އޮޑިޓާ ޖެނެރަލް އޮފީސް

ފިޝަރީޒުން ދޫކުރި ދޯނިތަކަށް ފައިސާ ނުދައްކާ މީހުނަށް ފިޔަވަޅު އަޅަން އަންގައިފި

  • 25 މިލިއަނަށްވުރެ ގިނަ ފައިސާ ނުލިބޭ
  • މުއާމަލާތްތައް ހުރީ މާލީ މިންގަނޑާ ހިލާފަށް
  • ނުދައްކައިފިނަމަ ޝަރީއަތަށް ފޮނުވަން ލަފާ ދީފައިވޭ

ފައިސާ ދައްކާ ހަލާސް ކުރުމުން މިލްކުވާގޮތަށް، ފިޝަރީޒް މިނިސްޓްރީ މެދުވެރިކޮށް ދޯނި ގަތް ފަރާތްތަކުގެ ތެރެއިން، އެގްރީމެންޓުގައިވާ ގޮތަށް ފައިސާ ނުދައްކާތިބި ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފިޝަރީޒް މިނިސްޓްރީ އަށް އޮޑިޓާ ޖެނަރަލް ލަފާ ދެއްވައިފި އެވެ.

މިދިޔަ ހަފުތާގައި އާންމުކުރި، ފިޝަރީޒް މިނިސްޓްރީގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، މިނިސްޓްރީ މެދުވެރިކޮށް ލޯނު އުސޫލުން ދޯނި ގަތް ފަރާތްތަކަށް، އެ އަހަރުގެ ނިޔަލަށް ފައިސާ ދައްކައި ހަލާސްކުރަން އަންގާފައި އޮތް ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އަދި އެ ފަރާތްތަކާ މެދު ފިޝަރީޒް މިނިސްޓްރީ އިން ވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

ފަހުން ފައިސާ ދައްކާ ގޮތަށް 2013 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީން ދޫކުރި ދޯނިތަކުން އެ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް 25 މިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް މިނިސްޓްރީއަށް އެ އަހަރުގެ ނިޔަލަށް ލިބިފައިވަނީ 24 މިލިއަން ރުފިޔާ އެވެ.

"މިނިސްޓްރީން ދޫކުރި އިންޖީނު އެޅި ދޯނިތަކުން އެގްރީމެންޓުގައިވާ ގޮތަށް ފައިސާ ދައްކަމުން ގެންގޮސްފައި ނުވާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައިވާ ގޮތަށް އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައެއް ނުވެ އެވެ. މިގޮތަށް ދައްކާފައިވާ ދޯނިތަކުން، 31 ޑިސެމްބަރުގެ ނިޔަލަށް ޖުމްލަ 25،924،431ރ. މިނިސްޓްރީއަށް ލިބެން ޖެހެއެވެ،"

ފިޝަރީޒް މިނިސްޓްރީން 2013 ވަނަ އަހަރު ދޫކުރި ދޯނިތަކުގެ ތެރެއިން ހަތަރު ދޯންޏަކުން 1.5 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހެއެވެ. އެ މައްސަލާގައި އޮޑިޓާ ޖެނަރަލް ލަފާ ދެއްވީ، މިނިސްޓްރީގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އޮޑިޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށެވެ. އަދި އެ ފަރާތްތަކާ މެދު ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށާއި، އެއަށްފަހުވެސް، ފައިސާ ނުދައްކައިފިނަމަ ވީ އެންމެ އަވަހަކަށް އެ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށެވެ.

މީގެ އިތުރަށް ވެސް ފިޝަރީޒް މިނިސްޓްރީގެ ދަށުން ބަލަހައްޓާ މާލީ ބައެއް މުއާމަލާތްތައް އެފަދަ މުއާމަލާތްތަކާ ބެހޭގޮތުން ހުރި މިންގަނޑުތަކާއި ހިލާފަށް ހިންގާފައިވާ ކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.