( 25 އޮކްޓޯބަރ 2022 އާ ގުޅޭ )
"މައްޔު މެރީ ކުރަން ބޭނުމެއްނޫން. މައްޔު އެކްސިޑެންޓްވުމުގެ ކުރީން ދޮންބެއާ ރުޅިވެއްޖެ. އެކަން މައްޔު ހަނދާންނެތިފަ ހުރީ އެކްސިޑެންޓްގެ ސަބަބުން. އެންމެ ފަހުން ހޮސްޕިޓަލްގައި މައްޔު ބާއްވައި ދޫކޮށްލި އިރު މައްޔުގެ ހުރިހާ ހަނދާނެއް އަނބުރާ އަތުވެއްޖެ. މައްޔުއަށް ދޮންބެ ހެދި ދޮގު ވެސް ފަޅާއެރީ. މައްޔުގެ މަންމަމެން އެ އަންނަނީ އެ ވާހަކަ ދައްކަން." އެއްނޭވާއިން އައިމީ ކިޔާލައިފިއެވެ.
އިވާން ހަޤީޤަތް ހާމަކުރުމުން ކަންތައް ވާނޭ ގޮތް ޚުދު އޭނާއަށް އެނގެއެވެ. ޅީދަރިއެއްގެ ގޮތުގައި މާޔަލް ބަލައިގަންނަން ބޭނުންވިޔަސް މަންމަމެން އޭނާގެ އަޑެއް ނާހާނެއެވެ. އޭނާ ފަދައިން އެކަމުގައި އަމިއްލަ އެދުން އިސްނުކުރާނެއެވެ. އެމީހުން ވެސް އެދޭނީ މާޔަލް ރުހޭގޮތެއްވުމަށެވެ. އޭނާގެ ހިތް ހަލާކުވާނޭތީ އެކަމާ ވިސްނާނޭ އެކަކުވެސް ނެތޭ އިވާނަށް ހީވަނީއެވެ.
"ދަރިފުޅާ..." އަސްމާ ގޮވާލިއެވެ.
"ކޮއްކޮ އެ ކިޔަނީ ކީކޭ؟." ފިރިހެން ދަރިފުޅަށް ބަލަން އިނދެ އުމައިދު އަހާލިއެވެ.
"އާދެބަލަ." އަސްމާގެ ގޮވާލީ އޯގާތެރިކަމާއެކުއެވެ.
އިވާން އައިސް މަންމަގެ ކައިރިއަށް ހުރި ސޯފާގައި އިށީނެވެ. އެއާއެކު އަސްމާ ވެސް އިޝާރާތްކުރީ އައިމީ ދެއްކި ވާހަކައަށެވެ. މާޔަލްއާއި އިވާންއާ ދެމެދު ކިހިނެއްތޯވީ އަސްމާ ސުވާލުކުރިއެވެ. އޭނާއަށް ވެސް އެ ދެކުދީންގެ ދެމެދު ކޮންމެވެސް ކަމެއް ހިނގައިފިކަން ޝައްކުވެއެވެ. ފުރަތަމަ ކަމަކަށް އަސްމާއަށް ޝައްކުވީ އިވާން މާގިނައިން ގޭގައި އޮތުމެވެ. އަބަދުވެސް ކޮންމެ ވެސް ފިކުރެއްގައި ދަރިފުޅު ހުންނަތަން ފެނެއެވެ. މާޔަލްދެކެ އިވާން ލޯބިވާކަން އަސްމާއަށް ޔަގީންވެއެވެ. އޭނާއާ ހަމައަށް އިވާން ގެނައި ފުރަތަމަ އަންހެންކުއްޖަކީ މާޔަލްއެވެ. އަދި އެ ގުޅުން ފެށުނީ އައިމީއާއެކު މާޔަލް އެގެއަށް އައިސް އުޅުމުގައިކަން އަސްމާ ދެނަހުއްޓެވެ.
"މައްޔުއާ ގުޅިގެން އުޅޭން ބޭނުންވުމަކީ އޮޅުވާލުމެއްނޫން." އިސްޖަހާލައިގެން އިނދެ އިވާން ބުންޏެވެ.
