފަހަރަށް އޭނާގެ ފޮޓޯތައް ނަގަން އެއްވާ ޕަޕަރާޒީންނާ ދިމާލަށް ޖާޔާ ހަޅޭއްލަވާތީ އެވެ. އަދި އެ ގޭ ދޮށަށް އެއްވާ މީހުންނަށް ވެސް ހަޅޭއްލަވާ ގޭދޮށުން ފައްސާލާ ހަދާތީ އެވެ.
ރާޖްޔާ ސަބާގެ މަޖިލިސް މެންބަރުކަން ވެސް ކުރާ ޖާޔާގެ ވާހަކަ އެންމެ ފަހުން ނޫސްތަކުގެ ފަލަ ސުރުހީއަށް އެރީ ދިވާލީ ފެސްޓިވަލް ފާހަގަކުރަން އެގޭގައި ބޭއްވި ޕާޓީއަކަށް އަންނަ ފިލްމީ ތަރިންގެ ފޮޓޯ ނަގަން އެ ގޭދޮށަށް އެއްވި ފޮޓޯގްރާފަރުންނަށް ޖާޔާ އެއްޗެތި ގޮވުމުންނެވެ.
ފޮޓޯގްރާފަރުންނާ ދިމާލަށް ޖާޔާ އެއްޗެތި ގޮވާ މަންޒަރު ފެންނަ ވީޑީއޯތައް މިހާރު ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ.
މި ވީޑީއޯގައި ފެންނަނީ ޖާޔާ އޭނާގެ ގެއިން ބޭރަށް ނުކުމެ މަގުމަތީގައި ހުރެ ފޮޓޯގްރާފަރުންނަށް ހަޅޭއްލަވާ އެމީހުން ފައްސާލާ މަންޒަރެވެ.
ޖާޔާގެ އަމަލުތަކަށް ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. އިންސްޓަގްރާމްގައި މީހަކު ޝެއާކުރި ޖާޔާ ހަޅޭއްލަވާތަން ފެންނަ ވީޑީއޯއަކަށް ކޮމެންޓުކުރި ބައެއް މީހުން ބުނީ ފޮޓޯގްރާފަރުން ވެސް އަދި އެހެން މީހުން ވެސް ޖާޔާ ނުފެންނަ ކަމަށް ހަދާލުން ރަނގަޅުވާނެ ކަމަށެވެ. އަދި އާދައިގެ މީހެކޭ އެއްގޮތަށް އޭނާއާ ދޭތެރޭ ކަންތައް ކުރުމަށް ފޮޓޯގްރާފަރުންނާއި ނޫސްވެރިންނަށް ބައެއް މީހުން އިރުޝާދު ދީފައި ވެއެވެ.
"މިހާރު އެއީ ވަރަށް މުސްކުޅިވެފައި ހުރި އަންހެނެއް. އޭނާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައި އަޅާ ނުލީމަ ރަނގަޅުވާނެ. މިހާ ރުޅިގަދަ އަންހެނަކާ އެކު އަމީތާބު ދިރިއުޅެނީ ކިހިނެއްބާ؟" މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.
ދެވަނަ މީހަކު ލިޔެފައިވާ ގޮތުގައި ޖާޔާއަކީ ވަރަށް ފޮނި ބޮޑާ މީހެކެވެ. އަދި މީހުންނަށް އިހުތިރާމު ކުރުމަކީ އޭނާ ދަންނަ ސިފައެއް ނޫނެވެ.
"އަހަރެން ބުނާނީ އާންޓީއާ ވީހާވެސް ދުރެއްގައި ހުންނާށޭ. ނޫނީ ދެން ފެންނާނީ ދަނޑިބުރިއެއް ހިފައިގެން ކަލޭމެން ފަހަތުން ދުވާތަން،" ތިންވަނަ މީހަކު ލިޔެފައި ވެއެވެ.
މިއީ ޖާޔާގެ ރުޅި ޕަޕަރާޒީންނާއި ނޫސްވެރިންނަށް އަދި އާއްމުންނަށް ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު މިހާރު މިހާ ވަރުގަނޑު އެންމެންނަށް ބާލަ އެވެ.
ފިލްމީ ރޮނގުން ބަލާއިރު ޖާޔާ ކުޅެފައިވާ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ޝޫޓިންގް މިހާރު ވަނީ ނިމިފަ އެވެ. ކަރަން ޖޯހަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލިޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.