ވާހަކަ

އިޙްސާސްވޭ

( 27 އޮކްޓޯބަރ 2022 އާ ގުޅޭ )

"ބޭބީ އެބޯޓްވުމުގެ ކުރީން ވަރަށް އެހެން ކަހަލަ ހުވަފެނެއް ފެނުނު." އާމާލްއާ ނަޒަރު ސީދާކޮށްލައިގެން އިނދެ މައިރާ ވާހަކަދެއްކިއެވެ.

"ކޮންކަހަލަ ހުވަފެނެއް." އާމާލްގެ ސަމާލުކަން ދަރިފުޅަށް ހުއްޓުނެވެ. ހަތިމް ލައްޕާލުމާއެކު މައިރާއާ ކައިރިއަށް އޭނާ ޖެހިލިއެވެ.

"މީހަކު... ނޫން... ހުވަފެނުގަ އެ ފެނުނީ މީހެއްހެން ހިޔެއްނުވޭ މަންމާ... ކަޅު ދުންގަނޑެއްހެން ފެންނަން ހުރީ. ސިފަވަކި ނުވޭ. އެކަމަކު ބައެއް ފަހަރަށް އަންހެނެކޭ ވެސް ހީވޭ... ބިރުން ދުއްވައިގަތީ. އެކަމަކު ދުރަކަށް ނުދެވޭ. ކޮންމެތަނެއްގަ އުޅެފަ ވެސް އައިސް ވަދެވެނީ ރަޒާމެންގޭ އެޕާޓްމެންޓަށް. އެއްވެސް މީހަކު ނުފެނޭ... އެގޮތަށް އުޅެނިކޮށް ކުއްލިއަކަށް ގޭތެރެއިން ދެން ފެނުނީ ކަޅުކަޅު ބޮޑުބޮޑު ހަރުފައެއް. އަހަރެން ހުރިގޮތަށް ދިރިއުވާލިޔަސް އެއަށް ހީވާނީ ކުޑަ ހިކަންޖެއް ކެވުނުހެން... އެހާ ވެސް އޭތި ބޮޑު. ކުރީން ފެނުނު މީހާ ހުރިތޯ ހޯދިން. އެކަމަކު އޭނާއެއް ނުފެނުން. އެހެންވެ ހިތަށް އެރީ އެ ހަރުފައަކީ ފުރަތަމަ އެ ފެނުނު ދުންގަނޑޭ. އޭތި އަހަރެން... އަހަރެންގެ ބަނޑުގައި... މަންމާ..." ކުއްލިއަކަށް މައިރާގެ ކަރުތެރެ ހިކިގެން އައެވެ. ވާހަކަދައްކަން އުނދަގޫވިއެވެ. ހިކި ކެއްސުމެއް ކެއްސަންފެށިއެވެ.

"ފެންފޮދެއް ބޯލަންވީނު." އާމާލް ތެދުވިއެވެ.

އެނދުއަރިމަތީ ކަބަޑުގެ މަތީ ހުރި ތަބަކުގައި ފެންފުޅިއަކާއި މަތިޖަހާފައި ހުރި ބިއްލޫރި ދެ ތަށި ހުއްޓެވެ. ފެންފޮދެއް ތަށްޓަށް އަޅައިގެން މައިރާގެ މަގަތުން އާމާލް އިށީނެވެ. ދަރިފުޅުގެ އަތަށް ބިއްލޫރި ތަށި ލައިދިނެވެ. ބިސްމިން ކިޔާފައި އަވަހަށް އެ ފެންފޮދެއް ބޯލަން އާމާލް ބުންޏެވެ.