އިވާންއާ ކައިރިއަށް ޖެހިލައި އޭނާގެ ކަނާއަތު ފައިގެ ކަކުލުގައި އަސްމާ އަތް ބާއްވާލުމާއެކު ފިރުމާލިއެވެ. ފިރިހެން ދަރިފުޅަށް ވެގެން އުޅޭ ގޮތެއް އޭނާއަށް ސާފުވެއްޖެއެވެ. އިވާން ނުބުންޏަސް މާޔަލްއާއި އިވާންއާ ދެމެދު އޮތް ގުޅުން ނިމުމަކަށް އައީކަން އަސްމާ ދެނެގަތެވެ. އިވާންއާ އިތުރު ސުވާލުތަކެއް އަސްމާ ނުކުރިއެވެ.
"ހިތް ނޭދޭކަމެއް ކުރުމަކީ ދަތިކަމެއް. މަންމައަށް އެނގޭ އިވާންގެ ހިތުގައިވަނީ ކީކޭކަން. އެކުގައި ދެ މީހަކަށް އުޅެވޭނީ އެގޮތް ދެ މީހުން ވެސް ބޭނުންވެގެން. އެކަކުގެ ވެސް މަޖުބޫރުކަމެއް އޮވެގެންނުވާނެ. އިވާން ވިސްނާލީމަ އެނގޭނެ މަންމަ މި ދައްކަނީ ތެދު ވާހަކައެއްކަން. ގަދަކަމުން ކައިރީގަ އެކަކުވެސް ނުބެހެއްޓޭނެ." އަސްމާ ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ. ދުނިޔަވީ ދަތުރުގައި އެތައް ބައިވެރީންނަކާ ދިމާވާނެއެވެ. އެއިން ކޮންމެ މީހަކުގެ ފަރާތުން ލިބޭ ފިލާވަޅު ތަފާތުވާނެއެވެ. ހިތުގެ ދޮރުފަތުގައި ޓަކިދިނުމަށްފަހު އެތެރެއަށް ވަދެނުލާ އެނބުރިދާ ބައިވެރީން މަދެއް ނުވާނެއެވެ. އެހެންވިޔަސް ތިމާއަށް ޓަކައި ލިޔެވިފައިވީ އެއްވެސް އެއްޗަކީ ގެއްލިގެންދާނޭ އެއްޗެއް ނޫނެވެ. ހަޤީޤީ ބައިވެރިޔާއާ ދިމާވުމުން ހުރިހާކަމެއް ވެސް ބަދަލުވާނެއެވެ. މޫދުގައިވާ ކޮންމެ ގަލަކަށް މަހެއްވެއެވެ. ވަގުތުޖެހުމުން އެކަމަށް ލަހެއްފަހެއް ނޯންނާނެއެވެ. މިހާރު އިވާނަށް އެ ލިބޭ ހިތްދަތިކަން އޭރުން ހަނދާންނެތިދާނެއެވެ.
މަޒްހަރާއި އާމާލް ގުޅުމުން އަސްމާ ދެ ދަރީން ބޮޑުކޮޓަރީން ފޮނުވާލިއެވެ. އަބަދު ތަޅުލާފައި ހުންނަ ގޭގެ މައިދޮރޯށި ހުޅުވީ އަސްމާއެވެ. އާމާލްއާއި މަޒްހަރު ގޮވައިގެން ގޭތެރެއަށް އޭނާ ވަނެވެ. ސޯފާގައި އިނދެފައި އުމައިދު ތެދުވިއެވެ. ގެއަށް އައި މެހެމާނުންނާ އޭނާ ސަލާމްކުރިއެވެ. އޭގެ ދެމަފިރިން އައުމުގެ ކުރީން ކަންތައްތައް އޮޅުންފިލީތީ އަސްމާއާއި އުމައިދު ތިބީ ހިތްހަމަޖެހިފައެވެ. އެހެންނޫންނަމަ އެމީހުންނަށް ވަރަށް ބޮޑު ސިހުމެއް ލިބުނީހެވެ.
* * * * *
ބަދިގެއަށް ވަދެ ކާމޭޒުމަތީ ހުސްފުޅި ބަހައްޓާފައި ދާން އުޅުނު މަލަކްގެ އަތުގައި މާޔަލް ހިފެހެއްޓިއެވެ. ފަރުވާތެރިކަމާއެކު މަލަކްގެ މޫނަށް މާޔަލް ބަލަންފެށިއެވެ.
