ސުޕްރީމް ކޯޓް

އަރުޝަދު ބަންދުކުރަން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި

Oct 30, 2022
1

ރާއްޖޭގައި އެންމެ ފުޅާކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނާ އަރުޝަދު ހާލިދު ބަންދުގައި ބަހައްޓައިގެން ހައި ކޯޓަށް ހާޒިރުކުރުމަށް ނެރުނު އަމުރު ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ބަންދުގައި ބަހައްޓައިގެން އަރުޝަދު ހައި ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރުނީ ޖޫން ހަތް ވަނަ ދުވަހު އެވެ. އެއީ ގާނޫނާ ހިލާފަށް ނެރުނު އަމުރެއް ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އަރުޝަދު އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ވަނީ އަރުޝަދު ހައްޔަރުކޮށްގެން ހާރިޒުކުރަން ޖޫން ހަތް ވަނަ ދުވަހު ހައި ކޯޓުން ނެރުނު އަމުރުގެ ކުރިން އޭނާއަށް ހާޒިރުވާން އަންގައި ނެރެފައިވާ އަމުރެއް ނެތް ކަމަށެވެ. ހައިކޯޓުގެ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށްވެސް ވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފަ އެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު ގިނަ ދުވަސްތަކަކު ރާއްޖޭން ބޭރުގައި އުޅުމަށްފަހު މާލެ އައުމުން ހައްޔަރުކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް އަރުޝަދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުނުކޮށް ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިޔައީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތީގެ ދައުވާއަކުން ސަލާމަތްވުމުންނެވެ.

އޭނާގެ މައްޗަށް އޭރު ދައުވާ ކުރީ މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން ނުވަ ކިލޯގެ ޑްރަގާއި 4.6 މިިލިއަން ރުފިޔާއާ އަރުޝަދާ ގުޅުންތަކެއް ހުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

ފުލުހުން މިދިޔަ އަހަރު ފަހުކޮޅު ހިންގި މަސްތުވާތަކެތީގެ އިތުރު އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އެކަމުގެ އަޑީގައި ހުރީވެސް އަރުޝަދު ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު އޭނާ ވަނީ ރާއްޖެއިން ފުރާފަ އެވެ.

އަރުޝަދު މިދިޔަ ދުވަސްތަކުގައި ދިރިއުޅެމުން ދިޔައީ ސްރީލަންކާގަ އެެވެ. އޭނާ މާލެ އައިސްފައިވަނީ ލަންކާގައި ހުރެފައި އަމިއްލަ ބޭނުމަކު ދުބާއީ އަށް ދިއުމުން ދުބާއީ އަށް އެތެރެވުމަށް ފުރުސަތު ނުދީ އަނބުރާ ލަންކާއަށް ފޮނުވާލުމުން ލަންކާ އިންވެސް އަރުޝަދު ޑީޕޯޓްކޮށްލުމުންނެވެ.

އަވަސް އަށް އެނގިފައިވާ ގޮތުން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 25 ވަނަ ދުވަހު އަރުޝަދު ހައްޔަރުކުރި އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން އަރުޝަދު އެ ފަހަރު ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގަ އެވެ. ނަމަވެސް ފަހުން އަރުޝަދު ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން މިމަހުގެ 26 ވަނަ ދުވަހު ބުނީ އަރުޝަދު ދޫކޮށްލީ ކޯޓަށް ހާޒިރު ނުކޮށް ކަމަށާއި އަރުޝަދު ދޫކޮށްލީ އޭނާގެ ބަންދު ދެމެހެއްޓޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ކަމަށެވެ.

އަރުޝަދު ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާއިރު އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ހައިކޯޓުން މިމަހުގެ 13 ވަނަ ދުވަހު ވަނީ އަމުރުކޮށްފަ އެވެ.