މިހާރު ކަލާޒް ޗެނަލުން ދައްކަމުންދާ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 16 ވަނަ ސީޒަންގައި މިސް އިންޑިއާ ރަނަރަޕް މާނިޔާ ސިންގް ބައިވެރިވުމުން ވަރަށް ގިނަ ބަޔަކު އެކަމާ ހައިރާން ވެގެން އުޅުނެވެ. އަދި މިފަދަ ޝޯއެއްގައި މާންޔާ ބައިވެރިވާން ނިންމީ ކީއްވެބާއޭ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
މިހާރު ޚުދު މާންޔާ އަށް ވެސް މި ޝޯގައި ބައިވެރި ވެވުނު މޮޔަ ވަނީ ހިތަށް އަރާފަ އެވެ. ސަބަބަކީ ޝޯގައި ބައިވެރިވުމުގެ ސަބަބުން އޭނާގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެވުން ނޫން ކަމެއް ވެފައި ނެތީމަ އެވެ.
ޝޯގައި ބައިވެރިވުމަކީ މާންޔާ އަށް އެޅުނު ޅަ އެއްޗެއް ކަމަށް ގަބޫލުކުރަނީ އޭނާ އެކަންޏެއް ނޫނެވެ. މި ޝޯގައި މީގެ ކުރިން ބައިވެރިވެފައިވާ މަޝްހޫރު އެތައް ފަންނާނުންނެއް ވެސް އެކަން ގަބޫލު ކުރެ އެވެ. އަދި ޓުވިޓާގައި މާންޔާ އަށް ފާޑުކިޔާފައިވާ ގިނަ ބަޔަކު ވެސް މިކަން ގަބޫލު ކުރެ އެވެ. ސަބަބަކީ މިސް އިންޑިއާ މުބާރާތުގައި މާންޔާ ދެއްކި ހިތްހެޔޮކަމާއި އޯގާތެރިކަން އަދި ރަނގަޅު އަންހެން ކުއްޖެއްގެ އިމޭޖް "ބިގް ބޮސް"ގައި ބައިވެރިވެ މުޅީން ހަރާބު ކޮށްފައިވާތީ އެވެ.
"މި ޝޯގައި އުޅުނު ގޮތުން މާންޔާ އަކީ ރަނގަޅު އިންސާނެއް ނޫންކަން އެންމެންނަށް އެނގިއްޖެ،" މާންޔާއަށް ފާޑުކިޔައި ޓުވީޓްކުރި މީހަކު ލިޔެފައި ވެއެވެ.
ފިލްމީ ބަތަލާ އަދި "ބިގް ބޮސް"ގެ ކުރީ ސީޒަނެއްގެ އެއްވަނަ ހޯދާފައިވާ ގޯހަރް ޚާން ބުނި ގޮތުގައި ހުދު އޭނާ އަކީ ވެސް މިސް އިންޑިއާ އެކެވެ. އެހެންވެ މިސް އިންޑިއާގެ ހައިސިއްޔަތުން މާންޔާ މިފަހަރު އެ ކުރި ކަންތަކާ އޭނާ ވެސް ވަރަށް ހިތްހަމަނުޖެހެ އެވެ.
"މިސް އިންޑިއާ އިންތިޒާމު ކުރާ ފަރާތުން މުސްތަގްބަލްގައި ވިސްނަން ޖެހޭނެ އެ ޝޯގައި ބައިވެރިވާ މީހުން އެހެން ޝޯތަކުގައި އެ ޝޯ އިން ލިބޭ ޓައިޓްލްއެއް ބޭނުން ނުކުރަން. އެމީހުންގެ އަމަލުތައް ބިގް ބޮސް ކަހަލަ ގެއެއްގައި ހުތުރުކޮށް ބަހައްޓައިފިނަމަ މިސް އިންޑިއާ މުބާރާތަށް ވެސް މީހުން މަލާމާތްކުރާނެ،" ގޯހަރް ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.
