"އޫންޗާއީ"ގެ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާ މީގެ ކުރިން އުފައްދާފައިވާ ހުރިހާ ފިލްމަކީ ވެސް ބެލުންތެރިންގެ މަގުބޫލުކަން މިހާތަނަށް ވެސް އޮތް ފިލްމު ތަކެކެވެ. "މެއިނޭ ޕިޔާރް ކިޔާ"، "ހަމް އާޕް ކެ ހެ ކޯން"، "ހަމް ސާތު ސާތު ހޭ" އަދި "ވިވާ" ފަދަ ފިލްމުތަކުން ސޫރަޖް ވަނީ އޭނާއަކީ ޖޫދޫއެއް ކަހަލަ ކުޅަދާނަ ޑައިރެކްޓަރެއް ކަން ސާބިތުކޮށްދީފަ އެވެ.
ސޫރަޖް އެންމެ ފަހުން ޑައިރެކްޓްކުރީ 2015ގައި ރިލީޒު ކުރި ސަލްމާން ޚާނާއި ސޯނަމްގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.
"އޫންޗާއީ"ގެ ޓްރެއިލާ މިހާރު ލޯންޗުކޮށްފައިވާއިރު ޓްރެއިލާ ބަލާފައި ގިނަ ބަޔަކު ވަނީ ވަރަށް ޖަޒުބާތީ ވެފަ އެވެ. އެއްބަޔަކު ބުނީ ޓްރެއިލާ ބެލިއިރު ގައިން ހީބިހި ނެގި ކަމަށެވެ. އަދި އަނެއް ބަޔަކު ބުނީ ޓްރެއިލާ ބަލާފައި ރޮވުނު ކަމަށެވެ.
އަމީތާބު ބައްޗަން، އަނޫޕަމް ކޭރް، ޑެނީ ޑެންޒޮޕާ އަދި ބަމަން އިރާނީ އަކީ މި ފިލްމުގައި ވަރަށް ޒަމާންވީ ހަތަރު އެކުވެރިންނެވެ.
މި ކުޅަދާނަ ހަތަރު އެކްޓަރުންނާއެކު ބަތަލާއިންގެ ގޮތުގައި މި ފިލްމުން ފެންނާނީ ޕަރިނީތީ ޗޯޕްޅާ އާއި ނީނާ ގުޕްތާ އަދި ކުރީގެ މަޝްހޫރު ބަތަލާ ސަރީކާ އެވެ.
އެވަރެސްޓް ފަރުބަދައަށް އެރުމަކީ ހަތަރު އެކުވެރިންގެ ތެރެއިން ޑެނީގެ ކެރެކްޓާގެ ހުވަފެނެކެވެ. މި ހުވަފެން ހަގީގަތަކަށް ނުވަނީސް އޭނާ މަރުވަނީ އެވެ. މި އެންމެންނަކީ އުމުރުން ދުވަސްވެ ހަށިގަނޑު ބަލިކަށި ވެފައިވާ ބަޔެއް ނަމަވެސް އެކުވެރިޔާގެ އެންމެ ފަހުގެ ހުވަފެން ހަގީގަތަކަށް ހަދައިދޭން އެމީހުން އަޒުމު ކަނޑައަޅަ އެވެ. އަދި މަރުވި އެކުވެރިޔާގެ ގަބުރު އަންދާލާފައި ނެގި އަޅިކޮޅު އެއްޗަކަށް އަޅައިގެން ފަރުބަދައަށް އަރަން ދަތުރު ފަށަ އެވެ.
"މި ޓްރެއިލާ ބަލާފައި ހިފެހެއްޓުމެއް ނެތި އަހަންނަށް ރޮވުނު،" ފޭނަކު ކުރި ކޮމެންޓެއްގައި ވެއެވެ.
"އަހަރެންގެ ކާފަ އޭނާގެ އެކުވެރިންނާއެކު ގޮސް މި ފިލްމު ބަލާނެކަން ޔަގީން،" ދެވަނަ މީހަކު ލިޔެފައި ވެއެވެ.