ފެންފޮދެއް ބޯލުމަކުން މައިރާގެ އަރުތެރެ ތެމިގެން ނުދިޔައެވެ. އޭނާގެ އަރުތެރޭގައި އެއްޗެއް ތާށިވެފައި ހުރި ކަހަލަ އުނދަގޫކަމެއް އިޙްސާސް ކުރެވެމުންދިޔައެވެ. އެހެންވެ ކެއްސުން ހުއްޓުމަކަށް ނައެވެ. އެނދުމަތިން މައިރާ ފޭބިއެވެ. މަންމާއޭ ގޮވާލަން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އަޑު ވެސް ހީވަނީ ފިތިފައި ހުރީ ހެންނެވެ. މައިރާގެ ގައިގާ ހިފަހައްޓާލި އާމާލްއަށް ހައިރާންކަމެއް ލިބުނެވެ. މަޑުމަޑުން މައިރާގެ ހަށިގަނޑު ހޫނުވަމުން އައިކަން އާމާލްގެ އަތަށް އިޙްސާސް ކުރެވެއެވެ.

"ހުން އަންނަނީތަ؟. މާބޮޑަށް މިކޮޓަރި ފިނީ ކަންނޭނގެ." އާމާލް ލަފާކުރިއެވެ. އޭނާއަށް މައިރާ ކިޔާދިން ވާހަކައާމެދު ވިސްނާނޭ ފުރުޞަތެއް ނުލިބުނެވެ. ކުއްލިއަކަށް މައިރާއަށް އަންނަމުންދިޔަ ބަދަލުތަކުން އާމާލް ވަނީ ނުހަނު ބޮޑަށް ކަންބޮޑުވެފައެވެ.

އޭސީގެ ރިމޯޓު ނަގައި ކޮޓަރީގެ ފިނި ދަށްކުރިއެވެ. މައިރާ އޯކަށް ދެމެންފެށީ އެވަގުތެވެ. ނަމާދު ދޮޅި ނަގައި އެނދުމައްޗަށް އެއްލާފައި ހަލުވިކޮށް ދަރިފުޅު ގޮވައިގެން ފާޚާނާއަށް އާމާލް ވަނެވެ. މައިރާ އޯކަށް ދެމިދެމި ވަރުބަލިވީއިރު ވެސް ކަރުތެރެއިން އެކައްޗެއް ވެސް ނައެވެ. ހިކި ކެއްސުމަކާއެކު އޯކަށް ދަމައިގަތުން ނުހުއްޓުނެވެ. މައިރާގެ ދެ ލޯ ރަތްވެ ދެ ލޮލުން ހޯސްލާފައި ފެންފައިބަމުންދިޔައެވެ. މޭގައި އަމިއްލައަށް ވެސް ފިރުމާލެވުނެވެ. ދެން ކަރުގައި ކަނާއަތް ގެނެސް ޖައްސާލިއެވެ. ކުޑަކޮށް ކަރު ފުއްޕާފައި ހުރިހެން އޭނާއަށް ހީވިއެވެ. މަޑުމަޑުން ކަރުގައި އޭނާ އަތް ހާކާލިއެވެ.

"މައިރް..." ކުއްލިއަކަށް މައިރާ އަނގަޔަށް އަތް ބާނާ ލުމުން އާމާލް ހާސްވެގެން ގޮވާލިއެވެ. ދަރިފުޅުގެ އަތުގައި ހިފެހެއްޓިއެވެ. ނަމަވެސް ދެން ފެނުނު މަންޒަރު އޭނާގެ ހަށިގަނޑާއި ރޫހު ހިނދުކޮޅަކަށް ދެތަންވީ ފަދައެވެ. އާމާލް ހަމައެކަނި ސިހުނީއެއް ނޫނެވެ. ބިރު ވެސް ގަތީއެވެ. މައިރާގެ އަނގައިން އެ ނެރުނީ އިސްތަށިބޮނޑިއެކެވެ. ދަވަތަކާއިއެކުވެފައިވާ ދިގު އިސްތަށިބޮނޑިއެކެވެ. އެއާއެކު މައިރާގެ ކެއްސުން ހުއްޓިއްޖެއެވެ. އިތުރަށް އޯކަށް ދަމާތީއެއް ވެސް ނޫޅެއެވެ. އޭނާ އަވަހަށް އަނގަ ދޮވުނީއެވެ. އަނގައި ތެރޭގައި ކުނި ރަހައެއް ހުރި ކަހަލައެވެ. އަނގަދޮވެގެން އެ ފަކުރުކަން ނުފިލުމުން މައިރާ ވަގުތުން ދަތް އުނގުޅީއެވެ. މައިރާ ހަމައަކަށް އެޅުމުން ދަރިފުޅު ގޮވައިގެން އާމާލް ފާޚާނާއިން ނުކުތެވެ.

