މާލޭ ސިޓީ ކައުންސިލް

ގަސް ގަނެފައި ފައިސާ ނުދޭތީ ސިޓީ ކައުންސިލަށް ފާޑުކިޔަނީ

މާލޭ ސިޓީ ކައުންސިލުން އައްޑޫގެ ދަނޑުވެރިއެއް ކަމަށްވާ އަބްދުﷲ ރަމްޒީ އަތުން ގަނެފައިވާ 80 ފޭރު ގަހަށްވާ ފައިސާ ނުލިބިގެން އޭނާ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފި އެވެ.

ރަމްޒީ ބުނީ އޮގަސްޓް 23 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން 80 ފޭރު ގަސް އޭނާ އަތުން ގަނެފައިވަނީ ހަފްތާއެއް ފަހުން ގަސްތަކުގެ އަގު ދޭ ގޮތަށް ކަމަށެވެ. ނަމަވެސް އަދިވެސް އޭނާއަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުންޏެވެ.

އޭނާ ބުނީ ފައިސާ ހޯދުމަށްޓަކައި ފާއިތުވި އެއްމަސް ދުވަސް ތެރޭ ސިޓީ ކައުންސިލަށް ވަރަށް ގިނަފަހަރު ގުޅުމުންވެސް ގަހުގެ އަގު ލިބިފައި ނުވާ ކަމަށެވެ.

ރަމްޒީ ސޯޝަލްމީޑިއާގައި މި ވާހަކަ ދެއްކުމުން ބައެއް މީހުން ބުނީ ސަރުކާރުގެ އެއްވެސް އިދާރާއަކުން ހަފްތާއެއްގެ ތެރޭ ފައިސާ ނުލިބޭނެ ކަމަށާއި ދައުލަތުން ފައިސާއެއް ހޯދާނަމަ މަދުވެގެން އެއްމަސް ދުވަސް ހޭދަވާނެ ކަމަށެވެ.

ރަމްޒީގެ ވާހަކަތަކާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ސިޓީ ކައުންސިލްގެ ބަޖެޓު ހިފަހައްޓާތީ ކިތަންމެ އަވަހަށް ފައިސާ ދޫކުރަން ބޭނުންވި ނަމަވެސް ސިޓީ ކައުންސިލަށް އެކަމާ ގުޅިގެން ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. ރަމްޒީއަށް ލިބެންޖެހޭ ފައިސާ ވަރަށް އަވަހަށް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ސިޓީ ކައުންސިލަށް ކޮންމެ މަހަކު ސަރުކާރުގެ ފަރާތުން ލިބެންޖެހޭ ބަޖެޓް އެބަ ހިފަހައްޓާ. އެހެންވީމާ މި ހާލަތުގައި ފައިސާ ނުދެވުނީމާ ކީއްތޯ ކުރާނީ،" އޮފިޝަލް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ގެންދަނީ މާލޭގެ ކާނިވާ ސަރަހައްދުގައި ގަސް ފިހާރައެއް ހަދައިގެން ގަހުގެ ވިޔަފާރިވެސް ކުރަމުންނެވެ. އެއީ ގާނޫނާއި ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިއެއް ކަމަށް ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީން ވަނީ 10،000 ރުފިޔާ އިން ސިޓީ ކައުންސިލް ޖޫރިމަނާކޮށްފަ އެވެ.