ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އަޒުރު އެއާގެ ދަތުރުތައް އަލުން ރާއްޖެއަށް

Oct 30, 2022

އަޒުރު އެއާގެ ދަތުރުތައް އަނެއްކާ ވެސް ރާއްޖެއަށް ފަށައިފި އެވެ.

ރަޝިއާގެ އެއާލައިނެއް ކަމަށްވާ އަޒުރުގެ ދަތުރުތައް ރާއްޖެއަށް ކުރަނީ ޔޫރަޕްގެ ފިނި މޫސުމާ ދިމާކޮށެވެ.

ރަޝިއާގެ ވެރިރަށް -- މޮސްކޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިދަތުރުތައް ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.

ބޮއިން 767 މަރުކާގެ 336 މީހުންގެ ޖާގައިގެ ބޯޓު ތަކެއް ބޭނުންކޮށްގެން ކުރާ މިދަތުރުތައް ހަފްތާގެ ހަތް ދުވަހުވެސް ރާއްޖެއަށް ކުރާނެ އެވެ.

ރަޝިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރަޝިއާއި 128،678 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެގެންދެ އެވެ. އަޒުރު އެއާލައިންއާ އެކު ރަޝިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރެ އެވެ.