"ބަލިވެގެންތަ ތިއުޅެނީ. ކޮޓަރި ތަޅުލައިގެން އަބަދު ކޮޓަރީގަ. މަލްކޮއާ ވާހަކަދައްކާލަން ކުޑޫ އުޅޭތާ ކޮންދުވަހެއް." މާޔަލް ޝަކުވާގެ ރާގުގައި ބުންޏެވެ.
"މިދުވަސްކޮޅު ބިޒީކަމުން. ކުޑޫއަށް އެނގެއެއްނު އެންމެ މުހިންމު ދުވަސްކޮޅުކަން މީ." މަލަކް ބަހަނާއެއް ދެއްކިއެވެ.
"ފައިން... އެކަމަކު ކުރީން ދުވަހަކު ކިހިނެއްތަވީ. ކީއްވެ ދުވެފައި އައީ. ކުޑޫ ގޮވީމަ ވެސް މަޑުނުކޮށް ދިޔައީ. މީހަކު ފަހަތުން އަޅުވާލީތަ. ކުޑޫ ދުށީން ފިރިހެނެއް މަލްކޮ ފަހަތުން އަންނާތީ. އެނގޭތަ... ތަންކޮޅެއް ކުރީން ވެސް އެއްދުވަހު ދުށީން މި އިމާރާތް ކައިރީ މަގުމަތީގަ އޭނާ މަޑުކޮށްގެން ހުއްޓާ." މާޔަލް ބުންޏެވެ.
"އެ... އެ ދުވަހު... ނޭނގެ ކުޑޫ ތިދައްކަނީ ކާކުގެ ވާހަކައެއްކަމެއް." މަލަކް އިންތިހާއަށް ޖެހިލުންވިއެވެ. ދައްޔާނު ކައިވެނީގެ ވާހަކަދައްކަން ފެށުމުން މަލަކް ހުރީ ޢާއިލާއަށް އެމީހުންގެ ގުޅުމުގެ ވާހަކަ ކިޔާދޭށެވެ. އަދި ޢާއިލާއަށް ދައްޔާނު ތަޢާރަފްކޮށްދޭން ވެސް ނިންމައިގެންނެވެ. އެންމެ ފުރަތަމަ އެ ޚަބަރު ދޭން މަލަކް ގަސްދުކުރީ ވެސް މާޔަލްއާއި މައިރާއަށެވެ. ނަމަވެސް މިހާރު ކަންތައްތައް ވެފައި އޮތް ގޮތުން ޢާއިލާއަށް ދައްޔާނު އެނގޭކަށް މަލަކް ނޭދެއެވެ.
"ދެން އެހެންވީރު ދުވެފައި އައީ ކީއްވެ. ހީވީ ކަމަކާ ހާސްވެ ކަންބޮޑުވެފައި ހުރިހެން." މާޔަލްއަށް ޤަބޫލުކުރަން އުނދަގޫވީއެވެ.
"އެއީ... ކޮލެޖްކަމެއްގަ... އަހަންނަށް ނުބައި ޕޭޕާރއެއް ލެކްޗަރާއަށް މެއިލް ކުރެވިފަ އޮވެގެން. ކުޑޫ. ނަތިންގް ހެޕެންޑް ދެޓް ޑޭ. ދަނީ. އަދިވެސް ބައިވެރި މަސައްކަތް އެބަހުރި ނިންމަންޖެހޭ." މަލަކް މިހެންބުނެ މާޔަލްގެ ކައިރިން ސަލާމަތްވިއެވެ. ހަލުވިކޮށް ގޮސް އަވަހަށް އޭނާ ކޮޓަރިއަށް ވަނީއެވެ.
