ހަބަރު

ނަޝީދު ބޭރަށްދާން ހުއްދަ ދިނުމުން މޯދީ ރާއްޖެ ވަޑައިގަންނަވަނީ

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ސަރުކާރުން ދިނުމުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަންނަވަން އުޅުައްވާ ކަމަށް އެގައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއު އެއްގައި އޮފިޝަލް ވިދާޅުވީ ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމުގެ ކުރިން ނަޝީދަށް ލުއެއް ހޯދައިދޭން އެގައުމުގެ ފޮރިން ސެކްރެޓަރީ އެސް ޖައިޝަންކަރު މިދިޔަ ހަފުތާގައި ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ނަޝީދުގެ ފަރުވާ އަށް ދޫކޮށްލުމާ ބެހޭ ގޮތުން ދިވެހި ސަރުކާރާ އެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އަދި ޖައިޝަންކަރުގެ އެ ދަތުރުފުޅަކީ މޯދީގެ ދަތުރުފުޅާއި ގުޅުން ހުރި ދަތުރުފުޅެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މުހައްމަދު ދަ ހިންދޫއަށް ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެއަށް ވަރަށް އަވަހަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މޯދީ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަން އުޅުއްވާ ކަމަށް ހަބަރުތަކުގައި ބުނި ނަމަވެސް ވަކި ތާރީހެއް އަދި ކަށަވަރެއް ނުވެ އެވެ.

ރައީސް ނަޝީދުގެ އަނބި ކަނބަލުން ލައިލާ އަލީ ދަ ހިންދޫ އަށް ވިދާޅުވީ ޖަލުގައި ހުންނެވި އެކަމަނާގެ ފިރިކަލުން ބޭސް ފަރުވާއަށް ބޭރަށް ވަޑަިގަތުމަށް ހުއްދަ ދެއްވުމުން ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށާއި އެމަނިކުފާނަށް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށެވެ.

އަދި ލައިލާ ވަނީ އިންޑިއާ އަށައި ސްރީލަންކާ އަދި އިނގިރޭސިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

"ރައީސް ނަޝީދަށް ޖަލުގައި އަނިޔާ ލިބެމުންދާތާ އެތައް މަހެއް ވެއްޖެ. ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފާނެ ކަމަކަށް ކުރިން ގަބޫލެއް ނުކުރެވޭ. ސަރުކާރުން ނަޝީދަށް ބޭރަށް ދިއުމުގެ ހުއްދަ އެ ދެއްވ ގައުމުތަކުން ބާރު އެޅުމުގެ ސަބަބުން." އެކަމަނާ ލަންޑަނުގައި ހުންނަވާ ދަ ހިންދޫއަށް ފޯނުން ވިދާޅުވި އެވެ.