"އަހަންނަށް ކިހިނެއް މިވަނީ މަންމާ. އެއީ ކޮންއިސްތަށްޓެއް... އަހަރެން އިސްތަށްޓެއް ނުކަން. އަހަރެން ވަރަށް ބިރުގަނޭ މަންމާ. އަހަރެން މަރުވާންތަ މިއުޅެނީ. ދުވަހަކުވެސް ނުފެނޭ އެކަހަލަ ބިރުވެރި ހުވަފެނެއް. މިހާރު އަބަދު އެއްކަހަލަގެ ހުވަފެން ފެންނަނީ... ނިދަން ވެސް ބިރުގަނޭ." މައިރާއަށް ލިބިފައިވާ ސިހުމާއެކު އޭނާއަށް ރޮވެން ފެށުނެވެ.

"މައިރް ތީ މަންމަގެ އެންމެ ބަސްއަހާ ކުއްޖާ. ދެރަގޮތެއް އިރާދަކުރެއްވިއްޔާ ނުވާނެ. މަރުވަނީއޭ ހިތަށް ނާރުވާ. ބައްޕައާ ވާހަކަދައްކާނަން. މިވަނީ ކިހިނެއްތޯ ބަލާނަން. ދެން ބިރުނުގަނޭ." އާމާލްއަށް ޝައްކުވަނީ އެންމެ ކަމަކަށެވެ. ނަމަވެސް މައިރާ ކައިރީ އެހެން ބުނަން އޭނާ ފަސްޖެހެނީ އެއީ ތެދެއްކަމެއް ޔަގީންނުވާތީއެވެ. ދުވަހަކު ދެކެފައި ނުވިޔަސް ދަރިފުޅުގެ ކިބައިން އެ ފެންނަނީ ސިހުރުގެ އާލާމާތެއްކަން ދެނެގަންނަން އާމާލްއަށް އެނގިއްޖެއެވެ. އަދި ވާނުވާ ނުބަލާ ތިބެވޭކަށްނެތްކަން އާމާލްގެ ޟަމީރު ވެސް އެއްބަސްވެއެވެ.

"ކާކު..." ދޮރުގައި ޓަކި ޖެހި އަޑާއެކު ދެމައިން ދިޔައީ ސިއްސައިގެންނެވެ. އާމާލް ވަގުތުން އަހާލިއެވެ.

"މައްޔު." މާޔަލްގެ އަޑު އިވުނެވެ.

ފުންނޭވާއެއް ދޫކޮށްލައި ނަފްސު ހަމައަކަށް އަޅުވާލި އާމާލް އައިސް ދޮރު ހުޅުވާލިއެވެ. މާޔަލް އައީ މައިރާ ކޮޓަރީގައި ނެތިގެންނެވެ. ހަމައެއާއެކު އޭނާ ހުރީ މަންމަ ގާތު ވާހަކައެއް ބުނަންވެފައެވެ.

"މަންމާ... އެއިޓްގަ ބޭރަށް ދާން... ރިކް... އާއެކީ..." އައިރިކްގެ ނަން ކިޔަންވީމަ މާޔަލްގެ އަޑު މަޑުވެ ލަސްވެލިއެވެ.