އެނދުގައި އިށީން ގޮތަށް މަލަކް ފުންނޭވާއެއް ދޫކޮށްލިއެވެ. މާޔަލްއަށް ދޮގުހަދަންވުމުން މަލަކްއަށް އުނދަގޫވިއެވެ. އެހެންމަވެސް މިވަގުތު އޭނާއަށް ހަޤީޤަތް ހާމަކުރެވޭކަށް ނެތެވެ. ނުތަނަވަސްކަން އޭނާ ވަށާލައި ހާސްކަން އިތުރުވަމުން ދިއުމާއެކު ކަނާއަތުގެ ނިޔަފަތިތައް ހަފަންފެށިއެވެ. ރީތިކޮށް ހުރުމާއި ފަރިވުމަށް ލޯބިކުރާ މަލަކްގެ ނިޔަފަތިތައް އަބަދުވެސް ހުންނާނީ ދިގުކޮށްލާފައެވެ. އެހެންވިޔަސް އޭނާ ބޭނުންވާ ވަރަށް ދިގު ނުކުރެވެނީ އާމާލް ހަޅޭލަވާތީއެވެ. މަންމައަށް ފެނުނު ފަހަރު އޭނާގެ ނިޔަފަތިތައް ކެނޑީ މަންމަގެ ދެއަތުންނެވެ. ނަމާދު ނުކުރެވޭ ދުވަސްތަކުގައި ނޫނީ ނިޔަފަތީގައި ކުލައެއް ވެސް ޖެއްސޭކަށް ނޯވެއެވެ. ހީނާފަތުން ނިޔަފަތިތައް ރަތްކޮށްލީ އެހެންވެއެވެ. ނަމަވެސް މިހާރު އެ އިނގިލިތަކުގެ ނިޔަފަތިތައް ކައިކައި ރީތިކަން ގެއްލިފައި ވެއެވެ. ގަސްދަކާނުލާ ހިފުނު އާދައާމެދު ވިސްނާނޭ ފުރުޞަތެއް އޭނާގެ ހާސްކަން ނުދެއެވެ.
* * * * *
ނިދިފައި އޮތް މައިރާގެ ދެ ލޯ ކުއްލިއަކަށް ހުޅުވުނެވެ. އޭނާއަށް ހަޅޭލަވައިގަނެވުނެވެ. ބަނޑުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ލޯ ހުޅުވާލިއިރު އެއްވެސް ތަނެއް ނުފެނެއެވެ. މުޅިކޮޓަރިވަނީ އަނދިރިކަމުގައެވެ. ހޭނުލެވެނީބާއޭ މައިރާގެ ހިތަށް އެރީ އެހެންވެއެވެ. އޭނާ އަތް ހޫރާލިއެވެ. ރަޒާގެ ގައިގާ އަތް ޖެހުނެވެ. ރަޒާއަށް އަވަހަށް މައިރާ ގޮވަންފެށިއެވެ.
"ކަރަންޓު ދިޔައީތަ." ލޯ ހުޅުވާލި ގޮތަށް ރަޒާ އަހާލިއެވެ.
"ރަޒާ... ބަނޑު... ބަނޑުގަ ރިއްސަނީ." މައިރާ ރޮއެގަތެވެ.
ހާސްކަން ލިބިގެން ދިޔަ ރަޒާގެ ކިބައިން ނިދީގެ އަސަރު ވެސް ފިލީއެވެ. ފުންމައިގެން ތެދުވިގޮތަށް އޭނާ ފޯނު ނެގިއެވެ. ދަންވަރެވެ. ގަޑިން ތިންގަޑި ފަނަރަ ހިނގައިފިއެވެ. ފޯނުގެ އަލިން ކޮޓަރިތެރެ އަލިވެގެންދިޔައެވެ.
"އެބަ އަންނަން ލައިޓު ޖެއްސޭތޯ ބަލާފަ." ރަޒާ އެނދުން ފޭބިއެވެ. ފާރުގައި ހުރި ސުވިޗަށް އޮބާލުމާއެކު ބޮކި ދިއްލިއްޖެއެވެ.
"މައި ބޮކި ނިވާލީތަ؟." ރަޒާއަށް އަހާލެވުނެވެ. ނިދާގަޑީ ހުރިހާ ބޮތްކެއް ނިވާލައިގެން ނިދުމަކީ އެ ދެމަފިރިންގެ އާދައެއް ނޫނެވެ. ސުވިޗަށް ބަލާލުމުން މީހަކު ބޮކި ނިވާލައިފަކަން ހުރީ އެނގެއެވެ. ރަޒާ އެކަން ނުކުރާތީ އޭނާ ހީކުރީ މައިރާ ބޮކި ނިވާލީ ކަމަށެވެ.
"ރަޒާ..." މައިރާ ބަނޑުގައި ދެއަތްވަށައިލައިގެން އިނދެ ރޮނީއެވެ.
