ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތު އެ ސަރަހައްދުގެ މައްޗަށް އޮތް ތަނެއް ކަމަށް ގަބޫލުކޮށް ރާއްޖޭން ވޯޓު ދޭން ނިންމި ނިންމުމުގެ ސަބަބުން، ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖާމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިއުވާން ވިދާޅުވީ ސްޓޭންޑް ނުވަތަ ވޯޓު ބަދަލުކުރުމުން ރާއްޖެއަށް ގެއްލުންތަކެއް ލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ބުނުމަކީ އެއްވެސް އަސާސެއް އަދި ހެއްކެތް ނެތް ކަމެއް ކަމަށެވެ. އަދި ޖޫން 22، 2017 ގައި ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ބާރު އޮތްތޯ ބެލުމުގެ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމަށް އދ.ގެ އާންމު މަޖިލީހުގައި ވޯޓު ނެގިއިރު، ރައީސް ޔާމީނުގެ ސަރުކާރުން އެކަމާ ދެކޮޅަށް ވޯޓު ދެއްވާފައިވާކަން މިއުވާން ފާހަގަކުރެއްވި އެވެ.
"އެ ކަމަށް ނޫނެކޭ ބުނެ ރައީސް ޔާމީނުގެ ސަރުކާރުގައި ވޯޓު ދިން އިރު ވޯޓުގެ އެކްސްޕްލެނޭޝަނެއް ދީފައެއް ނުވޭ. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެކްސްޕްލެނޭޝަނެއް ނުދީ ރައީސް ޔާމީނުގެ ސަރުކާރުން އެކަން ނިންމާލި ތަން،" މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޮރިޝަސްއަށް ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް 2019 ވަނަ އަހަރު އައިސީޖޭ އިން ނިންމާފައިވާއިރު، މިކަން ތަންފީޒުކުރުމުގެ ގޮތުން އދ.ގެ އާންމު މަޖިލީހުގައި މެއި 22، 2019 ގައި އައިސީޖޭގެ ނިންމުމާ ދެކޮޅަށް ރާއްޖެއިން ވޯޓު ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އޭރު ދެކޮޅަށް ވޯޓު ދިން ސަބަބު ސަރުކާރުން ބަޔާންކުރިން. އެއީ ޑީކޮލޮނައިޒޭޝަނާއި ދެކޮޅުވެގެނެއް ނޫން ކަމަށާއި އެއީ ކޮންޓިނެންޝަނަލް ޝެލްފް މައްސަލައިގައި ސީއެލްސީއެސް އަށް ހުށަހަޅާފައިވާ މައްސަލައިގައި މޮރީޝަސް އިން ރާއްޖެއާއި ދެކޮޅަށް ފޯމަލް ޕްރޮޓެސްޓް އެއް ހުށަހަޅާފައި ވާތީ ކަމަށް ބަޔާންކޮށްފައި ވާނެ،" މިއުވާން ވިދާޅުވި އެވެ.
މިއުވާން އިތުރަށް ވިދާޅުވީ އޭރު މި ސަރުކާރުން އެގޮތަށް ވޯޓު ދިނުމާއިއެކު އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑިކުޔާ އެކަން ކުށްވެރިކޮށް ބަޔާންތަކެއް ނެރުނު ކަމަށެވެ. ނަމަވެސް މިހާރު އެ ވޯޓު ރާއްޖޭން ބަދަލުކުރުމާއި އެކު އެ ބޭފުޅުން ފާޑުކިޔަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށްވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ވޯޓު ބަދަލުކުރުމާއި ގުޅިގެން އައިސީޖޭގައި ފޯޅަވަހީގެ މައްސަލަ ނިމިފައި އޮތް ގޮތަށް ބަދަލެއް ނާންނާނެ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.
"މިހާރު އިޓްލޮސްގައި މި މައްސަލަ އަލުން ބަލަމުންދާއިރު، ރާއްޖޭގެ ވޯޓު ބަދަލުކުރަން ރާއިސް ސޯލިހް ނިންމެވި ނިންމުމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދެއް ރާއްޖެއަށް ގެއްލިގެން ދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ބުނުމަކީ އެއްވެސް ހަގީގަތެއް ނެތް ކަމެއް،" މިއުވާން ފާހަގަކުރެއްވި އެވެ.
އިޓްލޮސްގައި މިހާރު ކުރަމުންދާ މަޝްވަރާތަކުގެ ޒަރިއްޔާއިން ފޯޅަވަހި ބައިކުރާއިރު ކުރިން ރާއްޖެއަށް ލިބުމަށް އެއްބަސްވީ ސަރަހައްދު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް މިއުވާން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅަކީ ދެ ގައުމެއްގެ ދެމެދުގައި ދެކެވޭ ބައިނައްލަގުވާމީ ވާހަކަތަކެއް ކަމުން އެއީ އާންމުނަށް ހާމަކުރެވޭނެ ސިޓީފުޅެއް ނޫން ކަމުގައިވެސް މިއުވާން ވަނީ ވިދާޅުވެފަ އެވެ.