ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ސިއްހީ ދާއިރާއަށް ފަސް ބިލިއަން ރުފިޔާ ހާއްސަކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ސިއްހީ ދާއިރާގެ ރިކަރަންޓު ހަރަދަށް 4.1 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ކެޕިޓަލް ހަރަދަށް 891 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ ހަރަދަށް އަންނަ އަހަރު 2.5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މެޑިކަލް ސަޕްލައިޒް އަދި ކޮންސިއުމަބަލްސް އަށް 995 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އެކިއެކި ރަށްތަކުގައި ސިއްހީ މަރުކަޒާއި ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމަށް 551 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު ހޮސްޕިޓަލްތަކުގެ ހިންގުމުގެ ހަރަދަށް 418 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
މިސަރުކާރުން ވައުދުވެފައިވާ ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުކުރުމަށް 73 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު ލ. ގަމު ކެންސާ ހޮސްޕިޓަލް ގާއިމުކުރަން 54 މިލިއަން ރުފިޔާ ވެސް ހިމަނާފައިވެ އެވެ.
ސިއްހީ ދާއިރާއިން އަންނަ އަހަރު ފާހަގަކުރެވޭ މަޝްރޫއުތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމާއި ގދ. ތިނަދޫގައި އަލަށް އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލް މަސައްކަތް ހިމެނެ އެވެ.
ސިއްހީ ދާއިރާ އިން އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް ގާއިމުކުރުމާއި އެ ހޮސްޕިޓަލުގައި އައިސީޔޫ އަދި އެންއައިސީޔޫގެ ހިދުމަތްތައް ފެށުމަށް ޑޮމެސްޓިކް ބަޖެޓުން 35.1 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ބޮޑުކުރުމާއި އައިސީޔޫގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް ބަޖެޓުގައި ފައިސާ ހިމަނާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން މިހިނގާ 2022 ވަނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ސިއްހީ ދާއިރާއަށް ކަނޑައެޅީ 4.6 ބިލިއަން ރުފިޔާ އެވެ.