މާންޔާ އަކީ އުއްތަރު ޕްރަދޭޝްގައި ދިރިއުޅޭ އޮޓޯ-ރިކްޝާ ޑްރައިވަރެއްގެ ދަރިއެކެވެ. މިދިޔަ އަހަރު ބޭއްވި މިސް އިންޑިއާ މުބާރާތުގައި ބައިވެރިވެ ރަނަރަޕް އަކަށް މާންޔާ ހޮވުމުން ވަރަށް ގިނަ ބަޔެއްގެ ލޯބި މާންޔާ އަށް ލިބުނެވެ. އަދި މާންޔާ ކިޔެވި ކޮލެޖުން ވެސް އޭނާގެ މި ކާމިޔާބީ ފާހަގަކުރަން ހަފުލާއެއް ބޭއްވި އެވެ.
އެ ހަފުލާއަށް މާންޔާ އޭނާގެ އާއިލާއާއެކު ދިޔައީ އޭނާގެ ބައްޕަ ދުއްވާ އޮޓޯ-ރިކްޝާގަ އެވެ. އޭނާ ގުދުވެފައި އޭނާގެ މަންމަގެ ފައިގައި އަތްލާ މަންމައަށް އިހުތިރާމް އަދާކުރިތަން ވެސް ފެނުނެވެ. އަދި އުފަލުން ގޮސް ބައްޕަގެ ލޮލުން އައި ކަރުނަތައް ފޮހެދޭތަން ވެސް ފެނުނެވެ. މި މަންޒަރުތައް ބަލާފައި އެންމެންވެސް ގަބޫލުކޮށްގެން ތިބީ މާންޔާ އަކީ ވަރަށް އަޚުލާގު ރަނގަޅު ހިތްހެޔޮ ޒުވާން އަންހެނެއް ކަމަށެވެ.
ނަމަވެސް ބިގް ބޮސްގައި ބައިވެރިވެ އެ ގޭގައި މާންޔާ ހޭދަކުރި ދުވަސްތަކުގައި އޭނާ މިސް އިންޑިއާ ރަނަރަޕްގެ ޓައިޓްލް އަށް ފަހުރުވެރިވެ އެ ވާހަކަ އަބަދާ އަބަދު ދައްކާ ފޮނިކަނޑާފައި ވެއެވެ. އަދި ޓީވީގައި މަސައްކަތްކުރާ ބަތަލުންނާއި ބަތަލާއިންނަށް މަލާމާތްކުރުމުގެ ސަބަބުން ޝޯ ފޮލޯކުރާ ގިނަ އަދަދެއްގެ ފަންނާނުން މާންޔާއާ ހިތްހަމަނުޖެހި ޓުވީޓްތައް ކޮށްފައި ވެއެވެ.
އަދި އެވަރުން ނުވެގެން ބިގް ބޮސް ގޭގައި ތިބި ޓީވީ އެކްޓަރުންނަށް ވެސް މަލާމަތްކޮށް އެމީހުންނާ ޖައްސާލައި، އަރާރުންވެފައި ވެއެވެ. އެހެންވެ އޭނާ ދެކެ ޝޯގެ ބައިވެރިންނާއި ޝޯގެ ފޭނުންގެ ތެރެއިން ގިނަ ބަޔަކު ރުޅިއައިސް ވަރަށް އަވަހަށް ކަޓުވާލައި އޭނާ ވަނީ ބިގް ބޮސްގެ ގެއިން ބޭރަށް ނެރެ ފައެވެ.
ބިގް ބޮސްގައި މާންޔާ ބައިވެރިވެ މިހާ ހަޑިކޮށް ނޫޅުނުނަމަ އޭނާގެ މިޒާޖާއި ފޮނިކަން އެހެން މީހުންނަކަށް މާބޮޑަކަށް ނޭގުނީސް ކަމަށް ބިގް ބޮސްގެ ފޭނުން ގަބޫލު ކުރެ އެވެ.