މާޔަލްއަށް ބަލަހައްޓައިގެން އާމާލް ހުރީއެވެ. ބުނަންވީ ކީކޭކަމެއް ނުވިސްނިފައެވެ. ކުރީން ހިތަށް ނާރާ ވަސްވާސްތަކެއްގައި ޖެހިފައެވެ. މައިރާއަށް ވީގޮތް ފެނި ދެންތިބި ދަރީންގެ ރައްކާތެރިކަމާމެދު އާމާލް ޖެހިލުންވަނީއެވެ. ގެއިން ބޭރަށް މާޔަލް ނުކުތުމުން ވެދާނޭ ގޮތަކާމެދު އާމާލްއަށް ވިސްނެނީއެވެ. އެ ދަރިފުޅު މަރުގެ ތުންފަތިން ސަލާމަތްވީ ކިރިޔާއެވެ. އެކަމުން އަރައި ގަނެވުނީ އިހަށް ދުވަހުއެވެ. މިހާރު އަނެއްކާ ދޮށްޓަށް ހުރި ދަރިފުޅަށް މިއުޅެނީ ކޮންކަމެއް ލައިގަނެގެންކަން ބުނާކަށް ނޭނގެއެވެ. މި ހުރިހާ ކަމެއްވަނީ ގުޅިފައިބާއޭ އާމާލްގެ ހިތާއި ސިކުނޑި ސުވާލުކުރެއެވެ.

"މަންމާ... ޕްލީޒް." މާޔަލް ކުރިޔަށް ޖެހިލައި މަންމަގެ އަތުގައި ހިފާލިއެވެ.

"މާއްކޮ ފޮނުވަންވީނު މަންމާ. ގޭގައި ހުންނަތާ ކިހާ ދުވަހެއްމިވީ." މާޔަލްއަށް ބަލަން އިން މައިރާ ވާހަކަދެއްކިއެވެ.

"އެކަމަކު ލަސްނުކޮށް އަންނަންވާނެ. ދިހަގަޑިބައިވަންވާއިރަށް އަންނާތި." ދެ ޚިޔާލެއްގައި ހުރެ ވެސް އާމާލް ހުއްދަދީފިއެވެ. އާމާލް ކަނޑައެޅި ޝަރުތާ އެއްބަސްވުމުގެ ގޮތުން ނިކަން އަވަހަށް މާޔަލް ބޯޖަހާލައިފިއެވެ.

އިޝާ ނަމާދުން ފައިބައިގެން މަޒްހަރު ގެއަށް އައެވެ. އޭނާއަށްވުރެ ކުރީން ރަޒާ އަތުވެއްޖެއެވެ. ރަޒާއާއެކު މައިރާ ބައިންދާފައި އާމާލް އައީ މަޒްހަރާއެކު ކޮޓަރިއަށެވެ. މާޔަލް އުޅުނީ ތައްޔާރުވާށެވެ. އައިރިކްއާއެކު ރޭގަނޑުގެ ކެއުމަކަށް ދާން ދަޢުވަތު ލިބިފައި އޮތީމައެވެ.

"މަޒްހަރަށް ވެސް އެބަފެނެއެއްނު. ސިހުރުގެކަމެއްމީ... ޖިންނި ޝައިތާނުންނާ ގުޅިފައި ހުރި ކަމެއް. އެހެންނޫނީ ކިހިނެއް." ފާޚާނާގައި ހުރެފައި އާމާލް ބުންޏެވެ. އޭނާ މަޒްހަރު ގޮވައިގެން ފާޚާނާއަށް ވަނީ މައިރާގެ ކަރުބުޑުން ނެރުނު އިސްތަށިބޮނޑި ދައްކާށެވެ.

"މަޒްހަރު... އެއްޗެކޭ ބުނެބަލަ..." ފާޚާނާއިން ނުކުމެފައި ވެސް މަޒްހަރު ހިމޭންވެ ހުންނާތީ އާމާލްއަށް ބުނެވުނެވެ.

