ވަރަށް ގިނަ ހިންދީ ސިލްސިލާތަކުން ފެނިފައިވާ ބަތަލާ ޗާރޫ އޮސާޕާ އޭނާގެ ފިރިމީހާ ރަޖީވް ސެން ކައިރިން ވަރިވާން ދެވަނަ ފަހަރަށް މަސައްކަތް ފަށައިފި އެވެ. ރަޖީވް އަކީ ސުޝްމިތާ ސެންގެ ކޮއްކޮ އެވެ.
މި ދެ މީހުންގެ ވަރީގެ މައްސަލަ ކޯޓުން ނިންމަން އޮތީ މިދިޔަ އޮގަސްޓް މަހު އެވެ. ނަމަވެސް އޭގެ ކުރިން ދެ މީހުން އަނެއްކާވެސް ސުލްހަވެ ވަރިނުވާން ނިންމައި އެކަން ސޯޝަލް މީޑީއާގައި ވަނީ އިއުލާންކޮށްފަ އެވެ.
އިއުލާން ކުރިތާ ތިންމަސް ވެސް ނުވަނީސް ޗާރޫ އަނެއްކާވެސް ވަނީ ވަރިވާން ބޭނުންކަމަށާއި ރަޖީވްއާ ސުލްހަވާން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ބުނެފަ އެވެ.
ޗާރޫ އާއި ރަޖީވްގެ ކައިވެނީގައި އަދިވެސް މައްސަލަތައް އުޅޭކަން ޔަގީންވީ މީގެ ދެ ހަފުތާ ކުރިން ދެ މީހުން އެކަކު އަނެކަކު އިންސްޓަގްރާމުން އަންފޮލޯ ކުރުމުންނެވެ.
މީގެ ކުރިންވެސް މިގޮތަށް އެމީހުން ކަންތައް ކުރި އެވެ. ނަމަވެސް މިފަހަރު މާބޮޑަށް އެންމެންގެ ލޮލުގައި މިކަން އަޅައިގަތީ ދެ މީހުން އަލުން ސުލްހަވެއްޖެ ކަމަށް ބުނިތާ މާގިނަ ދުވަހެއް ނުވެ އަންފޮލޯ ކުރީމަ އެވެ.
އިންސްޓަގްރާމްގައި އަންފޮލޯކުރުމުގެ އިތުރުން ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތަކާއި އެކަކު އަނެކަކުގެ އާއިލާގެ މީހުންނާއެކު ނަގާފައިވާ ފޮޓޯތައް ވެސް މި މީހުން ވަނީ ފޮހެލާފަ އެވެ.
ކައިވެނިކުރީއްސުރެ މި ދެ މީހުން އެއްގަލަކަށް އަރައިގެނެއް ނޫޅެ އެވެ. އަބަދުވެސް އުޅެނީ ކޮންމެވެސް މައްސަލަގަނޑެއްގަ އެވެ.
ޗާރޫ ބުނަނީ ދެމީހުން އަރާރުންވާ ފަހަރު ފަހަރު ރަޖީވް ގެއަށް ނައިސް އެތައް ހަފުތާއެއް ނުވަތަ އެތައް މަހަކު އުޅޭ ކަމަށެވެ.
މި ދެ މީހުންނަށް ލިބިފައިވާ ދަރިފުޅު ޒިއަންނާ އަދި ވަރަށް ކުޑަ އެވެ. ދެ މީހުން ސުލްހަ ވެވޭތޯ މަސައްކަތްކުރީ ދަރިފުޅުގެ ހައްގުގަ އެވެ. ނަމަވެސް ޗާރޫ ބުނާ ގޮތުގައި ކިތަންމެ މަސައްކަތެއް ކުރިޔަސް އޭނައަށް ދެނެއް ސުލްހައެއް ނުވެވޭނެ އެވެ.
ރަޖީވް އަނިޔާ ކުރާ ކަމަށްވެސް ޗާރޫ ތުހުމަތުކުރެ އެވެ. އަދި ދަރިފުޅުގެ ބައްޕަގެ ހައިސިއްޔަތުން އެއްވެސް ކަމެއް ދަރިފުޅަށް ނުކޮށްދޭ ކަމަށް ޗާރޫ ބުނެ އެވެ.