ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ އާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާ ދެ ގައުމު ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޝާހިދުގެ މިދަތުރުފުޅުގައި މިނިސްޓާ ފޯ އޭޝިއާ, އެނާޖީ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ލޯޑް ގޯލްޑް ސްމިތާއި، އިނގިރޭސި ސަރުކާރުން ރާއްޖެ ހިމެނޭ ސަރަހައްދުގެ ކަންކަން ބެލުމަށް ކަނޑައަޅާފައި ހުންނަވާ އެންމެ އިސް މަންދޫބުގެ އިތުރުން ޖިންސީ އަނިޔާތައް ހުއްޓުވުމަށް އިނގިރޭސި ބޮޑުވަޒީރު ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބާ ވެސް ބައްދަލުކުރައްވާނެ އެވެ.
މީގެއިތުރުން ޝާހިދުގެ މިދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންނާ ވެސް ޝާހިދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
އޮކްސްފޯޑް ޔޫނިއަން ސޮސައިޓީގައި ޝާހިދު ތަގުރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.
ޝާހިދުގެ މިދަތުރުފުޅު ނިމޭނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގެންފައި މިވަނީ އިނގިރޭސީން ހިސާރުކޮށްގެން އުޅޭ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް ބުނެ މޮރިޝަސް އިން ކުރާ ދައުވާއަށް ދިވެހި ސަރުކާރުން މީގެކުރިން ދެކޮޅު ހަދާފައި އޮތް ސިޔާސަތު ދިވެހި ސަރުކާރުން ބަދަލުކުރުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށެވެ.