އަންނަ އަހަރަށް ލަފާ ކޮށް 42.7 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ބަޖެޓު ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ކޮވިޑް-19ގެ އިގުތިސާދީ ކާރިސާއާ އާއި ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވުމާއި ގުޅިގެން ދިމާވެފައިވާ ދަތިތައް ކުޑަކޮށް, ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް އަމާޒު ކޮށްގެން ހުށަހަޅާފައިވާ ބަޖެޓެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަކީ މި އަހަރަށް ފާސްކޮށްފައިވާ 36.9 ބިލިއަރުފިޔާގެ ބަޖެޓާ އަޅާ ބަލާއިރު 5.8 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ.
ބަޖެޓު 2023ގެ އުސްއަލިތައް
ބަޖެޓްގެ ޖުމްލަ އަދަދު ކިތަންމެ ބޮޑު ނަމަވެސް މި އަހަރުގެ ބަޖެޓު ޑެފިސިޓާ އަޅާ ބަލާއިރު އަންނަ އަހަރުގެ ބަޖެޓް ދަރަނި ކުޑަ އެވެ. އެގޮތުން މި އަހަރު ފާސްކޮށްފައި އޮތް ބަޖެޓަކީ 12.6 ބިލިޔަން ރުފިޔާ އިން ދަރަނި ބަޖެޓެއް ނަމަވެސް, އަންނަ އަހަރު އެ އަދަދު އުޅޭނީ 8 ބިލިއަން ރުފިޔާގަ އެވެ.
އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ 32.1 ބިލިއަން ރުފިޔާގެ އާމްދަނީގެ 73.3 ޕަސެންޓަކީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 7.7 ޕަސެންޓެވެ. އެހެންކަމުން އަންނަ އަހަރު ހިލޭ އެހީއާ ނުލައި އާމްދަނީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 29.9 ބިލިޔަން ރުފިޔާ އެވެ.
މި އަހަރާ އަޅާ ބަލާއިރު ބަޖެޓް ޑެފިސިޓް ކުޑަވާ މައިގަނޑު ސަބަބަކީ އަންނަ އަހަރުން ފެށިގެން ބައެއް ޓެކްސްތައް ބޮޑު ކުރުމެވެ. އެގޮތުން އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ ރޭޓް 6 އިން 8 ޕަސެންޓަށް ބޮޑު ކުރުމުން, އަންނަ އަހަރުގެ ތެރޭގައި 973.3 މިލިޔަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ޓީޖީއެސްޓީ 12 އިން 16 ޕަސެންޓަށް އުފުލާލުމުން 2.7 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެ އެވެ.
އެހެންކަމުން ޓެކުހަށް ގެންނަ ބަދަލުން އެކަނި ދައުލަތުގެ އާމްދަނީ އަށް ޖުމްލަ 3.7 ބިލިޔަން އަންނަ އަހަރުގެ ތެރޭގައި އިތުރު ވާނެ އެވެ. އަދި ކުރިއަށް އޮތް އަހަރު ތަކުގެ ތެރޭގައި ރާއްޖޭގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައި އޮތް މިންވަރުވެސް މި ބަދަލުގެ ސަބަބުން އިތުރު ވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ބަޖެޓުގެ ހަރަދުތައް
މި އަހަރުގެ ބަޖެޓުގެ 40.6 ބިލިއަން ރުފިޔާ އަކީ ތަފާތު ކަންކަމަށް ކުރަންޖެހޭ ހަރަދުތަކެވެ. ބާކީ 2.1 ބިލިއަން ރުފިޔާ އަކީ ދަރަނި އަދާކުރުމަށް ބަޖެޓުގައި ހިމަނާފައިވާ އަދަދެވެ. އަންނަ އަހަރުގެ ބަޖެޓުން ކުރާ އެންމެ ބޮޑު ހޭދަ އަކީ ވެސް އެހެން އަހަރުތަކާއި އެއްގޮތަށް ރިކަރަންޓް ހަރަދުތަކެވެ. އެގޮތުން ރިކަރަންޓް ހަރަދުތަކަށް ބަޖެޓުގެ ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވާ 40.6 ބިލިއަން ރުފިޔާގެ 67 ޕަސެންޓް ހޭދަކުރަން ޖެހެ އެވެ. ހިސާބުތައް ދައްކާ ގޮތުން އެއީ މި އަހަރަށް ވުރެ 1.9 ޕަސެންޓް އިތުރު އަދަދެކެވެ.
މީގެއިތުރުން ދެން އެންމެ ބޮޑު ހަރަދެއް ކުރަން ކަނޑައަޅާފައިވަނީ އިގްތިސާދީ އަދި ސިނާއީ ކުރި އެރުމަށެވެ. އެ ކަމަށް 10.5 ބިލިޔަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. އެކަމަކު އެއީ މި އަހަރު އެ ދާއިރާ އަށް ކަނޑައަޅާފައި އޮތް 11.9 ބިލިޔަނަށް ވުރެ 1.4 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
ދަރަނި ދެއްކުމާއި އިގްތިސާދީ އުފެއްދުންތެރިކަން
ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރުމަށް 5.5 ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް އިރު އެއީ ވެސް މި އަހަރު އެކަމަށް ކަނޑައަޅާފައި އޮތް 6 ބިލިއަން ރުފިޔާއަށް ވުރެ 500 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ދެން އެންމެ ބޮޑު ހޭދައެެއް ކުރަން ކަނޑައަޅާފައި އޮތީ ސިއްހީ ދާއިރާ އަށެވެ. އެ ދާއިރާ ކުރިއެރުވުމަށް އަންނަ އަހަރު 5 ބިލަން ކަނޑައަޅާފައި އޮތް އިރު މިއީ މި އަހަރު އެކަމަށް ކަނޑައެޅި ވަރަށް ވުރެ ބައި ބިލިއަން އިތުރު އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރުގެ ބަޖެޓް ހެދި އިރު, ކޮވިޑާއި ގުޅިގެން ދަރަންޏަށް ފައިސާ ނަގައިގެން ބަޖެޓް ފައިނޭންސް ކުރުމުން އެކަމުގެ އަގު ކުރިއަށް އޮތް ތަނުގައި ދައްކަން ޖެހޭތީ މުސްތަގުބަލުގެ ޖީލުތަކުގެ ހައްގުތައް ހަނި ނުވާނެ ގޮތަށް އެކަން ރޭވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައިވާ ކަމަށްވެ އެވެ. އެގޮތުން އެންމެ މުހިއްމު ފިޔަވަޅަކީ އުފެއްދުންތެރި ކަމުގެ މިންގަނޑުގެ ނިސްބަތުން ދަރަނި ތިރިކޮށް, ދަރަނި އަނބުރާ ދެއްކުމުގައި އިތުރަށް ބުރަ ބޮޑު ނުވާނެ މިންގަނޑުގައި ދަރަނިން ފައިނޭންސް ކުރާ ހަރަދުތައް ހިފެހެއްޓުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ބާރުވާނެ ކަމަށާއި, އެގޮތުން އުފެއްދުންތެރިކަން 7.6 ޕަސެންޓަށް އަންނަ އަހަރުގެ ތެރޭގައި ކުރި އަރާނެ ކަމަށް ބަޖެޓު ހުށަހަޅުއްވަމުން އަމީރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ވެސް އެ އަދަދު 7.1 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކުރައްވާފައިވެ އެވެ.
ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމާއި, ޓެކްސް ބޮޑު ކުރަން ނިންމުމުން އަގުތަކަށް އަންނަ ބަދަލުތަކާއި އެކު އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން 5.4 ޕަސެންޓަށް އުފުލޭނެ ކަމަށްވެސް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. އެކަމަކު ދުނިޔޭގެ ބާޒާރުގައި އަގުތައް ދަށްވެ, ޓެކުހަށް ގެންނަ ބަދަލުތައް ހަމައަކަށް އެޅުމުން އިންފްލޭޝަން ރޭޓް މެދު ރާސްތާގައި އާންމުކޮށް ހުންނާނީ 2.1 ޕަސެންޓްގައި ކަމަށްވެސް ލަފާކޮށްފައިވެ އެވެ.