"ކިހިނެއް ހަދައިދޭންވީ. ހޮސްޕިޓަލަށް ދާންވީނު." ރަޒާ ދުވެފައި އައިސް މައިރާގެ ގައިގާ ހިފަހައްޓާލިއެވެ. އެއާއެކު މައިރާ ބޯޖަހާލީ އާނއެކޭ ބުނާށެވެ.
ފާޚާނާއަށް ދާން ބޭނުންވެފައި ހުރީތީ ރަޒާގެ އެހީގައި މައިރާ ފާޚާނާއަށް ވަނެވެ. ނަމަވެސް ދެމަފިރިންނަށް ލިބުނު ސިހުން އިތުރުވިއެވެ. މައިރާއަށް ލޭތައް ފެނުމާއެކު ރަޒާގެ ގައިގާ ހިފައިގަނެވިއްޖެއެވެ.
"ނޯ...ނޯ..." މައިރާ ބާރުބާރަށް ރޯންފެށިއެވެ. ފާޚާނާއަށް ދާން އޭނާ ބޭނުންވީ ކީއްވެކަން މައިރާއަށް އެނގުނީ އަދިކިރިޔާއެވެ.
މައިރާ ސާފުކުރުމުގައި ރަޒާ އިސްނެގިއެވެ. އަވަހަށް އަނބިމީހާ ގޮވައިގެން އެ ދަންވަރު ހޮސްޕިޓަލަށް އޭނާ އައެވެ. ގޭގެ މީހަކަށް ވެސް އަންގާލުމެއްނެތިއެވެ. އޭނާއަށް އެކަން މުހިންމު ވެސް ނުވީއެވެ. މައިރާ އެޑްމިޓްކުރުމާއެކު ވަގުތުން ފަރުވާފެށިއެވެ. ހެދި ސްކޭނުން މައިރާގެ ބަނޑުން ދަރިފުޅު ނުދެއްކިއެވެ. އޭރު ވެސް ލޭ ފައިބައެވެ. ދެވަނަ ސްކޭނެއް ހަދާނީކަން ޑަކްޓަރު ބުންޏެވެ. މައިރާ ރޯވަރުން އޭނާގެ ކުރިމަތީ ޑަކްޓަރު އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ވަކިން ރަޒާ ގެންގޮސް ޑަކްޓަރު ބުނީ ބައިގެންދިޔައީކަމަށް ޑަކްޓަރަށް ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ. ކިލަނބުކަމެއް ހުރުމުގެ ސަބަބުން ސްކޭނުން އެއްޗެއް މިވަގުތަށް ނުފެނުނަސް ދެވަނަ ސްކޭންއަކުން ސާފުކޮށް ދައްކަފާނޭކަން ޑަކްޓަރު ބުންޏެވެ. އެމީހުންނަށް ވެސް ކިލަނބުކަމެއް މައިރާގެ ރަހިމުގައި ހުންނަންޖެހޭ ސަބަބެއް ނޭނގެއެވެ. އެހެންވެ ލަފާކޮށްފައި ވާހަކަދައްކަނީއެވެ.
މައިރާ އެވަރަށް ރޯތީ ރަޒާ ދުށްމީ ފުރަތަމަ ފަހަރެވެ. ބަނޑުގައި ފިރުމަމުން އޭނާ އިރުއިރުކޮޅާ ކުރުސުކިޔާތީ އެކަމާ ރަޒާ ސުވާލު އުފެދުނެވެ. ނަމަވެސް ވާހަކައެއް ދައްކާ ސުވާލެއްކުރާ ވަރަށްވުރެ މައިރާގެ ހާލު ގޯސްކަން ރަޒާއަށް ވިސްނެއެވެ. އެގޮތުގައި ވަގުތުތަކެއް ހޭދަވެގެން ގޮސް މައިރާއަށް ނިދުނެވެ. ހަމަޖެހުމުގެ ނޭވާއެއް ރަޒާއަށް ދޫކޮށްލެވުނީ ދެނެވެ. ލޯބިވާ އަނބިމީހާއަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަން އޭނާއަށް އިނދެވުނެވެ. މަޑުމަޑުން މައިރާގެ ބަނޑުގައި ރަޒާ އަތް ޖައްސާލިއެވެ. އެއީ އެމީހުންގެ ފުރަތަމަ ދަރިފުޅެވެ. ބަލިވެ އިންކަން މައިރާގެ ބަނޑުން ފާޅުވެސް ނުވަނީސް އެމީހުންނަށް އެ ދަރިފުޅު ގެއްލުނީ ހެއްޔެވެ. ރަޒާގެ ހިތަށް ފުން އަސަރުތަކެއް ކުރެވިއެވެ. މައިރާގެ ވަރުބަލިކަން އެކުލެވިފައިވާ މޫނަށް ރަޒާ ބަލާލިއެވެ. އެ އަންހެންކުއްޖަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ދުނިޔޭގެ ދިރިއުޅުން އޭނާއަށް ފަސޭހަވެ ނަސީބުކަމުގައި މައިރާ ވެއެވެ.
