ބޮލީވުޑް

ރަންބީރު ކަޕޫރާއި މި ކުއްޖާ ވައްތަރުތަ؟

ޖުނައިދު ޝާހް އާއި އެކްޓަރު ރަންބީރު ކަޕޫރު ވައްތަރު ކަމުން ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު ވެސް ވަރަށް ހައިރާން ވެގެން އުޅުނެވެ.

މި ދެ މިހުންގެ ފޮޓޮއަކާއެކު މީގެ އަހަރު ތަކެއް ކުރިން ރިޝީ ކޮށްފައިވާ ޓުވީޓެއްގައި މި ދެ މީހުން ވައްތަރުކަމުން އަޖައިބުވެއްޖެ ކަމަށާއި ނަމަވެސް އޭނާ އެއްވެސް ގޯހެއް ނުހަދާކަން ޔަގީންކަމަށް ލިޔެފައިވެ އެވެ. ނަމަވެސް އުމުރުން އެންމެ 28 އަހަރުގައި ޖުނައިދު ޝާހް ވަނީ މި ދުނިޔެއާ ވަކިވެފަ އެވެ. ހިތް ހުއްޓިގެން ޖުނައިދު މަރުވީ ޝްރީނަގަރުގައި ހުންނަ އޭނާގެ ގޭގަ އެވެ.

ޖުނައިދު މަރުވިއިރު އޭނާ ގެންދިޔައީ ފިލްމު ކުޅޭހިތުން އަނޫޕަމް ކޭރްގެ އެކްޓިން ސްކޫލަށް ވަދެ ކިޔަވަމުންނެވެ.

ޖުނައިދު މަރުވިތާ އެތައް އަހަރެއް ފަހުން މިހާރު ފެނިގެން އުޅެނީ ރަންބީރުއާ ވަރަށް އެއްވައްތަރު ސިފައެއް ޖަހާ ފިރިހެން ކުއްޖެކެވެ.

ނީރަވް ބަޓް ނަމަކަށް ކިޔާ މި ކުއްޖާ ލަވައެއް ކިޔަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ވަނީ ވައިރަލް ވެފަ އެވެ. މި ވީޑިއޯގައި އިވޭ ލަވައިގެ މާނައަށް ވިސްނާލުމުން ނީރަވް އަށް ވެސް އޭނާއާ ރަންބީރާ ވައްތަރުކަން އެނގޭ ކަމަށް ލަފާ ކުރެވެ އެވެ.

ނީރަވްގެ އިންސްޓަގްރާމް ބައޯގައި ބުނެފައިވާ ގޮތުގައި އޭނާއަކީ މޮޑެލް އެކެވެ. އަދި ކުޑަ ރަންބީރު ކަޕޫރުގެ ގޮތުގައި މީހުން އޭނާ ދަނެ އެވެ.

ނީރަވްގެ ވީޑީއޯ ވައިރަލް ވުމުން ކޮމެންޓުކުރި ބައެއް މީހުން އެދިފައިވަނީ ރަންބީރުގެ ފިލްމުތަކުގައި އޭނާގެ ކުޑައިރުގެ ރޯލު ދައްކާނަމަ އެ ރޯލަށް ނީރަވް ލުމަށެވެ.

ދެވަނަ މީހަކު ބުނީ މިއީ ރަންބީރު އާއި އާލިއާގެ ކުޑަ ދަރިފުޅު ކަމަށެވެ.

ތިންވަނަ މީހަކަށް ފާހަގަކުރެވުނީ ކުއްޖާގެ އާއިލީ ނަމަކަށް ބަޓް ކިޔާތީ އެވެ.

ހަތަރު ވަނަ މީހަކު ވަނީ ކުޑަ ނީރަވްއަށް ރަނގަޅު ނަސޭހަތް ދީފަ އެވެ. ސޯޝަލް މީޑިއާ އާއި ދުރުގައި ކުޑައިރުގެ ދުވަސްތައް ހޭދަކުރުމަށެވެ.

ނީރަވް ކުޅެފައިވާ އިޝްތިހާރެއް ރަންބީރުގެ އަންހެނުން އަދި ފިލްމީ ތަރި އާލިއާ ބަޓްގެ ލޮލުގައި ވެސް އަޅައިގަނެ އޭނާ ވަނީ މި އިޝްތިހާރު ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އެހެންކަމުން ނީރަވް އާއި ރަންބީރު އެއްވައްތަރުކަން އާލިއާ އަށް ވެސް އިހްސާސް ކުރެވިފައިވާ ކަމަށް ފޭނުން ބުނެފައި ވެއެވެ.