ހައުސިން ޔުނިޓް

ނައިފަރުގެ ހައުސިން ޔުނިޓްތަކުގައި މަރާމަތުގެ މައްސަލައެއް ނެތް

ޅ. ނައިފަރުގައި ކޮނަޓްރެކްޓަރަކާ ހަވާލުކޮށްގެން ހަދާފައިވާ ހައުސިން ޔުނިޓްތަކުގައި ބޮޑެތި މަރާމާތުތަކެއް ހުރެ އެކަން ހައްލުނުވެ ހުރި ކަމަށް ކުރާ ތުހުމަތު ޕްލޭނިން މިނިސްޓްރީއިން ދޮގުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހަތަރު އިމާރާތެއްގެ މައްޗަށް އެކުލެވޭ 100 ހައުސިން ޔުނިޓް އިމާރާތް ކުރަން ރަޝީދު ކާޕެންޓްރީ (އާރްސީސީ)އާ 2020 ވަނަ އަހަރު ޖެނުއަރީގައި ހަވާލުކޮށް، މިއަހަރު ފެބްރުއަރީގައި އެމަަސައްކަތް ނިންމާ މިނިސްޓްރީއާ ހަވާލުކުރުމުން، އެތަން ބަލަހައްޓަން ހަވާލުކޮށްފައިވަނީ ނައިފަރު ކައުންސިލާ ކަމަށެވެ.

އާރްސީސީއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ނިންމުމުން ވެސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިމާރާތަށް ލިބޭ ގެއްލުންތައް މިނިސްޓްރީން ބެލުމަށްފަހު އެކަން ކޮންޓްރެކްޓަރަށް އެންގުމުން އެފަދަ ގެއްލުންތައް ކޮންޓްރެކްޓަރު ހައްލުކޮށްދޭން އެއްބަސްވެފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އޮގޮތުން ކުރެވޭ މަރާމާތުގެ ތެރޭގައި ތަނުގައި ދިރިއުޅޭ ފަރާތްތަކުން އިމާރާތަށް ގެންނަ އެއްވެސް ބަދަލެއް ނުހިމެނެ އެވެ.

ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ މެއި މަހު ނައިފަރު ކައުންސިލުން، އެތަނުގައި މަރާމާތެއް ކުރަން ހުރި ކަމަށް މިނިސްޓްރީއަށް ހުށަހެޅުމުން، ކޮންޓްރެކްޓަރާއި މަޝްވަރާކޮށް، ކޮންޓްރެކްޓަރުންގެ ޓީމެއް ފޮނުވައި ޖޫން މަހު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި މެއި މަހު ހުށަހެޅި މަރާމާތް ފިޔަވައި އިތުރު މަރާމާތެއް ކުރަން ޖެހިފައެއް ނުވެ އެވެ. އަދި މަރާމާތުގެ މަސައްކަތް ކޮށްފައިވަނީ ހައުސިން ޔުނިޓްގެ ވެރިފަރާތުގެ ހުއްދަ ލިބި އެފަރާތުގެ އެއްބާރުލުން ލިބިގެން ކަމަަށްވެސް ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އެތަނުގައި ދިރިއުޅޭ މީހުން އެތަނުގެ މަރާމާތާ ގުޅޭ އެއްވެސް ކަމެއް ހުށަހަޅައިފިނަމަ ނުވަތަ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފިނަމަ އަބަދުވެސް އެކަމެއް ބަލައި ކުރަންޖެހޭ މަސައްކަތެއް ކުރާނެ ކަމަށެވެ.

ނައިފަރުގައި ހަދާފައިވާ 100 ހައުސިން ޔުނިޓްގައި އެކި މައްސަލަތައް ހުރި ކަމަށް ނައިފަރު ކައުންސިލުން މީގެކުރިން ބުނެފައިވެ އެވެ. ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން އެ ތަނަށް ލިބިފައިވާ ގެއްލުންތައް ކަމަށް ބުނެ ފޮޓޯތަކެއް ވެސް ސޯޝަލްމީޑިއާގައި އާންމުކޮށްފައިވެ އެވެ.