މައިރާއަށް ހެލޭވުނީ ސްކޭން ހަދަން ޑަކްޓަރު އުޅެނިކޮށެވެ. ޑަކްޓަރުން ނުބުންޏަސް އޭނާއަށް ނަތީޖާ އެނގޭ ކަހަލައެވެ. ދިރިމެއްނެތް ހިމޭންކަމެއްގައި މައިރާ އޮތެވެ. އޭނާގެ ހަށިގަނޑުން ބައެއް ވަކިވެއްޖެކަން ޔަގީންވާ ހާލުގައެވެ. އެ ހުސްކަން މައިރާގެ ހިތުގައި އުފެދުނު ބާގަނޑެއް ފަދައެވެ. ހިތްވަރުކުރަން ޑަކްޓަރު ބުންޏެވެ. ރަޒާއަށް ބަލާލާފައި ޑަކްޓަރު ބޯހޫރާލީއެވެ. މައިރާގެ ލޮލުގެ ކަނުން ކަރުނައިގެ ރޮނގެއް ދެމިގަތެވެ. ހިމޭންކަމުގައި އޭނާ ދެ ލޯ މަރާލީއެވެ. ރަޒާ އަވަސްއަވަހަށް މައިރާގެ ބޮލުގައި ފިރުމާލައިފިއެވެ. ހިފަހައްޓާލައިގެން ހުރި މައިރާގެ އަތްތިލައަށް ބާރުކޮށްލިއެވެ. ތުންފަތާ ހަމައަށް ގެނެސް އެ އަތްތިލައިގަ ރަޒާ ބޮސްދިނެވެ. ހުރިހާކަމެއް ވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނޭކަން ރަޒާ ބުންޏެވެ. ނަމަވެސް އޭނާގެ އަޑު މައިރާއާ ހަމައަށް ފޯރިހެން ހީނުވަނީއެވެ.
އެރި އިރާއެކު އާމާލްއާއި މަޒްހަރު ތިބީ ހޮސްޕިޓަލުގައެވެ. މަންމަގެ ދެއަތުގެތެރެއަށް ގެނެސްލުމާއެކު މައިރާގެ ޖަޒުބާތުތައް ނުހިފެއްޓުނެވެ. މުޅި ވޯޑުގެ ތެރެއަށް މައިރާގެ ރުއިމުގެ އަޑު ފެތުރުނެވެ. ފެންކަޅިވެ ރަޒާއަށް ބަލަން ހުރެވުނީއެވެ. މައިރާއަށް ޓަކައި އޭނާ ފުރާނަ ޤުރުބާންކުރާހާ ލޯބިވެއެވެ. ނަމަވެސް މިވަގުތު މައިރާގެ ހިތްހަމަޖައްސައިދޭނޭ ގޮތެއް ރަޒާއަކަށް ނޭނގެއެވެ. މަޒްހަރު އައިސް ރަޒާގެ ކޮނޑުގައި އަތްބާއްވާލިއެވެ. މިވަގުތު މައިރާގެ މައިންބަފައިން ތިބިކަން ނަސީބެކޭ ރަޒާގެ ހިތަށް އެރިއެވެ. އެމީހުންގެ އޯގާތެރިކަން ފެންނަ ކޮންމެ ފަހަރަކު އެކަހަލަ ލޯބިވާ މަންމައަކާއި ބައްޕައެއް އޭނާއަށް ވެސް ލިބުނަމައޭ ހިތަށް ރަޒާގެ ހިތަށް އަރަނީ އިޚްތިޔާރަކާއި ނުލައެވެ.