"މައިރާއާ އެގޮތަށް އަޅައިގަންނަންވީ ކީއްވެ. އެކުއްޖާއަށް ލިބިފައިވަނީ ހިތްހެޔޮ މީހުންނާ ގުޅޭ މިޒާޖެއް." މަޒްހަރު އައިސް އެނދުގެ ފައިލާކޮޅުގައި ހުރި ދިގު ގޮނޑީގައި އިށީނެވެ. އޭނާއާ ކުރިމަތިވާނޭހެން އާމާލް މަޑުކޮށްލިއެވެ.

"ތިކަން މުހިންމެއްނޫން. ނޭނގި ހުއްޓާ މީހުންގެ އެސްފީނާ ވެސް ޖެހެނީނު. މީހަކު ހަސަދަވެރިވެދާނެ ކޮންމެފަދަ ކަމަކާ ވެސް. އިންސާނުންގެ ހިތެއް ނޭނގޭނެ. ކަމެއްވެގެންނު ޤުރުއާނުގައި އިންސާނުންގެ ތެރޭގައި ވެސް ޝައިތާނުން ވެޔޭ އޮންނަނީ. މައިރާއަށް އެއުޅެނީ އާދައިކަމެއްނޫން ދިމާވެގެން. އަހަރެން ބުނާނީ ރަޒާމެންގެއިންނޭ އެކަމެއްވެގެން އެއުޅެނީ. މަޒްހަރު ވެސް ވިސްނާލީމަ އެނގޭނެ. އެ ގޭ ދެބެން ކުއްލިއަކަށް މަރުވީ. އެއްކުއްޖަކު ވަކިވިތާ ސާޅީސް ނުވަނީސް އަނެއްކުއްޖާ އެ ދިޔައީ." އާމާލްގެ އަޑުގައިވާ ކަންބޮޑުވުން މަޒްހަރަށް އިޙްސާސް ވެއެވެ. ޚުދު އޭނާ ވެސް އިނީ ހާސްވެފައެވެ. މިއީ ދުވަހަކުވެސް ހަޔާތުގައި ކުރިމަތިލާން ޖެހުނު ކަމެއްނޫނެވެ.

"އަހަރެން ސާޖިދުއާ ވާހަކަދައްކާލާނަން. އޭނާގެ ބޭބެއެއް ހުރޭ މިކަހަލަ ކަންކަމުގަ އުޅޭ." މަޒްހަރު ވިސްނަން އިނދެފައި ބުންޏެވެ.

"އިތުބާރު ހިފޭ ރަނގަޅު މީހަކު ނޫނީ ގެއަށް ނުގެންނާތި." އާމާލްއަށް ބުނެވުނެވެ. އެއީ ފެށުނީއްސުރެ މަޒްހަރު ކައިރީ އާމާލް ބުނާ ވާހަކައެކެވެ. އެ ދެމަފިރިންގެ ތިބީ ތިން އަންހެން ދަރީންނަށް ވީމައެވެ. ގެއަށް ގެންނަ ރަޙުމަތްތެރީންނާމެދު ސަމާލުވާން އާމާލް ހަނދާންކޮށްދެނީ އެހެންވެއެވެ. ނުނިޔަތެއްގައި އޭނާގެ ދަރީންނާ ދިމާއަށް މީހަކު ބަލާލާކަށް ވެސް އާމާލްގެ ހިތެއް ނޭދެއެވެ.

* * * * *

މަގުމައްޗަށް ނުކުތް މާޔަލްއަށް އައިރިކްގެ ކާރު ފެނިއްޖެއެވެ. ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވީ އެއްވެސް އިޚްތިޔާރެއް ނެތިއވެ. ހިތްއަވަސްވީ ވަރުން ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. ހަލުވި ފިޔަވަޅުތަކުގައި އޭނާ އައިސް ކާރާ އަރާ ހަމަކުރަންވީއިރު އައިރިކް ކާރުން ފައިބައިފިއެވެ. ލުއި ހިނިތުންވުމެއް ދެމެދުގައި ބަދަލުކޮށްލެވުނެވެ.

