ބޮލީވުޑް

"އާޝިގީ 2"ގެ ދެ މިއުޒީޝަނުން ކައިވެނިކުރަނީ

"އާޝިގީ 2"ގެ ރީތި ލަވަތައް އުފެއްދުމުގެ ދެ މޭސްތެރިން ކަމަށްވާ މިއުޒިކް ޑައިރެކްޓަރު މިތޫން އާއި ލަވަކިޔުންތެރިޔާ ޕަލަކް މުއްޗަލްގެ ކައިވެނި ކުރިއަށް އޮތް ނޮވެމްބަރު ހަވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

"އާޝިގީ 2"ގެ ލަވަތަކުގެ މަސައްކަތް ކުރި އިރުން ފެށިގެން މިތޫން އާއި ޕަލަކް އަށް އެކަކު އަނެކަކު އެނގެ އެވެ. ނަމަވެސް އެ މީހުންގެ މެދުގައި އެ ދުވަސްވަރު މާ ރަނގަޅު ގުޅުމެއް އުފެދިފައެއް ނުވެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި މިތޫން އާއި ޕަލަކްގެ ކައިވެންޏަކީ ދެ ފަރާތުގެ އާއިލާއިން ވާހަކަ ދައްކައިގެން ހަމަޖެއްސި ކައިވެންޏެކެވެ.

މި ދެ ފަންނާނުން އެކުގައި ފުރަތަމަ މަސައްކަތްކުރީ "ކެހެ ބި ދޭ" އާއި "ދޫރް ނަ ޖާ" ފަދަ ލަވަތަކުގަ އެވެ.

"އާޝިގީ 2" އަށް މިތޫން މިއުޒިކް ތައްޔާރުކޮށްދިން ލަވަ ތަކުގެ ތެރެއިން "މެރި އާޝިގީ" އާއި "ޗާހޫނ މައި އާނާ" ކިޔާފައިވަނީ ޕަލަކް އެވެ.

ޝްރައްދާ ކަޕޫރާއި އަދިތުޔާ ރޯއީ ކަޕޫރު ކުޅެފައިވާ މި ދެ ލަވައަކީ މިހާރުވެސް ގިނަ ބަޔެއްގެ ފޭވަރިޓެކެވެ.

މިތޫން އަކީ ބޮލީވުޑް ފިލްމުތަކަށް މިއުޒިކް އުފައްދާ މިއުޒިކް ޑައިރެކްޓަރުންގެ ތެރެއިން މިހާރު އެންމެ ބާރަށް ކުރިއަރަމުންދާ އެކަކެވެ.

"ޒެހެރް"، "ކަލްޔޫގް'، 'އަންވަރު"، "ދަ ޓްރޭން"، "މާޑާ 2"، "އާޝިގީ 2"، "ޔާރިޔާން"، "އޭކް ވިލަން"، "ސަނަމް ރޭ"، "ޝިވާއޭ"، "ބާގީ 2'، "ކަބީރް ސިންގް"، "މަލަންގް" އަދި "ރާދޭ ޝާމް"ގެ މިއުޒިކް ކޮމްޕޯސަރަކީ މިތޫން އެވެ.