ދެ ދުވަސް ވަންދެން މައިރާ ހޮސްޕިޓަލްގައި ބާއްވާފައި އޮތްއިރު ލިޔުޝާ ނޫނީ ނާދެއެވެ. ވެފައި ހުރި ފޫހިކަމެއްގައި އިނާޔާ ކައިރީ އަންނާށޭ ރަޒާ ނުބުނީ ގަސްދުގައެވެ.
"ރަޒާ. އާދެބަލަ..." އާމާލް ގޮވާލިއެވެ. އޭރު މަޒްހަރު ނޫނީ އެ ޢާއިލާގެ ދެން ތިބި އަންހެން ދެބެން މައިރާގެ ގާތުގައި އުޅެއެވެ. އާމާލްއާއެކު ރަޒާ ނުކުތީ ބޭރަށެވެ.
"މައިރް ރަނގަޅުވެލަންދެން މަންމަ ކައިރިއަށް ތިކުދީން އަންނަންވީނު. މަންމައަށް ދައްޗެއްނުވާނެ. ރަޒާ އޮފީހަށް ނުކުތަސް މަންމަމެން ތިބިއްޔާ މައިރް އެކަންޏެއް ނުވާނެއެއްނު." އާމާލްގެ ހިތުގައި އޮތް އެދުން ފާޅުކުރިއެވެ.
"މައި ކައިރީ އެހެންބުނަން ހުއްޓާ މަންމަ ތިބުނީ." ރަޒާ ބުންޏެވެ. އޭނާއަށް ވެސް ޔަގީންވާކަމަކީ އޭނާގެ ޢާއިލާގައި މައިރާއަށް އަޅާލާނޭ މީހަކު ނުހުންނާނެކަމެވެ. މައިރާއަށް އެންމެ ރަނގަޅުވާނީ ވެސް މައިރާގެ މައިންބަފައިން ކައިރީ އިނުމެވެ.
"އެހެންތަ. މިވީ މާ ރަނގަޅަކަންނު. ނަރުސްކުއްޖާ ބުނި މިއަދު ދޫކޮށްލާ ވާހަކަ. ރަޒާ ދާންވީނު މައިރްގެ އެއްޗެހި ތައްޔާރުކޮށްލަން. މިއޮތީ ބޭރު ދޮރުގެ ތަޅުދަނޑި. ގެއަށް އެއްޗެހި ލާފައި އާދޭ. އޭރުން މައިރް ގޮވައިގެން ދާންވާއިރަށް ހުރިހާކަމެއް ނިމިފަ ހުންނާނީ." އާމާލް ބުންޏެވެ. ރަޒާ ހަމައެކަނި ބޯޖަހާލީއެވެ. އާމާލް ދިން ތަޅުދަނޑީގައި އޭނާ ހިފިއެވެ. ދެ މީހުން އެތެރެއަށް ވަދެގެން އައެވެ. މައިރާ ކައިރީ ވާހަކަދެއްކީ އާމާލްއެވެ. މަންމަގެ އެދުމާ މައިރާ ވެސް ދެކޮޅެއް ނުހެދިއެވެ. ރަޒާ ގެއަށް ގޮސްފައި އަންނާނަން ކަމުގައި ބުނެ ދިޔައީއެވެ.
މައިރާ ގޮވައިގެން އެންމެންނަށް ގެއަށް އާދެވުނުއިރު ހަވީރު ވަނީއެވެ. މައިރާގެ ކޮޓަރި ސާފުކޮށްފައި އާމާލް އައުމުން ރަޒާ ގެނެސްފައި ހުރި ދެ ފޮށި އެ ކޮޓަރިއަށް ވެއްދިއެވެ. އެނދުގައި މައިރާ ބައިންދާފައި މަގަތުން ރަޒާ އިށީނެވެ. މައިރާގެ ކޯތާފަތުގައި ރަޒާ ބޮސްދިނެވެ.
"ރަޒާއަށް އުނދަގޫވާނެތަ މިގޭގަ އުޅޭން." މައިރާ އަހާލިއެވެ.