"ހާއި..." މާޔަލްގެ ގާތުގައި ހުއްޓިލައި އަތުގައި ހިފާލަމުން އައިރިކް ބުނެލިއެވެ.

"ލަސްވީތަ." މާޔަލް އަހާލިއެވެ. ޖަވާބެއްގެ ގޮތުން އައިރިކް ދެފަރާތަށް ބޯހޫރާލީއެވެ.

ކާރުގެ ދޮރުފަތް އައިރިކް ހުޅުވާލިއެވެ. މާޔަލް ކާރަށް އެރުމުން ދޮރުފަތް ލައްޕާލާފައި ކާރުގެ ކުރިމަތިންލާފައި ގޮސް ޑްރައިވަރު ސީޓަށް އޭނާ އަރައިފިއެވެ. ކާރު ދުއްވާލިއިރު ދެ ޒުވާނުންގެ ހިތް ވެސް ވަނީ އަވަސްވެފައެވެ. އެހެންވިޔަސް އައިރިކް އެއް އަތް މާޔަލްއާ ދިމާއަށް ދަމާލިއެވެ. އެ އަތްތިލައިގެ ތެރެއަށް މާޔަލްގެ އަތްތިލަ ހެޔޮވަރުކޮށްލިއެވެ.

"އައި ހޭވް މިސްޑް ޔޫ." ތުންފަތުގައި މާޔަލްގެ އަތްތިލަ ގެނެސް ޖައްސާލުމަށްފަހު އައިރިކް ބުނެލިއެވެ.

"އައި ނޯ... އަހަރެން ވެސް ރިކްއާ މީޓުކުރަން ބޭނުންވެފަކަން އެނގެއެއްނު ހުރީ." މާޔަލް ބުންޏެވެ.

"މިހާރު ސިސް ކިހިނެއް؟." އައިރިކް އަހާލިއެވެ. އޭނާއާއި މާޔަލް ކޮންމެ ދުވަހަކުވެސް ފޯނުން ވާހަކަދައްކައެވެ. އެހެންވެ ދެ މީހުންގެ ދިރިއުޅުމާ ގުޅިފައިވާ ހުރިހާކަމެއްހެން އެކަކުއަނެކަކަށް އެނގެއެވެ.

"ރިކަވަރިން... މަންމަ އެހާ ޤަބޫލުހެން ހިޔެއްނުވޭ މިގޮތަށް ރިކްއާއެކީ ބޭރަށްދާން. މިރޭ އަހާލީމަ ހުރީ ނިކަން ފާޑަކަށް. ނަސީބެއް ދޮންތި އެއްކޮޅަށް އެރިކަން." މާޔަލް ބުންޏެވެ.

"އިވާން ނޫންވީމަ ދޯ." އައިރިކް ބުނެލީ ގަޔާނުވެ އިނދެއެވެ. އެ މޫނަށް ބަލަން އިނދެފައި މާޔަލް ހީނލީއެވެ.

"ޑޯންޓް ވޮރީ. އެހެންވެއެއްނޫން. ބޮޑަށް ހީވަނީ މިހާރު މަންމަ ބޭނުންވަނީ އަހަރެން މެރީ ކުރަންހެން." މާޔަލްގެ ވާހަކަ ނުނިމެނީސް އައިރިކް ވާހަކަދެއްކިއެވެ.

"އަހަރެން ވެސް ބޭނުމީ އަވަހަށް މެރީކުރަން. މާޔާ ޤަބޫލުނުވެގެން މަންމަމެން ކައިރިއަށް ނުގެންދެވިފަ ތިއިނީ. މަންމައާއި ބައްޕަ ވެސް އޯކޭ ދީފި. އެމީހުންނަށް މާޔާއަކީ ކާކުކަން މިހާރު ނޭނގިއެއް ނޯންނާނެ. އަހަރެން އުންމީދުކުރީ ވަރަށް އަވަހަށް މެރީ ކުރެވޭނެކަމަށް. އެކަމަކު ހާދަ ދުވަހެކޭ މިނަގަނީ." އައިރިކްގެ އަޑުގައިވީ ޝަކުވާއެވެ. މާޔަލްއާ ދުރުގައި ކެތްކުރުމަކީ އޭނާއަށް ދަތިކަމެއްވީމައެވެ.

