ދުނިޔެ

ބްރެޒިލްގެ ރައީސަކަށް އަނެއްކާވެސް ލޫލާ

ބްރެޒިލްގެ ކުރީގެ ރައީސް ލުއީޒް އިނާސިއޯ ލޫލާ ދަ ސިލްވާ އަނެއްކާ ވެސް ބްރެޒިލްގެ ރައީސް ކަމަސް ވަޑައިގެންފި އެވެ.

ބްރެޒިލް އަށް ރައީސަކާއި ނައިބު ރައީސަކު ހޮވަން މި މަހު ދެވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި ވާދަކުރެއްވި އެއްވެސް ބޭފުޅަކަށް މަގާމާ ހަމައަށް ވަޑައިގެންނެވޭ ވަރަށް ލޯޓު ލިބިވަޑައިގެންފައި ނުވެ އެވެ.

އެހެންކަމުން، އޮކްޓޯބަރު 31 ގައި ބޭއްވި ދެވަނަ ބުރުގައި ބްރެޒިލްގެ މިހާރުގެ ރައީސް ޖައިރު ބޮލްސޮނާރޯގެ މައްޗަށް ލޫލާ ކާމިޔާބު ހޯއްދެވީ އެވެ. ނަތީޖާ ދައްކާ ގޮތުން ލޫލާއަށް 50.9 ޕަސެންޓް އަދި ބޮލްސޮނާރޯ އަށް ލިބިވަޑައިގަތީ 49.1 ޕަސެންޓް އެވެ.

ބްރެޒިލްގެ އިލްކެޝަން އޮތޯރިޓީން ބުނާ ގޮތުން ވޯޓުގެ 99.5 ޕަސެންޓް ގުނާ ނިމުނުއިރު ނަތީޖާ ބުރަވަނީ ލޫލާ, 77, އަށެވެ. އިލެކްޝަނުން އަދި ބުނީ ހިސާބު އަދަދުތައް ދައްކާ ގޮތުން ރައީސްގެ މަގާމު ލޫލާ ކާމިޔާބު ކުރައްވައިފި ކަމަށެވެ.

އާންމު އިންތިހާބުގައި ވޯޓު ގުނަން ފެށިތަނުން -- ފުރަތަމަ ކޮޅުގައި ގިނަ ބަޔަކަށް ހީވެފައި އޮތީ ބޮލްސޮނާރޯ ކާމިޔާބު ކުރައްވާނެ ކަމަށެވެ. އޭނާއަށް ތާއީދުކުރާ ގިނަ ބަޔަކު ވޯޓުގައި ބައިވެރިވި ކަމަށް ޚަބަރުތައް ބުނެ އެވެ.

ބްރެޒިލްގެ އާންމު އިންތިހާބުގައި މި މަހު ކުރީކޮޅު އޮތް ފުރަތަމަ ބުރުގައި ލޫލާއަށް ލިބަވަޑައިގެންފައި ވަނީ ވޯޓުގެ 48 ޕަސެންޓް އެވެ. މިއީ ގަވާއިތު އޮތް ގޮތުން ރައީސްގެ މަގާމަށް ވަޑައިގަނެވޭ ވަރުގެ ނަތީޖާއެއް ނޫނެވެ.

ލޫލާ މީގެ ކުރިން ބްރެޒިލްގައި ވެރިކަން ކުރެއްވީ 2003 އިން 2010 އަށެވެ.

ބޮލްސޮނާރޯ ވިދާޅުވި ގޮތުގައި މިހާ ކުޑަ ފަރަގަކުން އިދިކޮޅު ލީޑަރު މޮޅުވުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ. އޭނާ އަދި ވިދާޅުވި އެހެން އެ ދިމާވީ ބްރެޒިލްގައި ވޯޓުލާ ގޮތުން ކަމަށެވެ.

ބޮލްސޮނާރޯ ވަނީ އިލެކްޝަން އޮތޯރިޓީއަށް ފާޑުވިދާޅުވެ ވޯޓްލާ ނިޒާމް ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ކަމަށް ވަޑައިގަތުމަށް ލޫލާ ވިއްކެވި ސިޔާސަތަކީ ބްރެޒިލުން ފަގީރުކަން ނައްތާލުމެވެ. އޭނާގެ ސަރުކާރެއްގައި ތަފާތުކުރުން ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އިޖުތިމާއީ މަސްލަހަތު އިސްކުރައްވާނެ ކަމަށް ވިދާޅުވެ މުއްސަނދިންގެ އަތުން މިހާރު ނަގާ ޓެކްސް ބޮޑުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ލޫލާ ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ ޖެނުއަރީ 1، 2023 ގައެވެ.