"އަހަރެންގެ ގޭގައި އުޅޭން މައިއަށް އުނދަގޫނުވާއިރު، މައިގެ ފެމެލީ ކައިރީ އުޅޭން ކީއްވެ އުނދަގޫވާންވީ. މީ އަހަރެން ވެސް ބޭނުންވީ ގޮތް. މިކަހަލަ ވަގުތެއްގައި މަންމަގެ ސަޕޯޓްއަކީ ފިރިމީހާގެ ލޯތްބާއެއްވަރަށް މައިއަށް ބޭނުންވާނެ އެއްޗެއް. ދެން އަވަހަށް ރަނގަޅުވާން މަސައްކަތް ކުރަންވީ. އަދި އުންމީދު ގެއްލުވާލާކަށް ނުވޭ. ބޭބީއެއް ލިބޭނެ. އިންޝާﷲ. އެކަމާ ދެން ދެރަނުވައްޗޭ. މައި ރުއީމަ އަހަރެން ގޮތް ހުސްވޭ. ވަރަށް ދެރަވޭ." ރަޒާ ބުންޏެވެ. މާނަވީ ބެލުމަކުން ފިރިމީހާއާ ނަޒަރު ސީދާކޮށްލައިގެން އިނދެ މައިރާ ބޯޖަހާލިއެވެ.
އިރުއޮއްސި ދެ ނަމާދު ދޭތެރޭ އެކަނި އިންނަން މައިރާ ބިރުގަތެވެ. ރަޒާ ވެސް އެގަޑީގަވީ މިސްކިތުގައެވެ. އެހެންޏާ އުޅޭހެން މަލަކް ވެސް އަނގަތަޅާން އޭނާގެ ކައިރިއަށް އައިސް ނޯތެވެ. އެކުއްޖާ މާގިނަ ވާހަކަތަކެއް ދައްކާތީއެއް ވެސް ނުފެނެއެވެ. މާޔަލް ވެސް ދިޔައީ ނަމާދުކުރާށޭ ކިޔާފައެވެ. މަޑުމަޑުން މައިރާ އެނދުން ފޭބިއެވެ. އޭނާ ކޮޓަރިން ނުކުމެގެން އައިސް އާމާލްގެ ކޮޓަރީގައި ޓަކި ދިނެވެ.
"މައިރް." ހުޅުވާލި ދޮރުގައި ހިފަހައްޓާލައިގެން އާމާލް ހުރީ ނަމާދު ދޮޅީގައެވެ. އެއްއަތުގައި ހަތިމް އޮތުމުން އޭނާ އިނީ ކިޔަވަންކަން މައިރާއަށް އެނގުނެވެ.
"މަންމަ ކައިރީ މަޑުކޮށްލަންތަ. އެކަނި އިންނަންވީމަ." މައިރާ ބުންޏެވެ.
"އަވަހަށް އާދޭ." އާމާލް ބުންޏެވެ.
މަންމަގެ އެނދުގައި މައިރާ އިނެވެ. އާމާލް ޤުރުއާން ކިޔަވާ އަޑު އިވެއެވެ. މައިރާއަށް ވިސްނެމުން ދިޔައީ އޭނާއަށް ފެނުނު ހުވަފެނާމެދުއެވެ. ކުރީން ނުފެންނަ ކަހަލަ ހުވަފެން މިހާރު ފެންނަންވީ ސަބަބެއް ވެސް އޭނާއަކަށް ނޭނގެއެވެ.
"މަންމާ." މަޑުމަޑުން މައިރާ ގޮވާލިއެވެ. ކިޔަވަން އިނދެފައި އާމާލް ހޫން ލައްވާލިއެވެ. ދެން އެނބުރި ބަލާލީ މައިރާ އިތުރު އެއްޗެކޭ ނުބުނީމައެވެ.
"ބޭބީ އެބޯޓްވުމުގެ ކުރީން ވަރަށް އެހެން ކަހަލަ ހުވަފެނެއް ފެނުނު." އާމާލްއާ ނަޒަރު ސީދާކޮށްލައިގެން އިނދެ މައިރާ ވާހަކަދެއްކިއެވެ.
"ކޮންކަހަލަ ހުވަފެނެއް." އާމާލްގެ ސަމާލުކަން ދަރިފުޅަށް ހުއްޓުނެވެ. ހަތިމް ލައްޕާލުމާއެކު މައިރާ ކައިރިއަށް ޖެހިލިއެވެ.
(ނުނިމޭ)