"ފަހަރަކު ކަމެއް އެބަދިމާވޭ. އެކަމަކު ދެން އިވާންގެ އުނދަގުލެއް ނުޖެހޭނެ. މަންމަމެން ރޭގަ އެގެއަށް ގޮސް ހުރިހާ ވާހަކައެއް ދައްކާފައޭ އައީ ބުނީމެންނު. އެހެންވީމަ އެކަން އެއޮތީ ނިމިފަ." މާޔަލް ފުންނޭވާއެއް ދޫކޮށްލިއެވެ.

"ކޮންދުވަހަކުން އެހެންވީރު އަހަރެން ދާންވީ. މަންމަމެން ގޮވައިގެން މާޔާގެ ޕޭރެންޓްއާ މީޓުކުރާން. މެރީއޭޖްގެ ވާހަކަ ދައްކަން." އައިރިކްގެ ކެތްތެރިކަން ކުޑަކަން އޭނާގެ ވާހަކަތަކުން ދޭހަވެއެވެ.

"މަންމަ ކައިރީ އަހާފަ އެނގޭނީ. އަދި ނުބުނޭ އިވާންގެ މަންމަމެން ބުނީ ކީކޭ ކަމެއް ވެސް. ދޮންތިގެ ކަންތަކުގައި މަންމަ އުޅެނީ ވަރަށް ދެރަވެގެން. އަނެއްކާ ރަޒާބެގެ ދައްތަ އިހަކަށް ދުވަހު މަރުވެގެން އެއުޅުނީ. އެނގެއެއްނު އެގޭ އެންމެ ކުޑަކުއްޖާ ފާޚާނާގައި މަރުވެފައި އޮއްވާ ފެނުނު ވާހަކަ. ނޫސްތަކުގައި ވެސް އޮތެއްނު. މިކަހަލަ ވަގުތެއްގައި އަހަރެމެންގެ ކައިވެނީގެ ވާހަކަ ދައްކަން ވެދާނެތަ." މާޔަލްގެ ޚިޔާލު ހާމަކުރިއެވެ.

"އެކަމަކު މާޔާ... ތި ހުރިހާ ކަމަކާ އަހަރެމެންނާ ގުޅުމެއްނެތް. ރަނގަޅު ވަގުތު ޖެހެންދެން މިހެން ދުރުގައި ތިބެ ދުވަސްތަކެއް ނަގާލަންވީ ކީއްކުރަން. ދެމީހުން ވެސް މިތިބީ އެއްކަމަކަށް ބޭނުންވެފައި. އަވަހަށް މެރީކުރަން. އެކަމަށް އަހަރެންގެ ފަރާތުން އެއްވެސް ހުރައެއްނެތް. މާޔާ މިހާރު ވެސް ބުނަންވީ. އަހަރެން ހުރިހާކަމެއް ހަމަޖައްސާނަން. މާޔާ ވިސްނާކަށް ނުޖެހޭނެ. ހުރިހާކަމެއް ކޮށްދެވޭނެހާ ޤާބިލްކަން އަހަރެންގެ އަދި އެބަހުރި." އައިރިކްގެ އަތްތިލައިގެ ތެރޭ ހިފަހައްޓާލެވިފައި އޮތް މާޔަލްގެ އަތްތިލައަށް ބާރުކޮށްލުމާއެކު ގެނެސް އޭނާގެ މެޔާ ކައިރިކޮށްލިއެވެ.

