ހޯޑެއްދޫ

ރަށުގައި މަސްތުވާތަކެތި ގެންގުޅޭ ކަމެއް ނޭނގެ: ހޯޑެއްދޫ ކައުންސިލް

ރަށުތެރޭގައި އެއްވެސް ވަރަކަށް މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް އަދި ބޭނުންކުރަމުންދާ ކަމެއް ކައުންސިލަށް ނޭނގޭ ކަމަށް ގދ. ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވެއްޖެ އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ވާރިޝް ވިދާޅުވީ ހޯނޑެއްދޫގައި މަސްތުވާތަކެތި ގެންގުޅޭކަން ކައުންސިލަށް ނޭނގޭ ކަމަށާއި ރަށުތެރެއިން އެކަހަލަ އެއްވެސް ވާހަކައެއް އަޑުއިވިފައި ނުވާ ކަމަށެވެ.

ވާރިޝް ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުންހުރި ބޮޑު އޮޕަރޭޝަނެއް ފުލުހުން އެރަށުގައި މިވަގުތު ހިންގާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ރަސްމީ އެއްވެސް ސިފައެއްގައި ކައުންސިލްއަށް އެ މައުލޫމާތު ހިއްސާކޮށްފައި ނެތް ކަމަށެވެ.

"އެއްވެސް ރަސްމީ ސިފައެއްގައި އަންގާފައެއް ނެތް. ދޭތެރެއަކުން ފުލުހުން ރަށަށް އަރާ ހަރަކާތްތެރި ވާތީ އޮޕަރޭޝަނެއް ހިންގާކަން އެނގޭ." ވާރިޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފުލުހުން މިވަގުތު ރަށުގައި ނެތް ކަމަށާއި ނަމަވެސް ދޭތެރެދޭތެރެއިން ފުލުހުން ރަށަށް އަރައި ތަންތަން ބަލައި ފާސްކުރަމުންދާ ކަމަށެވެ.

ފުލުހުން މިވަގުތު ހޯޑެއްދޫގައި ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަންގައި އެރަށު ވަލުތެރެއިން 15 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައިވެ އެވެެ. މިކަމާ ގުޅިގެން ވާރިޝް ވިދާޅުވީ ފުލުހުން ހިންގާ އޮޕަރޭޝަންގެ މައުލޫމާތު ކައުންސިލާ ހިއްސާކޮށްފައި ނުވާތީ ފުލުހުން ހޯދި ކަމަށް ބުނާ މަސްތުވާތަކެތީގެ އަދަދެއް ސާފުވެފައި ނެތް ކަމަށެވެ.

ހޯޑެއްދޫގެ ވަލުތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ރަށުތެރެ ވަކިން ހާއްސަކޮށް ވަލުތެރެ އިތުރަށް ބަލަހައްޓަން ކައުންސިލުން މަސައްކަތް ކުރާނެތޯ ސުވާލުކުރުމުން ވާރިޝް ވިދާޅުވީ ވަލުތެރެ އިތުރަށް ބަލަހައްޓަން ކައުންސިލަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

"ތިކަމުގައި ކައުންސިލަށް ކުރެވޭނެ ކަމެއް ނެތް. ހޯޑެއްދޫއަކީ މީހުން ނުޅޭ ސަރަހައްދު ބޮޑުކޮށް އޮތް ރަށެއް. އެހެންވެ އެތަން އިތުރަށް ބެލެހެއްޓޭނީ ފުލުހުންނަށް،" ވިރާޝް ވިދާޅުވި އެވެ.

ހޯޑެއްދޫގައި މިދިޔަ އަންގާރަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. މީގެތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ވަނީ ކުއްލިއަކަށް މަރުވެފަ އެވެ. ފުލުހުން ދަނީ އޭނާގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އާއިލާ އިން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.