"އައި ލަވް ޔޫ ރިކް. އެނގޭ ތީ ކިހާ ޤާބިލް މީހެއްކަން. ދެން ޝަކުވާނުކުރޭ... މަންމަ ކައިރީ ބުނެގެން ދުވަހެއް ހަމަޖައްސާފަ ރިކް ކައިރީ ބުނާނަން." މާޔަލް ބުންޏެވެ. އެ ވާހަކަތައް ޤަބޫލުކޮށްލި ފަދައިން މާޔަލްއަށް ނަޒަރު ސީދާކޮށްލައިގެން އިނދެ އައިރިކް ބޯޖަހާލިއެވެ.

"ކޮންތާކަށް މިދަނީ." މާޔަލް އަހާލިއެވެ.

"އިޓްސް އަ ސްޕްރައިޒް." އައިރިކްގެ ތުންފަތަށް ވެރިވީ ތަފާތު އަސަރެއް އެކުލެވިގެންވީ ހިނިތުންވުމެކެވެ.

* * * * *

މަލަކް ގެއިން ނުކުތް ކަމެއް ގޭގެ އެކަކަށް ވެސް ނޭނގެއެވެ. މައިރާގެ ހުންގަދަވެގެން އެކަމާ މަންމައާއި ބައްޕަ ހާސްވެގެން އުޅުނު ވަގުތު ބަލާފައި އޭނާ ނުކުތީއެވެ. ސައިކަލުގައި އައިސް މަލަކް މަޑުކޮށްލީ މިއުވާނު ބައްދަލުކުރާން ބުނި ހިސާބުގައެވެ. ސައިކަލު މަތީ އިނދެ މިއުވާނަށް މަލަކް ގުޅިއެވެ. އޭނާ ފޯނުކޯލު ނަގާފައި މަލަކް ގާތުގައި އައުމަށް ބުންޏެވެ. އެއާއެކު އެހިސާބުގައި ހުރި އެހެން ސައިކަލުތައް ކައިރިއަށް މަލަކްގެ ސައިކަލު ޕާކުކޮށްފައި އޭނާ ފޭބީ އަތިރިމައްޗަށެވެ. މުޅި ހިސާބުގައިވަނީ ލޮނު ވަސް ހިފާފައެވެ. ރާޅުޖަހާއަޑު އިވިއިވި ހުއްޓެވެ. ދެއަތް އުރާލައިގެން މޫދާ ދިމާއަށް ކުރިމަތި ލައިގެން މިއުވާނު ހުއްޓެވެ. މަލަކް އައިސް ކައިރީގަ ހުއްޓުމާއެކު އޭނާ އެނބުރިލިއެވެ. ފުޅާ ހިނިތުންވުމަކާއެކު މަލަކްގެ ގައިގާ ބައްދާލަން އޭނާ އުޅުނެވެ. ނަމަވެސް ނިކަން އަވަހަށް މަލަކް އޭނާ ހިފެހެއްޓިއެވެ.

"ސޮރީ... ފްރެންޑްލީ ހަގެއްދޭން އުޅުނީ. ކިހާ ދުވަހެއްފަހުން އަހަންނަށް މަލް މިފެނުނީ." މިއުވާނު ބުންޏެވެ.

"މާނު... އައި ނީޑް ޔޯ ހެލްޕް." މަލަކްގެ އަޑުގައި އެއްވެސް ޖޯޝެއްނެތްކަން މިއުވާނަށް ވެސް ފާހަގަވިއެވެ. ކަޅުކުލައިގެ ސްކިނީ ޖީންސަކާއެކު ކަޅުކުލައިގެ ހޫޑީއެއް ލައިގެން ހުރިއިރު އަނދިރިކަމުގެ ތެރެއަށް ވަދެ ގެއްލެން މަލަކް ބޭނުންވެފައި ހުރި ކަހަލައެވެ. މަލަކްގެ ދަތްދޮޅީގައި ހިފައިލާ އުފުލާލަމުން އެ މޫނަށް ފަރުވާތެރިކަމާއެކު މިއުވާނު ބަލާލިއެވެ.

"ޕްލީޒް ހެލްޕް މީ." މަލަކް މިހެން ބުނިއިރު އޭނާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ.

(ނުނިމޭ)